އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މަގާމުތަކަށް މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި ބުނެފި އެވެ.
ފިނޭންސުގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ މިހެން ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ ސަބަބުން މުސާރަތަކަށް ކުރި އަަސަރާ ގުޅޭ ގޮތުން މިނިސްޓްރީ އާއި ނޭޝަނަލް ޕޭ ކޮމިޝަންގެ މެންބަރުން ހާޒިރުކޮށްގެން ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި އެވެ.
މި ކޮމިޓީގައި ސާއިދު ވަނީ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކީ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މިހާރުގެ މުސާރަތަކަކީ ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރު ރަނގަޅު މުސާރަތަކެއް ކަމަށް ވިދާޅުވެފަ އެވެ. އަދި، މިއީ ކަނޑައެޅިފައިވާ ހަމަތަކެއްގެ ތެރެއިން ކަނޑައެޅިފައި ހުރި މުސާރަތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުސާރަ ކަނޑައެޅުމުގައި ސަރުކާރުން ގެންގުޅޭ ހަމައަކީ، ސާއިދު ވިދާޅުވި ގޮތުގައި، ލިބޭ އެއްޗަކުން ހަރަދު ކުރެވޭ މިންގަނޑުގެ ތެރޭގައި މުސާރަތައް ހަމަޖެއްސުމެވެ. މި ހަމަތައް ގެންގުޅެނީ، އޭނާ ވިދާޅުވީ، އެ މިންގަނޑުން ބޭރު ވީމައި ދަރަނި ނަގައިގެން އެބައި ފޫބައްދަން ޖެހޭތީ ކަމަށެވެ.
ދަރަންޏަކީ ބޭރުން ދަރަނި ނެގިޔަސް އެތެރެއިން ނެގިޔަސް ދިރިއުޅުމުގެ ހަރަދުތަކަށް އަސަރު ކުރާ ކަމެއްކަމުން އިސްކަންދެނީ އެކަމަށް ބަލައިގެން މުސާރައިގެ ހަރަދު ކަނޑައެޅުން ކަމަށް ސާއިދު ވިދާޅުވި އެވެ.
"މުސާރަ ބޮޑު ވާން އެންމެން ވެސް އެދޭއިރު، އެ މުސާރަ ބޮޑުވާ ގޮތެއް، ދެކޮޅު ޖެހޭ ގޮތަކަށް ވާން ޖެހޭ. އެހެން ނޫން ނަމަ، މި ވާގޮތަކީ ބޮޑުވާ މުސާރައަށް ވުރެ ރަށު ތެރޭގައި ތަކެތީގެ އަގު ވެސް މާ ބާރަށް އުފުލިގެން އާދޭ." އޭނާ ވިދާޅުވި އެވެ.
މި ކޮމިޓީގައި، ޕޭ ހާމަނައިޒޭޝަނާ ގުޅޭ މި މައްސަލަ ހުށަހެޅި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވަނީ، 10 ޕަސެންޓުގައި އޯވާޓައިމް ލިމިޓުކުރުމާ ގުޅިގެން އަންނަ ޝަކުވާތަކާ ގުޅިގެން ސުވާލުކުރައްވާފަ އެވެ. މިއަށް ޖަވާބު ދެއްވަމުން ސާއިދު ވިދާޅުވީ ހެލްތާއި އެޑިޔުކޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އޯވާޓައިމް "ކެޕް" ކުރީ ވަރަށް ވިސްނާފައި ކަމަށެވެ.
"ސަރުކާރުން އެބަ ޖެހޭ މަސައްކަތްތައް ވެސް ރާވައިގެން ކުރެވޭނެ ނިޒާމަކަށް ކަންކަން އަތުރަން. ކޮންމެ ކަމަކީ އޯވާޓައިމްކޮށް މަސައްކަތްކޮށްގެން ކުރަން ޖެހޭ ކަންތައްތަކުގެ ގޮތުގައި ހުރެގެން ނުވާނެ. އެހެން ވީމަ އިތުރު މުވައްޒަފެއް ނަގައިގެން ވިޔަސް ކުރަންޏާމުން ވާކަލައިފް ބެލެންސް އޮންނާނެ ގޮތަކަށް ސަރުކާރުގައި މަސައްކަތް ކުރުވުން މުހިންމު،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މިއީ މަސައްކަތު ގަޑީގައި މަސައްކަތް ނިންމާފައި ގެއަށް ދާން ބާރުއަޅާ ބަދަލެއް ކަމަށް ވެސް ސާއިދު ވިދާޅުވި އެވެ.
