ދީނާއި ގައުމަށް އުނިކަމެއް އަންނަ ކަމަކަށް ތާއީދެއް ނުކުރައްވާނެ ކަމަށާއި އެފަދަ ކަމެއް ކުރާ ބަޔަކާ އެކު ނުހުންނަވާނެ ކަމަށް ހުޅުމާލޭ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.
ހުސައިން ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "މިހިތުގަ ވިންދު ހިނގާހާ ހިނދަކު، ދީނާ ގައުމަށްޓަކާ ވީކޮންމެ ހާލެއްގަ އެކަކަށް މަވާނަން" ކަމަށެވެ.
ހުސެއިން މިފަދަ ޕޯސްޓެއް ކުރައްވާފައި މި ވަނީ އަލައްބާރުގެ ރަސްމާލެ މަޝްރޫއުއަށް ހާއްސަ އިސްތިސްނާތަކެއް ލިބޭ ގޮތަށް އަދި އެ ސަހަރުގައި ޓޫރިޒަމް ގާނޫނުގެ ދަށުން ހުއްދަ ދޭ ތަންތަނުގައި ރަލާއި އޫރުމަސް ވިއްކޭ ގޮތަށާއި ހުސްނުވާ 99 އަހަރަށް ތަންތަން ވިއްކޭ ގޮތަށް ބަޔާންކޮށް، ރިއަލް އެސްޓޭޓު ފޮނުވާފައި ވަނިކޮށެކެވެ.
ހުސައިން ޝަރީފްގެ ޕޯސްޓުގައި ވަކި ކަމެއްގެ ވާހަކަ ސީދާ ބަޔާންކޮށްފައި ނެތުމުން، ރަސްމާލެ މަޝްރޫއަށް ތާއީދުކުރައްވަންތޯ އަދަދު ނޫހުން އޭނާއާ ސުވާލުކުރުމުން، ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި އޭނާ ވިދާޅުވީ އޭނާގެ ހިޔާލު އެ އޮތީ އެކްސް ޕޯސްޓުގައި ކަމަށެވެ.
އޭގެ އިތުރުން، ގައުމުގެ އިސްތިގުލާލަށް ބުރޫއަރާފަދަ އެއްވެސް ކަމަކަށާއި، އިސްލާމް ދީނަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް ދުވަހަކުވެސް ތާއީދު ނުކުރައްވާނެ ކަމަށް ހުސެއިން ވިދާޅުވި އެވެ.
"އަޅުގަނޑުގެ ހިޔާލު އެއޮތީ [އެކްސްގައި]،...އެފަދަ ބަޔަކާއެކު ހުސައިންބެއެއް ނުވާނެ" އޭނާ ވިދާޅުވިއެވެ.
އިޒްރޭލާ ގާތްގުޅުމެއް އޮންނަ ޔޫއޭއީގެ ވިޔަފާރިވެރިޔާ އަލައްބާރުގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ވިއްކާލަން ފުރަތަމަ އެއްބަސްވުމުގައި ސެޕްޓެމްބަރު 21 ގައި ސަރުކާރުން ވަނީ ސޮއިކޮށްފަ އެވެ.
މިކަމާ ގުޅިގެން، އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރި ކުރުވަން މި ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނެ، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިޔުން ހުއްޓާލުމަށް ދީނީ އިލްމުވެރިންނާއި ސިޔާސީ ޕާޓީތަކުން ދަނީ ގޮވާލަމުންނެވެ.







