ދައުލަތުގެ ސްކީމްތަކުން ލިބޭ ފެލްޓާއި ބިމަކީ ދެމަފިރިންނަށް ހަމަހަމަ ހައްގު ލިބޭ މުދަލުގެ ގޮތުގައި ހަމަޖެއްސުމުގެ މަގުސަދުގައި އާއިލާއާބެހޭ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އިސްލާހެއް ހުށަހަޅުއްވައިފި އެވެ.
އެ އިސްލާހު ހުށަހެޅުއްވީ ފްލެޓު ރަޖިސްޓްރީކުރެވެނީ ހުށަހެޅި މީހާގެ ނަމުގައި އެކަނި ކަމަށްވުމުން، ދެމަފިރިން ވަކިވާ ހާލަތެއްގައި އަނެއް މީހާ އާއި އާއިލާއަށް ބޮޑު ނިކަމެތިކަމެއް ލިބޭތީ ކަމަށް ކުޑޫ ވިދާޅުވެފައިވެ އެވެ. ސަރުކާރުން ބޯހިޔާވަހިކަން ދޫކުރަނީ އާއިލާއަށް އަމާޒުކޮށް ކަމަށް ކުޑޫ ވިދާޅުވެފައިވެ އެވެ.
އާއިލާއާ ބެހޭ ގާނޫނުގައި ވަރިވާ ހާލަތްތަކުގައި މުދާ ބަހާނެ ގޮތް ބަޔާންކޮށްފައި އޮތް ނަމަވެސް، މިފަދަ ސްކީމްތަކުން ލިބޭ މުދަލާމެދު އަމަލުކުރާނެ ސާފު އުސޫލެއް ބަޔާންކޮށްފައި ނުވާ ކަމަށް ކުޑޫ ވިދާޅުވި އެވެ. އެ އިސްލާހު ހުށަހެޅުއްވީ އާއިލީ ބޯހިޔާވަހިކަން ކަށަވަރު ކުރުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޑޫ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ފްލެޓެއް ނުވަތަ ބިމަކީ ކައިވެނީގެ މުއްދަތުގައި ލިބިފައިވާ މުދަލެއްނަމަ އެ ކައިވެންޏަށް ލިބިފައިވާ ދަރިންނާއި ކައިވެނީގެ ދެމަފިރިންނަށް ވެސް ހަމަހަމަ ހައްގު އޮންނާނެ މުދަލެވެ.
އެ ނޫން ގޮތަކަށް އެފަދަ މުދަލަކާމެދު އަމަލުކުރެވޭނީ ކޯޓުގައި ރަޖިސްޓްރީވެގެން ދެ މީހުންގެ މެދުގައި، އެކަކަށް ލިބިފައިވާ ހައްގު ދޫކޮށްލުމަށް ހަދާފައިވާ އެއްބަސްވުމަކުން، ނުވަތަ ކޯޓު އަމުރެއްގެ ދަށުން ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. ޝަރީއަތުން ގޮތެއް ކަނޑަނާޅާ މުއްދަތުގައި އެއީ ދެމަފިރިންގެ ހަމަހަމަ ހައްގު އޮންނާނެ މުދަލެވެ.
ދައުލަތުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް މިހާރު ހުށަހެޅެނީ ކައިވެނިކޮށްގެން އުޅޭ މީހުންގެ ތެރެއިން އެކަކަށެވެ.