މި ބަދަލުތަކާއެކީ، އެއްވެސް މުވައްޒަފެއްގެ މުސާރަތައް ދަށް ނުވާނެ ކަމަށް ސާއިދާއި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވީ ޕޭ ކޮމިޝަންގެ ނައިބު އައިޝަތު ޝާނާ ފާރޫގު ވެސް ވަނީ ވިދާޅުވެފަ އެވެ. މިހެން ނަމަވެސް، ނަހަމަ އުސޫލެއްގެ ތެރެއިން ބޮޑު އާމްދަނީއެއް ގެއަށް ގެންދާ ގެންދިއުމަށް ހަނިކުރުންތަކެއް އަންނާނެ ކަމަށް ސާއިދު ފާހަގަކުރެއްވި އެވެ.
މީގެ މިސާލަކަށް ސާއިދު ނެންގެވީ ދުވާލަކު އޮންނަ 24 ގަޑިއިރަށް ވުރެ އިތުރަށް ބައެއް މުވައްޒަފުން އޯވާޓައިމް ފައިސާ ނަގާފައިވާ މައްސަލަ އެވެ. މިއީ ދިވެހިން ރައްޔިތުން ގަބޫލުކުރާނެ ކަމަށް ނޫން ކަމަށާއި އެ މިންގަނޑުން ބަލާ ނަމަ ގެއަށް ގެންދާ އަދަދު މަދުވެފައި ހުރެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހެން ނަމަވެސް ޖަމާއަތްތެރިން ފަދަ ބައެއް ވަޒީފާތައް އަދާކުރާ މުވައްޒަފުންނާ ގުޅޭ ހައްލު ހޯދައިދޭން ޖެހޭ މައްސަލަތަކެއް ފެންމަތިވީ ކަމަށް ސާއިދު ވެސް އިއުތިރާފުވެވަޑައިގެންނެވި އެވެ. އަދ، ސަރުކާރުން އަންނަނީ ހަމަހަމަކަން ގާއިމުކުރުމަށް ޓަކައި ޕޭ ފްރޭމްވާކްގެ ބޭރުން އެލަވަންސްތައް ދީގެން ވިޔަސް، މުސާރަ ކުޑަ ނުވާނެ ގޮތްތަކެއް ހަމަޖައްސާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރު މުސާރައިގެ ހަރަދަށް ބަޖެޓުކޮށްފައި ވަނީ 14.4 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް ވުރެ 500 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ ތެރެއިން މުސާރައަށް 7.9 ބިލިއަން ރުފިޔާ ހޭދަވާއިރު، އިނާޔަތްތަކަށް 6.5 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ.
ސަރުކާރުން ވަނީ ބަޖެޓު ފޮތުގައި ވެސް ސަރުކާރު މުވައްޒަފުން ނެގުން ލިމިޓުކޮށް، މުވައްޒަފުންގެ ހަރަދުތައް ކޮންޓްރޯލް ކުރަން ފިޔަވަޅުުތަކެއް ހިމަނާފަ އެވެ. މީގެ ތެރޭގައި އިތުރުގަޑީގެ ފައިސާ ދެވޭނެ އެންމެ މަތީ މިންވަރެއް ކަނޑައެޅުމާއި، ވަޒީފާއަށް މީހުން ނެގުމާއި މަސައްކަތްތައް ރޭވިފައިވާ ގޮތް ކޮންޓްރޯލްކޮށް ހިފެހެއްޓުން ހިމެނެ އެވެ. އަދި މަސައްކަތްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓް ކުރުން ހިމެނެ އެވެ.







