ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ އިހްތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން ލޯންޗުކުރުމުގައި ބައިވެރިވާން ސިވިލް ސާވިސްގެ މުވައްޒަފުންނަށް އެ ކޮމިޝަނުން މަޖުބޫރުކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ސަރުކާރު އޮފީސްތަކުގެ ޕާމަނަންޓް ސެކެޓްރީންނާއި ޒިންމާދާރު އިސްވެރިންނަށް މިދިޔަ ހަފްތާގައި ފޮނުވި ސިޓީއެއްގައި އަންގާފައިވަނީ ސަރުކާރުގެ އޮފީސްތަކާއި އެ އޮފީސްތަކުގެ ދަށުން ހިންގާ އެންމެހާ ތަންތަނުގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ލޯންޗިންގައި ބައިވެރިވުމަށް އަންގައި، އެ މުވައްޒަފުން ރަސްމިއްޔާތުގައި ބައިވެރިވާކަން ކަށަވަރުކުރުމަށެވެ.
އިހުތިރާމް އަދާކުރުމުގެ ކެމްޕެއިނަކީ ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ކެމްޕެއިނަކަށްވާތީ ސިވިލް ސާވިސް ކޮމިޝަނުން އެއީ ކާމިޔާބު ކެމްޕެއިނަކަށް ހަދަން ބޭނުންވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
"މި މަޝްރޫއުގެ ހަރަކާތްތަކުގައި ސިވިލް ސާވިސްގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެ، ކާމިޔާބު މަޝްރޫއަކަށް ހެދުމަށް ކޮމިޝަނުން ބޭނުންވާތީ، ތިޔަ އިދާރާއާއި ތިޔަ އިދާރާގެ ދަށުން ހިނގަމުންދާ އިދާރާތަކުގެ ސިވިލް ސާވިސްގެ އެންމެހާ މުވައްޒަފުން މި ރަސްމިއްޔާތުގައި ބައިވެރިވުމަށް އަންގައި ދެއްވައި، އެ މުވައްޒަފުން މި ރަސްމިއްޔާތުގައި ބައިވެރިވާކަން ކަށަވަރުކުރުމަށް އެދި ދެންނެވިން،" ސިވިލް ސާވިސް ކޮމިޝަނުން ސަރުކާރު އޮފީސްތަކުގެ ޕާމަނަންޓް ސެކެޓްރީންނާއި ޒިންމާދާރު އިސްވެރިންނަށް ފޮނުވި ސީޓީގައި ބުންޏެވެ.
ހެރިޓޭޖް މިނިސްޓްރީން ކުރިއަށްގެންދަން ރާވާފައިވާ އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު މާފަންނު ޓްރެކް ސަރަހައްދުގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިހުތިރާމް އަދާކުރުމުގެ ކެމްޕެއިނަށް ހެރިޓޭޖް މިނިސްޓްރީން ވަނީ މިހާތަނަށް ގިނަ ހަރަދުތަކެއް ކޮށްފަ އެވެ. މަޝްރޫއުގެ ޝިއާރަކީ "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" ކަމުގައި ކަނޑައަޅާފައިވާއިރު، އެ ކެމްޕެއިން ކުރިއަށްގެންދަން ނިންމާފައިވަނީ ފަސް އަހަރު ދުވަހަށެވެ.
ގައުމީ ފެންވަރުގައި ގައުމީ އިހުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.








