އިމިގްރޭޝަން ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމަށް ދެކިގެން ކަމަށާއި، ބިލު މިހާރު އޮތް ގޮތުން އިޒްރޭލުގެ ރައްޔިތުންގެ ތެރެއިން ޑުއަލް ޕާސްޕޯޓް ގެންގުޅޭ މީހުންނަށް ރާއްޖެ އެތެރެވެވޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ އިމިގްރޭޝަން ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކަށް ވަމުންދާ ގޮތް ބަލާފައި މި މައުލޫގައި ދިވެހި ރައްޔިތުންގެ ޖާއިޒު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ, ވާހަކަތައް ދެއްކުމުން މަލާމާތާއި ފުރައްސާރަކުރި ނަމަވެސް، ރައްޔިތުންގެ ހައްގުގައި އެ ވާހަކަތައް ދެއްކުން ހުއްޓާނުލައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިމިގްރޭޝަން ގާނޫނަށް ބަދަލު ގެންނަ އިރު، އަނެއްކާވެސް ޑުއަލް ޕާސްޕޯޓް ގެންގުޅޭ އިޒްރޭލު ރައްޔިތުންނަށް މި ރާއްޖެ އެތެރެވެވޭ ގޮތަށް، ރައްޔިތުން ގަމާރުންނަށް ހަދައިގެން ރައްޔިތުން މަޖިލީހުގައި ގާނޫނު ފާސްކުރާނަމަ ރައްޔިތުންވެސް އެކަން ދެކޭނެ. 2028 ގައި ރައީސް މުއިއްޒަށްވެސް ވޯޓު ކަރުދާސްކޮޅުން އެ ޖަވާބު ދެއްވާނެ،" މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ, ބިލުގެ ކޮމިޓީ މަރުހަލާގައި އިޒްރޭލުގެ ޑުއަލް ޕާސްޕޯޓް ހޯލްޑަރުން ރާއްޖެ އެތެރެވުން މަނާކުރުމަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. އަދި މަޖިލީހުގެ ކޮންމެ މެންބަރަކު މިކަމުގައި ވޯޓު ދެއްވާ ގޮތް ވަކިވަކިން ރައްޔިތުންނަށް ހާމަކުރައްވައި، ރައްޔިތުންނާ ހަމައަށް ގެންގޮސްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ރާއްޖޭގެ މި މަޖިލީހުގައި ކޮންމެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް އިޒްރޭލު ޑުއަލް ޕާސްޕޯޓުގެ މީހުން ދިވެހި ރާއްޖެއަށް އެތެރެވާން ވޯޓު ލާ ގޮތް އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް އަންގާނަން. ވަކި ވަކިން މެންބަރުންގެ ދާއިރާ އަދި ފޮޓޯ ޖަހާނަން. ވަކި ވަކިން ވޯޓިން ރިކޯޑް ދިވެހި ރައްޔިތުންނަށް ހާމަކުރާނަން،" މީކާއިލް ވިދާޅުވި އެވެ.
މީގެ އިތުރުން, މެންބަރުން ވޯޓު ދެއްވާ ގޮތް ދިވެހި ރައްޔިތުން އާންމުކޮށް ހާމަކުރާނެ ކަމަށާއި، 2028 ވަނަ އަހަރުގެ އިންތިހާބުގައި މިހާރު ހިނގަމުންދާ މި ނާގާބިލު އަދި ރާއްޖޭގެ ބިން ވިއްކާ ސަރުކާރު ރައްޔިތުން ނުކުމެ ބަލިކުރާނެ ކަމަށް މީކައިލް ވިދާޅުވެފައިވެއެވެ.
2024 ވަނަ އަހަރުގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށް އަދި އިޒްރޭލުގެ ޕާސްޕޯޓާއެކު ޑުއަލް ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ ނާދެވޭ ގޮތް ހެދުމަށް މީކާއިލް މަޖިލީހަށް ބިލެއް ހުށަހެއްޅުއްވި އެވެ.
ނަމަވެސް ސަރުކާރުން އެ ބިލު ފާސް ކުރި އިރު ކުރީ ބޮޑެތި ބަދަލުތަކެއް ގެނެސް, އެހެން ޕާސްޕޯޓެއް ދައްކައިފި ނަމަ އިޒްރޭލުގެ ޕާސްޕޯޓެއް ގެންގުޅޭ މީހަކަށް ވެސް ރާއްޖެ އެތެރެވެވޭނެ ގޮތަށެވެ. އަދި ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލައިފި ނަމަ އިޒްރޭލުގެ ކޮންމެ މީހަކަށް ވެސް ރާއްޖެ އާދެވޭނެ ކަމަށް ބިލުގައި ބުނެފައި އޮވެ އެވެ.







