ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ގައުމީ ހަރަކާތުން ބާއްވާ ބޮޑު އެއްވުން ޑިސެމްބަރު ހަތަރުވަނަ ދުވަހު ބާއްވަން ނިންމައި މި ހަފުތާގެ ހުކުރު ދުވަހުގެރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވަން ނިންމައިފައިވާ ކަމަށް އެ ހަރަކާތުން އިއުލާނުކޮށްފި އެވެ.
ދިވެހީންގެ ބިން ދިވެހީންނަށް ނަމުގައި އުފައްދައިފައިވާ ހަރަކާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ ވިދާޅުވީ އެ ޖަލްސާ ބާއްވާނީ "ރަތް ރޮނގު" ގެ ނަމުގައި ކަމަށެވެ.
"މި އަންނަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ރާއްޖޭގެ ރަށްތަކުން މާލެއަށް މީހުން އައިސްގެން ބާއްވާ ބޮޑު އެއްވުމެއް އަނެއްކާ ވެސް ބޭއްވުމަށް ނިންމާފައި،" މި ފެށޭ ޑިސެމްބަރު މަހުގެ ފުރަތަމަ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމީ މިދިޔަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި މުޒާހަރާގެ ނަތީޖާ ރަނގަޅުވުމުން ކަމަށް އިމްރާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގައުމީ ހަރަކާތުން މިހާރު ކަނޑައަޅައިފައި މިއޮތީ މި އަންނަ ހުކުރު ދުވަހުގެރޭ އިރާދަކުރެއްވިއްޔާ ހުޅުމާލެ ފޭސް ދޭއްގައި އަޅުގަނޑުމެން ބާއްވާނަން 'ރަތް ރޮނގު' މި ނަމުގައި ޖަލްސާއެއް، އެހެންވީމާ ހާއްސަކޮށް ހުޅުމާލޭގައި ދިރިއުޅުއްވާ ބޭފުޅުންނާއި އަދި މާލޭގައި ވެސް ވަޑައިގެންނެވެން ތިއްބެވި ބޭފުޅުން ވަޑައިގެންދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެރޭ ގަދަ ވިއްސާރަ އާއި އެކި ފިއްތުންތަކާއެކު ވެސް އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވުމަކީ އެ ހަރަކާތަށް ރައްޔިތުންގެ ތާއީދު އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި، ހުކުރު ދުވަހުގެރޭ އޮތް އެއްވުމުން އެކަން ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި، މަޖިލީހަށް މިހާރު ހުށަހަޅައިފައިވާ ރިއަލް އެސްޓޭޓް ބިލް ފާސްކުރަން ވޯޓު ނުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް އިމްރާން އިލްތިމާސް ކުރެއްވި އެވެ.
އަދި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ސަރުކާރުން ކުރާ މަސައްކަތް ހުއްޓާ ނުލައިފިނަމަ، ޑިސެމްބަރު 4، ގައި ރާއްޖޭގެ އެކި ކަންކޮޅުގެ މީހުންގެ ބައިވެރިވުމާއެކު މާލޭގައި ބޮޑު އެއްވުމެއް ބާއްވާނެކަމަށް އިމްރާން ވިދާޅުވި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަސްމާލެއާ ދެކޮޅު ގައުމީ ހަރަކާތުން ވަނީ، އެ ހަރަކާތުން މިދިޔަ ހުކުރު ދުވަހު ބޭއްވި ޖަލްސާއަށް އިދިކޮޅު ޕާޓީތަކާއި ސިޔާސީ އެކި ބޭފުޅުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެެވެ.








