ލ. ގަމުގައި ހިންގި މާރާމާރީއަކާ ގުޅިގެން ފަސް މީހުން ހައްޔަރު ކޮށްފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ގަމުގައި ދެ ބައެއްގެ ދެމެދުގައި މާރާމާރީއެއް ހިންގިކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 29 އަހަރުގެ ތިން ފިރިހެނުންނާއި 35 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ގިނަ ބަޔަކު ބައިވެރިވެގެން މި ފަހުން ހުޅުމާލޭގައި ވެސް މާރާމާރީއެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މި ފަހުން ސޯޝަލް މީޑިއާގައި ވައިރަލްވި އެވެ. މި ވީޑިއޯގައި ދެ ފިރިހެނަކާއި ދެ އަންހެނަކު އެކަކު އަނެކަކު ގައިގައި ތަޅާ މާރާމާރި ހިންގާ މަންޒަރު ފެނެ އެވެ.

މި މައްސަލައިގައި ޝާމިލުވާ އެންމެން ހައްޔަރުކޮށް، އެ އެންމެނަށް ވަނީ ބަންދު މުއްދަތު ޖަހާފަ އެވެ. ގަމުގައި ހިންގި މާރާމާރީ މައްސަލައިގައި މުއްދަތު ޖެހި ކަމަކަށް އަދި މައުލޫމާތެއް ނުލިބެ އެވެ.












