ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ ހަރަކާތް، ސާފް ޗެމްޕިއަންޝިޕްގެ 15 ވަނަ މުބާރާތް، ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގައި މިހާރު އެބަކުރިއަށްދެ އެވެ. މުބާރާތުގައި މިއަދު އޮތީ ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗެވެ. އެއް މެޗުގައި ބައްދަލުކުރަނީ ސަރަަހައްދުގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ދެ ގައުމެވެ. ނުވަ ފަހަރު ޗެމްޕިއަންކަން ހޯދި އިންޑިއާ އާއި ދެ ފަހަރު ތަށި އުފުލާލާފައިވާ ރާއްޖެ އެވެ.
މި މެޗަކީ މީގެ ކުރިން ވަކިވަކި ކުޅުންތެރިންގެ ކުރިމަތިލުމުގެ ގޮތުގައި ވެސް މަޝްހޫރު ވި މެޗެކެވެ. އެ ގޮތުން، ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި މިދިޔަ 15 އަހަރު މި މެޗުގެ މެޗުގެ މަގުބޫލުކަން ބޮޑުވުމުގައި އިންޑިއާގެ ލެޖެންޑް، ސުނިލް ޗެތުރީ އާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ)ގެ އިންޑިވިޖުއަލް ވާދަވެރިކަމެއް އޮތީ މި މެޗާ ގުޅިފަ އެވެ.
މިއީ، މިދިޔަ 23 ވަރަކަށް އަހަރު ތެރޭގައި، ދަގަނޑޭ އާއި ޗެތުރީ ނެތި ސާފް ޗެމްޕިއަންޝިޕެއް ކުޅޭ ދެ ވަނަ ފަަހަރެވެ. މީގެ ކުރިން މި ދެ ކުޅުންތެރިންގެ ތެރެއިން އެއްވެސް ކުޅުންތެރިއަކު ނެތި ސާފް ޗެމްޕިއަންޝިޕެއް އޮތީ 2018 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ވެސް ބަންގްލަދޭޝްގައި ބޭއްވިއިރު، އިންޑިއާ އިން ފޮނުވީ ޒުވާން ޓީމެކެވެ. ރާއްޖޭގެ ކޯޗަކަށް ހުރި ޕީޓަ ސެގާޓް އެ ފަހަރު ނިންމީ ދަގަނޑޭ ޓީމަށް ނުނެގުމަށެވެ.
އޭގެ ފަހުން، ބޭއްވި ދެ ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން، 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ދަގަނޑޭ އާއި ޗެތުރީ ވެސް ކުޅުނެވެ. އަދި، ޗެތުރީ ވަނީ އެންމެ ފަހުން، 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ކުޅެ، އެންމެ ފަހު މުބާރާތުގައި ތަށި ވެސް އުފުލާލައިފަ އެވެ.
ކާމިޔާބީ އާއި ރެކޯޑްތައް
ދަގަނޑޭ އާއި ޗެތުރީގެ އަތުގައި ރާއްޖެ އާއި އިންޑިއާގެ ފުޓްބޯޅައިގެ ގިނަ ރެކޯޑްތަކަކާއި ސާފްގެ މުބާރާތްތަކުގެ ރެކޯޑްތަކެއް ވެސް އެބައޮތެވެ. އަދި، މި ދެ ކުޅުންތެރިން އެކުގައި ހިއްސާކުރާ ސާފްގެ ރެކޯޑެއް ވެސް އެބައޮތެވެ.
އެ ގޮތުން، ސާފްގެ މުބާރާތްތަކުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ދަގަނޑޭ އާއި ޗެތުރީ އަތުގަ އެވެ. ދެ ކުޅުންތެރިން ވެސް ވަނީ ޖުމްލަ 23 ގޯލު ސާފްގެ މުބާރާތްތަކުގައި ޖަހައިފަ އެވެ. އެކަމަކު، ދަގަނޑޭ އެ އަދަދަށް ލަނޑު ޖަހާފައިވަނީ، ޗެތުރީ އަށް ވުރެން މަދު މެޗު ކުޅެގެންނެވެ. ސާފްގެ އެއް މުބާރާތެއްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ އަދި އެއް މެޗެއްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ދަގަނޑޭ އަތުގަ އެވެ. ދަގަނޑޭ ވަނީ 2013 ވަނަ އަހަރު ނޭޕާލުގެ ކަތުމަންޑޫގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ޖުމްލަ އެކު 10 ގޯލު ޖަހައިފަ އެވެ. އަދި، އެ ފަހަރުގެ މުބާރާތުގައި ސްރީ ލަންކާ އަތުން 10-0 އިން ރާއްޖެ މޮޅުވި މެޗުގައި ދަގަނޑޭ ވަނީ ދެ ހެޓްރިކް ހަދައިފަ އެވެ.
