ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އިޒްރޭލާ ގުޅުން އޮންނަ ޔޫއޭއީގެ މަހުޖަނު މުހައްމަދު އަލައްބާރުގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އެއްބަސްވުމަށް ފަހު، އެ މުއާމަލާތް ގާނޫނީ ގޮތުން ސައްހަ ކުރުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ދިރާސާކުރާއިރު، ސިޔާސީ ޕާޓީތަކާއި ދީނީ އިލްމުވެރިން ހާޒިރު ނުކުރަން ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ނިންމައިފި އެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި، ރިއަލް އެސްޓޭޓް ބިލު ދިރާސާކުރާއިރު، ދީނީ އިލްމުވެރިންނާއި ސިޔާސީ ޕާޓީތައް ކޮމިޓީއަށް ހާޒިރުކުރަން ތޮއްޑޫ ދާއިރާގެ މެންބަރު، ހުސެއިން ސަމީރު ހުށަހެޅުއްވި އެވެ.
ނަމަވެސް، އޭނާގެ ހުށަހެޅުއްވުމަށް އެއްވެސް ބޭފުޅަކު ތާއީދެއް ނުކުރެއްވި އެވެ. އޭގެ ބަދަލުގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ، ހޯރަފުށި ދާއިރާގެ މެންބަރު، އަލީ މޫސާ ހުށަހެޅުއްވީ އެ ބިލަށް އާންމުންގެ ހިޔާލު ހުށަހުޅުމަށް މިއަދުން ފެށިގެން ދެ ހަފުތާގެ މުއްދަތެއް ދިނުމަށެވެ. އެ މުއްދަތު ހަމަވާނީ ޑިސެމްބަރު، 2 ގަ އެވެ.
އޭގެ އިތުރުން ޑިސެމްބަރު 2، ގެ ކުރިން ކަމާގުޅުންހުރި ވުޒާރާތަކުން އެ ބިލާ ގުޅޭ މައުލޫމާތު ހޯދުމަށް ވެސް އަލީ މޫސާ ހުށަހެޅުއްވި އެވެ. މެންބަރު އަލީ މޫސާގެ ހުށަހެޅުއްވުމާ ދެކޮޅަށް ވޯޓުދެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު، ހުސައިން ސަމީރު އެކަންޏެވެ.
އޭގެ ފަހުން، ބިލަށް ހިޔާލު ހޯދަން ހުޅުވައިލާ މުއްދަތުގައި، ލިޔުމުން ޖަވާބު ހޯދާނީ ކޮން ފަރާތްތަކެއްގެތޯ ކަނޑައެޅުމަށް ކޮމިޓީގެ މުގައްރިރު ހުޅުވައިލި ފުރުސަތުގައި ވެސް ދީނީ އަދި، މަދަނީ ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދަން ތޮއްޑޫ ދާއިރާގެ މެންބަރު، ސަމީރު ހުށަހެޅުއްވި އެވެ. ނަމަވެސް، އޭނާގެ ހުށަހެޅުއްވުމަށް އެެއްވެސް އެހެން ބޭފުޅަކު ތާއީދެއް ނުކުރެއްވި އެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ މެންބަރުން ފާސްކުރީ އިކޮނޮމިކް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، އެޓާނީ ޖެނެރަލް އަދި، ވިޒިޓް މޯލްޑިވްސްގެ ހިޔާލު ލިޔުމުން ހޯދުމަށެވެ.
އެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ނިންމީ އަންނަ ޑިސެމްބަރު 7، ގެ ކުރިން ބިލުގެ މަސައްކަތް ނިންމައި ތަޅުމަށް ފޮނުވުމަށެވެ.








