މިއުނިކް (އޮކްޓޫބަރު 26) - ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކުން ކުޅުނު މެޗުގައި 3-1 އިން ފްރައިބާގް އަތުން މޮޅުވިއިރު، ބަޔާންގެ ސަޕޯޓަރުން އެ ކްލަބްގެ ކޯޗު ވިންސެންޓް ކޮމްޕެނީ އަށް އޮތް ލޯބި ދައްކާލުމަށްޓަކައި ދަނޑުގައި ބެނާއެއް ދަމައިފި އެވެ.
މިދިޔަ ހުކުރު ދުވަހު، ބަޔާންގެ ދެ ވަނަ ޓީމުގެ ޓްރެއިނިންގައި ހުއްޓައި، ސިއްހީ ހާލަތު ގޯސްވެގެން، ވަގުތު ހޮސްޕިޓަލަށް ގެންގޮސް ކޮމްޕެނީ އަށް މިހާރު ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްގައި ބާއްވައިގެންނެވެ. ބަޔާނުން ވަނީ ކޮމްޕެނީ ޓީމުގެ ކަންކަމުން ދެން ފެންނާނީ އެއްކޮށް ފިޓްވުމުން ކަމަށް ބުނެފަ އެވެ.
ބަޔާނުން ރިސްކެއް ނުނަގާނެ، ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން
ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން
ފްރެއިބާގް ދަނޑުގައި ރޭ ކުޅުނު މެޗުގެ ކުރިން، ބަޔާން ސަޕޯޓަރުން ދައްކާލި ބެނާގައި ޖަރުމަނު ބަހުން ޖަހާފައިވަނީ، "ގެޓް ވެލް ސޫން - ވިންސެންޓް" މިހެނެވެ. މާނަ އަކީ ކޮމްޕެނީ އަށް އަވަސް ޝިފާ އަކަށް އެދޭ ކަމަށެެވެ.
ބަޔާނުން ރޭގެ މެޗުގައި ކުޅުނުއިރު، ބެންޗުން ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު، އާރޮން ޑެންކްސް އެވެ. މެޗަށް ފަހު، ޑެންކްސް ވަނީ ކޮމްޕެނީގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި، އިތުރު ޓެސްޓްތަކެއް ހެދުމަށް ފަހު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށް ޑެންކްސް ބުނެފައިވެ އެވެ.

ރަށުންބޭރުގައި ކުޅުނު ބަޔާނުން ރޭގެ މެޗުގައި ލީޑުނެގީ 16 ވަނަ މިނިޓްގައި ޑަޔޫޓް އުޕަމެކާނޯ ޖެހި ގޯލުންނެވެ. މިއީ، މައިކަލް އޮލީސޭ ދިން ބޯޅައަކުން އުޕަމެކާނޯ ޖެހި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނެތަނިއަލް ބްރައުން ދިން ބޯޅައަކުން ސާޖް ގްނަބްރީ ވަނީ ބަޔާންގެ ލީޑުފުޅާކޮށްދީފަ އެވެ.
އެކަމަކު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް، ބަޔާންގެ ޓޮމް ބިޝޮފް އަތުން ބައިކޮޅަށް ލަނޑެއް ވަދެ، ފްރައިބާގަށް މެޗުގެ ތެރެއަށް އެނބުރި ވަންނަން ފުރުސަތު ފަހިވި އެވެ. އެކަމަކު، އިތުރު ވަގުތުގެ ތެރޭގައި އޮލީސޭ ވަނީ ބަޔާންގެ ތިން ވަނަ ލަނޑު ޖަހައި، މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ބަޔާން އާއި ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވަނީ ހަތް މެޗުން 17 ޕޮއިންޓް ލިބިފަ އެވެ. ޑޯޓްމަންޑުން ވަނީ މި ހަފްތާގެ މެޗުން އައިންޓްރަކްޓް ފްރޭންކްފާޓް އަތުން 1-0 އިން މޮޅުވެފަ އެވެ. ތިން ވަނައިގައި އޮތް ފްރެއިބާގާއި ހަތަރެއްގައި އޮތް ބަޔާ ލެވަކޫސަން އަށް ވަނީ ހަތް މެޗުން 13 ޕޮއިންޓް ލިބިފަ އެވެ. އަދި، ފަސް ވަނައިގައި އޮތް އާރްބީ ލައިޕްޒިގަށް ވަނީ ހަ ވަނައިގައި އޮތް ވާޑާ ބްރެމެންއާ އެއްވަރަށް ހަތް މެޗުން 12 ޕޮއިންޓް ލިބިފަ އެވެ.












