ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑްކޯޗަށް ހުރި ހަންގޭރީގެ އިސްތަވާން އުރްބާނީގެ ކޯޗުކަމުގައި ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ވެސް ދަށް ރެކޯޑަކާ އެކު، މިހާރު ކުރިއަށްދާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 އިން ރާއްޖެ ކަޓައިފި އެވެ.
މިއީ، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވާދަކުރި 13 ފަހަރުގެ ތެރެއިން އެންމެ ދަށް ނަތީޖާއަކާ އެކު މުބާރާތުން ކެޓި ފަހަރެވެ. އެ ގޮތުން، ރާއްޖޭން ކުޅުނު ދެ މެޗުން ބަލިވިއިރު، ލަނޑެއް ވެސް ނުޖެހެ އެވެ. ގްރޫޕްގެ ފުރަތަަމަ މެޗުގައި ޕާކިސްތާން އަތުން 3-0 އިން ބަލިވި ރާއްޖެ އަށް މިއަދު އިންޑިއާއާ ދެކޮޅަށް ރަނގަޅު މޮޅެއް ހޯދައިގެން ނޫނީ ސެމީ ފައިނަލަށް ދެވެން ނެތް މެޗުގައި، އިންޑިއާ އަތުން 1-0 އިން ބަލިވީ އެވެ.

އެންމެ ފަހުން ބޭއްވި ތިން ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. (ފުރަތަމަ ބުރުންނެވެ). ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުރިއަށްދިޔައިރު، ފައިނަލަށް ނުދެ އެވެ. އޭގެ ފަހުން، 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ކެޓި އެވެ. އެ ދެ ފަހަރު ވެސް ރާއްޖޭން ވަނީ މެޗުތަކަކުން މޮޅުވެފަ އެވެ.
މި ފަހަރު އުރްބާނީއާ އެކު ރާއްޖެ ކެޓީ މޮޅެއް ނުލިބި ލަނޑެއް ވެސް ނުޖެހި އެވެ. މި ފަހަރުގެ މުބާރާތުގަައި ލަނޑެއް ނުޖެހި ނިންމާލީ ރާއްޖޭން އެކަންޏެވެ.
މީގެ ކުރިން، އުރްބާނީ ވަނީ 2009، 2011 އަދި 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ކޯޗުކޮށްދީފަ އެވެ. ބަންގްލަދޭޝްގައި 2009 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން އިންޑިއާ އަތަުން ޕެނަލްޓީ ޖަހައިގެން ބަލިވިއިރު، 2011 ވަނަ އަހަރު އިންޑިއާގައި އޮތް މުބާރާތާއި 2013 ވަނަ އަހަރު ނޭޕާލްގައި ބޭއްވި މުބާރާތުން ރާއްޖެ ކެޓީ ސެމީ ފައިނަލުގައި އިންޑިއާ އަތުންނެވެ. އަދި، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސެމީ އަށް ވެސް ނުދެވުނީ އިންޑިއާ އަތްދަށުވެގެންނެވެ.

ބަންގްލަދޭޝްގެ ނެޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗަށް އިންޑިއާ އިން ނުކުތީ ފުރަތަމަ އެގާރަ އަށް ނުވަ ބަދަލެއް ގެެނެސްގެންނެވެ. އެކިއެކި ސަބަބުތަކާ ހުރެ އިންޑިއާ ސްކޮޑަށް ވަނީ ވަރަށް ބޮޑަށް ބަދަލުގެންނަން ޖެހިފަ އެވެ.
ރާއްޖޭން ވެސް ވަނީ މި މެޗަށް ފުރަތަމަ އެގާރަ އަށް ހަތަރު ބަދަލެއް ގެނެސްފަ އެވެ. އެއީ، ޕާކިސްތާން މެޗުގައި ފުރަތަމަ އެގާރައިގައި ކުޅުނު މުހައްމަދު ނާއިމް، އަހުމަދު މާއިޝް ރަޝީދު (މާއި)، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި މުޒްދާން ހަސަންގެ ބަދަލުގައި، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، އަހުމަދު އައިހަމް (އައިހު)، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އަދި ނާއިޒު ހަސަން (ދާދު) އެވެ. މީގެ ތެރެއިން ދާދު އާއި އައިހު އަށް ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮލަށް އެއްވެސް ވަރަކަށް ފުރުސަތެއް ނުދެ އެވެ.
އިންޑިއާއާ ދެކޮޅަށް މޮޅުވުން މަޖުބޫރު މެޗަކަށް ނުކުމެ ވެސް ރާއްޖޭން ފެނުނީ ފަހަތުގައި ތިބެގެން ލިބޭ ބޯޅަތަކުގައި ކުރިއަށް ކުޅޭ ވިސްނުމުގައި ކުޅެން ފެށިތަނެވެ. އިންޑިއާ އިން ބޯޅަ ހިފަހައްޓައިގެން، މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅެމުންދިޔައިރު، އެ ޓީމުގެ ސުހައިލް އަހުމަދު ބަޓް ވަނީ ރަނގަޅު ޝޮޓެއް ފޮނުވާލައިފަ އެވެ. އެ ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.

