ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސްއަށް ދިނުމާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ފެންނަނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ، އެފަދަ ވޯޓެއް ނަގައިފިނަމަ ގިނަ ބަޔަކު އެ ޑީލަށް ނޫނެކޭ ބުނާނެކަން ރައީސަށް އެނގިވަޑައިގަންނަވާތީ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވަނީ އެކަމުގައި ފެންނަނުފެންނަ ވޯޓެއް އެމަނިކުފާނު ނުނަންގަވާނެ ކަމަށެވެ. މި މައްސަލައިގައި ގިނަ މީހުން ގޮވާލަމުން އަންނަނީ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށްފަހު މަޝްރޫއުއާ މެދު ގޮތެއް ނިންމުމަށެވެ.
"ކީއްވެތޯ ރެފެރަންޑަމް އަކަށް މިވަރު ކަމެއްގަ މުޅި ދިވެހިރާއްޖޭގެ ރައްޔިތުން މިވަރަށް މި ވާހަކަ ދައްކަމުން ދާއިރުގައި ނޫނެކޭ ވިދާޅުވަނީ، ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވަނީތާތާ އެހެންވީމަ ރެފެރަންޑަމެއް ނަގައިފިއްޔާމުން ރައްޔިތުންގެ 99 ޕަސެންޓު މީހުން މިއަށް ނޫނެކޭ ބުނާނެކަން،" މިއަދު ދެއްވި އިންޓަވިއުއެއްގައި ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް މީގެކުރިން ކުރެއްވި ފައްޔާޒު ވިދާޅުވީ މިއީ ހަމައެކަނި ރާއްޖޭގައި އޮތް ބިމެއްގައި ބޭރު ބަޔަކު ކުރާ އިންވެސްޓްމެންޓެއްގެ ވާހަކައެއް ނޫން ކަމަށާއި, މިއީ ރާއްޖޭގެ މުސްތަގުބަލާއި ރައްޔިތުކަމާ ގުޅުންހުރި ބައިވަރު ބޮޑެތި ކަންތައްތަކެއް އެކުލެވިގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން އެކަމުގެ ސާފު މައުލޫމާތު ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އަޑުއިވޭ ގޮތަށް ގެންދާ ކަމަށްވަންޏާ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން އެއީ. އެފަދަ ކަމެއް އެގޮތަށް ކުރައްވައިފި ކަމަށްވަންޏާ ދެން އަންނަ ސަރުކާރަކުން އެ މަޝްރޫއުއަށް ބަދަލުތަކެއް ގެންނަން މަޖުބޫރުވާނެ،" މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.
އޭގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލި މުޅި ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ނަމަވެސް، އެއްބަސްވުމުގައި ބޮޑެތި ގޯސްތަކެއް ހުރިނަމަ ދިވެހި ރައްޔިތުންނަށް އެ ބަދަލުތައް ގެންނަން މަޖުބޫރުވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
މުއިއްޒު މިހެން ވިދާޅުވިއިރު، ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެ ކަމަށް މިދިޔަ އަހަރު އެމަނިކުފާނުގެ ޕާޓީން އިސްނަގައިގެން ފާސްކުރި ރިފަރެންޑަމް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
އަދި، ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި އާންމު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހަށް ނިންމިދާނެ ކަމަށް ވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލޭގައި މަޝްރޫއެއް ކުރިއަށް ގެންދަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ދިޔުމަށް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. ނަމަވެސް، އަދި އެ ގަރާރު މަޖިލީހުގައި އެޖެންޑާއެއް ނުކުރެ އެވެ.








