ބޯހިޔާވަހިކަމާއި ސިއްހަތަށް ކަނޑައެޅި ދެ ބަޖެޓު ހުސްވިއިރު ހާލަތުވީ އިތުރަށް ގޯސް ކަމަށާއި އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ވެސް މި ސަރުކާރުން އަމަލެއް ނުކުރާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސްކުރައްވަމުން މީކާއިލް ވިދާޅުވީ ބޯހިޔާވަހިކަމުގެ ނަމުން ނަން ދިން ބަޖެޓު ހުސްވިއިރު، ބޯހިޔާވަހިކެމެއް ލިބުނު އެއްވެސް ރައްޔިތަކު ނެތް ކަމަށެވެ. އަދި، ސިއްހަތުގެ ނަމުން ނަން ދިން ބަޖެޓު ހުސްވެގެންދިޔައިރު، މާބަނޑު އަންހެނުންނާއި ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ތަހަންމަލު ކުރަމުންދާ މީހުންނަށް ބޭނުންވާ ބޭސް ވެސް ރާއްޖެެއިން ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އިއްޒަތްތެރި ރައީސް މި ދަންނަވަން ޖެހެނީ، މީގެ ކުރީ ދެ އަހަރު ފާސްކުރެއްވި ބަޖެޓާ އެއްގޮތަށް ވެސް އަމަލެއް ނުކުރެއްވި، މި ބަޖެޓާ އެއްގޮތަށް އަމަލުކުރައްވާނެކަމުގެ އެއްވެސް ޔަގީންކަމެއް ދިވެހި ރައްޔިތުންނަކަށް ނެތް،" މީކާއިލް ވިދާޅުވި އެވެ.
މި މަހުގެ އެއްވަނަ ދުވަހާ ހަމައަށް އައިއިރު، މި އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ކަނޑައެޅި އަދަދުގެ 53 ޕަސެންޓުގައި އަދި އަތްނުލާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ބަހުސްގައި ކިތަންމެ ވަރަކަށް ބޯހިޔާވަހިކަމުގެ ވާހަކަދެއްކެވި ނަމަވެސް އެކަން ގަބޫލު ނުކުރެއްވޭނެ ކަމަށް މީކާއިލް ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުގައި މީކާއިލް ވިދާޅުވީ މިދިޔަ އަހަރުގެ ބަޖެޓަށް ބަހުސްކުރިއިރު، ޑޮލަރުގެ އަގު ބޮޑުވާ މައްސަލައާ ބެހޭ ކަންބޮޑުވުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ފާހަގަކުރެއްވިއިރު، ޑޮލަރުގެ އަގު ހުރީ 21ރ. ގައި ކަމަށެވެ. ނަމަވެސް، މިއަދު އެ އަދަދު ހުރީ 23ރ. ގައި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބަކީ މި ސަރުކާރަށް ކަންކަން މެނޭޖު ކުރަން ނޭނގުމާއި ހަރަދު ކުޑަކުރަން ނޭނގުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ އަަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު، ހުސްވި އަހަރުގެ ބަޖެޓަށްވުރެ ކުޑަ ކަމުގެ ވާހަކަ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ދައްކަވަނީ ރައްޔިތުންނަށް އޮޅުވައިލަން ކަމަށް މީކާއިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަންނަ އަަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބެޖެޓުގެ ޖުމުލަ ކުޑަވި ނަމަވެސް، ސަރުކާރުގެ ހަރަދުތައް ވަނީ އިތުރުކަމަށެވެ.
"ވަރަށް ފަހުރުވެރިކަމާއެކު އެބަ ވިދާޅުވޭ ކުޑަ ބަޖެޓެކޭ، އެހެންނަމަވެސް، އިއްޒަތްތެރި ރައީސް މި ކުޑަ ބަޖެޓުގައި މި ދިމާވާ މައްސަލައަކީ މި ބަޖެޓުގެ ހަރަދު މި ވަނީ މިދިޔަ އަހަރަށްވުރެ ބޮޑު، 3.3 ބިލިއަން ރުފިޔާ ހަރަދު ވަނީ ބޮޑު، އިއްޒަތްތެރި ރައީސް 1.9 ބިލިއަން ރުފިޔާ ޑެފިސިޓް ވަނީ ބޮޑު، ދެން މި ވިދާޅުވާ ކުޑަ ބަޖެޓަކުން އާންމު ރައްޔިތު މީހާއަށް ވަނީ ކޮން ފައިދާއެއްތޯ؟" މީކާއިލް ވިދާޅުވި އެވެ.
ވެރިކަމުގައި ހުންނެވި މުހައްމަދު މުއިއްޒު މިހާރު ކުރައްވަންވީ ހަމައެކަނި ކަމަކީ މަގާމުން އިސްތިއުފާދެއްވުން ކަމަށް މީކާއިލް ވިދާޅުވި އެވެ.