މެޗުގައި އިންޑިއާ އިން ލީޑުނެގީ 38 ވަނަ މިނިޓްގަ އެވެ. މިއީ ޕެނަލްޓީ އަކުން ސުހައިލް ޖެހި ގޯލެކެވެ. ޕާކިސްތާން ކޮޅަށް އިންޑިއާ އިން ޖެހި ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ސުހައިލް އެވެ. އިންޑިއާ އަށް މި ޕެނަލްޓީ ލިބުނީ، ރާއްޖޭގެ އޭރިއާތެރެއިން ކުރޯ ކުރި ފައުަލަކަށެވެ.
ފުރަަތަމަ ހާފުގައި ރާއްޖޭގެ އައިހު ދެ ހަަމަލާއެއް ފޮނުވާލި އެވެ. ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ބްލޮކްވިއިރު، އޭރިއާބޭރުން ލިބުނު އެހެން ފުރުސަތެއްގައި ޖެހި ޝޮޓް އަމާޒުވީ އިންޑިއާގެ ކީޕަރު، ޕްރިޔާންޝް ޑޫބޭ އަތަށެވެ.
ދާދުގެ ބަދަލުގައި ނާއިމް ދެ ވަނަ ހާފަށް ކުޅެން އަރުވައިގެން ރާއްޖޭން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އަދި، އިންޑިއާ ޑިފެންސް ފަހަތަށް ކުޅުނު ބޯޅައަކަށް ނާއިމް ދުވެފައި އަރަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
މެޗުގެ 80 ވަނަ މިނިޓްގައި ރާއްޖޭގެ އިބްރާހިމް އައިސަމް ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ބޯޅައެއް އިންޑިއާގެ ކީޕަރު ޕްރިޔާންޝް ވަނީ މަތަކޮށްފަ އެެވެ. އޭގެ އިރުކޮޅެއް ފަހުން، ރާއްޖޭގެ ނާއިމަށް އިންޑިއާ އޭރިއާތެރެއިން ކުރި ފައުލަކަށް ރެފްރީ ނިންމީ ޕެނަލްޓީއެއް ދޭން ނުޖެހޭ ކަމަށެވެ.
ބަދަލަކަށް ކުޅެން އެރި ރާއްޖޭ މުޒްދާން ވަނީ 84 ވަނަ މިނިޓްގައި ރަނގަޅު ޝޮޓެއް ފޮނުވާލައިފަ އެވެ. އިންޑިއާ ކުޅުންތެރިން ކައިރިން އޭރިއާތެރެއަށް ބޯޅަ ގެންދިއުމަށް ފަަހު، މުޒްދާން ޖެހި ޝޮޓް ކީޕަރު ޕްރިޔާންޝް ވަނީ ހުއްޓުވައިފަ އެވެ. އަދި، ރާއްޖޭގެ އީތަން އިބްރާހިމް ޒަކީ، މުޅިން ހުސްކޮށް އޭރިއާތެރެއިން ފޮނުވާލި ބޯޅައެއް ވެސް ކީޕަރު ޕްރިޔާންޝް ވަނީ މަތަކޮށްފަ އެވެ.
މިއީ، އިންޑިއާ އިން ރާއްޖެއާ ދެކޮޅަށް ކުޅުނު 23 މެޗުގެ ތެރެއިން ހޯދި 17 ވަނަ މޮޅެވެ. ހަތަރު މެޗުން ރާއްޖެ މޮޅުވިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
އެންމެ ފަހުން ދެ ފަހަރުގެ ސާފް ޗެމްޕިއަނުން، އިންޑިއާ އިން މި ފަހަރުގެ ސެމީ ފައިނަލަށް ދަތުކުރީ ގްރޫޕްގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ.