ދަގަނޑޭ ވަނީ ސާފް ޗެމްޕިއަންޝިޕްގެ ތަށި އެއް ފަހަރު (2008) ވަނަ އަހަރު ހޯދައިފަ އެެވެ. ޗެތުރީ ވަނީ ސާފްގެ ތަށި ހަތަރު ފަހަރު އުފުލާލައިފަ އެވެ. އެއީ، 2011، 2015، 2021 އަދި 2023 ވަނަ އަހަރު އެވެ. މި ހަތަރު ފަހަރު ވެސް މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެތުރީ އެވެ. އަދި، އޭގެ ތެރެއިން ތިން ފަހަރު ޗެތުރީ ވަނީ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ހޯދައިފަ އެވެ. ދަގަނޑޭ ވަނީ ސާފްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު، 2005 އާއި 2013 ވަނަ އަހަރު އަދި މޮޅު ކުޅުންތެރިޔާގެ މަގާމު 2008 ވަނަ އަހަރު ހޯދައިފަ އެވެ.
ޗެތުރީ ރިޓަޔާކޮށްފި، ދަަގަނޑޭގެ ކެރިއަރު ކުރިއަށް
މިހާރު އުމުރުން 42 އަހަރުގެ ޗެތުރީ ވަނީ މިދިޔަ އަހަރު އިންޑިއާ ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ. އެއް ފަހަރު ރިޓަޔާކުރުމަށް ފަހު އަލުން އެނބުރި އައިސް މެޗުތަކެއް ކުޅުމަށް ފަހު އަލުން އިޓަޔާކުރީ އެވެ. މި ވަގުުތު އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)ގައި ބެންގަލޫރު ޓީމަށް ކުޅެމުން އަންނަ ޗެތުރީ އަށް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ޒުވާން ޓީމެއް ނެރޭއިރު ޓީމު ލީޑުކުރުމުގެ ޒިންމާ ހަވާލުކުރަން އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވާހަކަތަކެއް ދެކެވުނު ނަމަވެސް އޭނާ އެކަމަށް އެއްބަސްނުވީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އުމުރުން 41 އަހަރުގެ ދަގަނޑޭ ވަނީ މި އަހަރު ރާއްޖޭގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އެއީ، އޭޝިއަން ކަޕް ކޮލިފައިން އާއި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގަ އެވެ. ޑައިމަންޑް ޖުބިލީ މުބާރާތުގައި އަފްގާނިސްތާނާ ކުޅުނު މެޗުގައި ދަގަނޑޭ ވަނީ ގައުމީ ޓީމަށް 100 ވަނަ މެޗު ހަމަކޮށްފަ އެވެ.
މިދިޔަ މާޗް މަހު 31 ވަނަ ދުވަހު، އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ އަތުން 2-1 އިން ރާއްޖެ މޮޅުވި މެޗަކީ، ތިން އަހަރަށް ފަހު، ދަގަނޑޭ ގައުމީ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗެވެ. އަނިޔާގެ މައްސަލަ ތަކުގެ ސަބަބުން މިދިޔަ ތިން އަހަރު ތެރޭ ދަގަނޑޭ ވަނީ ގިނަ އޮޕަރޭޝަންތަކެއް ކުރަން ޖެހިފަ އެވެ. އޭނާގެ އޮތީ ކުޅުމަށް އެނބުރި އައުމަށް މައިގަނޑު އެއް އަމާޒެވެ.
ރަސްމީކޮށް ގައުމީ ޓީމުން ރިޓަޔާކުރިކަން ދަގަނޑޭ އިއުލާނުކޮށްފައެއް ނުވެ އެވެ. މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅުނު މެޗުތަކުގައި ދަގަނޑޭ ވަނީ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީ، އިންޑިއާ މެޗުގެ ކުރިން މީޑިއާ އަށް ދިން އިންޓަވިއުގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހުން ސީނިއާ ކުޅުންތެރިން ގެންނަން މަސައްކަތް ކުރި ކަމަށް ބުނެފައިވީ ނަމަވެސް އެއީ ކޮން ކުޅުންތެރިންނެއްތޯ ހާމައެއް ނުކުރެ އެވެ.
ސާފް ޗެމްޕިއަންޝިޕްގައި މިއަދު އިންޑިއާ އާއި ރާއްޖޭން އަނެއްކާ ވެސް ވާދަވެރި ކުރިމަތިލުމަކަށް ނުކުންނައިރު، ދެ ޓީމުގައި ވެސް ޒުވާން ގިނަ ކުޅުންތެރިން ގިނަ އެވެ. ސަރަހައްދުގެ ފުޓްބޯޅައިގައި ދަގަނޑޭ އާއި ޗެތުރީގެ ލެގަސީއެއް ކުރިއަށްދާ އެންމެ ބޮޑު ސަބަބަކީ މި ދެ ކުޅުންތެރިން ސާފް ޗެމްޕިއަންޝިޕްތަކުގައި ވެސް ތަފާތު ދައްކާފައިވާތީ އެވެ. އެހެންކަމުން، ރަނގަޅު ކެރިއަރެއް ބިނާކުރަން މިހާރު މި ދެ ގައުމުގެ ސްކޮޑުގައި ތިބި ކުޅުންތެރިންނަށް ވެސް މި މެޗުގެ ބޭނުންހިފިދާނެ އެވެ. މެޗު ފަށާނީ 14:30 ގަ އެވެ.







