ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގެ މުޅި އަމާޒު ހުރީ ދިވެހިރާއްޖެ ސެކިއުލާ ކުރުމަށް ކަމަށާއި އެ ބިލުން ހުޅުވައިލަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ވިއްކުމުގެ ދޮރުކަމަށް ކުރީގެ ނައިބުރައީސް، މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ޖަމީލު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމާލޭގައި ވަކި ޒޯނެއް ތަރައްގީކޮށްގެން ބަނގުރަލާއި އޫރުމަސް ވިއްކޭގޮތަށް ރިއަލް އެސްޓޭޓް ގާނޫނުގައި އޮތުމަކީ މީހުން ދިރިއުޅޭ ރަށްެރަށުގައި އެ ތަކެތި ވިއްކުމަށް ހުޅުވޭ ދޮރެއް ކަމަށެވެ.
"މިއަދު ހުށަހެޅި ގާނޫނުން ރަސްމާލޭގެ ވަކި ހޮޓަލެއް ގާއިމުކޮށް އެ ތަނުން ބަނގުރަލާއި އޫރުމަސް ވިއްކުން ހުއްދަ ކުރުމުން މި ހުޅުވާލީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ވިއްކުމުގެ ދޮރު، މި ބިލު ފާސްވާ ދުވަހަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބަނގުރަލާ އޫރުމަސް ވިއްކުމުގެ ލައިސަންސް ލިބިގެންދާނެ ދުވަސް،" ޖަމީލް ވިދާޅުވި އެވެ.
ރަސްމާލޭ ޒޯނުގައި ވަކިން ރަށްތައް ހިއްކައިގެން ބަނގުރަލާއި އޫރުމަސް ވެސް ވިއްކޭ
ރިއަލް އެސްޓޭޓް ބިލުގައިވާ ގޮތުން، ރަސްމާލޭގެ މައި ބިމުގައި ބަނގުރަލާއި އޫރުމަސް މަނާވިޔަސް، އެ ޒޯނުގައި ވަކިން ހިއްކާ ރަށްތަކުގައި ޓޫރިޒަމް ގާނޫނުގެ ދަށުން އެ ތަކެތި ބޭނުންކުރުމުގެ ހުއްދަ ލިބޭނެ. މި ބަދަލާއެކު، އިންޓެގްރޭޓެޑް ޒޯނުގައި ދިރިއުޅޭ މީހުންނަށް ކައިރީގައި އޮންނަ ޓޫރިޒަމް ރަށްތަކުން އެ ހިދުމަތްތައް ލިބިގަނެވޭނެ މަގު ފަހިވެގެންދާނެ.
ޖަމީލް ވިދާޅުވީ ރަސްމާލެއަކީ ދިވެހީން ވެސް ހިމެނޭހެން މީހުން ވަޒަންވެރިވެ ދިރިއުޅޭނެ ރަށެއްކަން މަޖިލީހަށް ހުށަހަޅައިފައިވާ ބިލުން ޔަގީންވާ ކަމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި، އެއީ ދިވެހީންގެ ދީނާއި ގައުމިއްޔަތު ސަލާމަތް ކުރުމގެ ގޮތުން ހިފަހައްޓަމުން އައި ހުދޫދުތަކެއް ކަމަށް ވެސް އޭނާގެ ޕޯސްޓުގައި ލިޔުއްވައިފައިވެ އެވެ.
ނަމަވެސް، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލު ފާސްކޮށްފި ނަމަ، ރާއްޖޭގެ ސިފަތަކާއި ރުކުންތައް ވަޅުލެވޭނެކަމަށް އޭނާގެ ޕޯސްޓުގައި ލިޔުއްވައިފައިވެ އެވެ.
"މިއީ ދިވެހިރާއްޖޭގެ ސިފަތަކާއި ރުކުންތައް ވަޅުލެވޭނެ ދުވަސް. އިސްލާމްދީނުގެ ވަހުދަތު ނިމި ދިވެހި މުޖުތަމައި ބަނގުރަލުގެ މަސްތުގައިޖެހި ފަސާދަވެގެންދާެނ ދުވަސް،" ޖަމީލް ވިދާޅުވި އެވެ.
މިފަދަ ޕޯސްޓެއް ޖަމީލް ކުރައްވާފައިވާއިރު، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ގާނޫނުގައި ވާގޮތުން އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުގައި ވަކިން ހިއްކާ ރަށްތަކުގައި ޓޫރިޒަމް ގާނޫނުގެ ދަށުން ބަނގުރަލާއި އޫރުމަސް ބޭނުންކުރުމުގެ ހުއްދަ ލިބެ އެވެ.
އެ ބިލުގެ 76 ވަނަ މާއްދާގެ ބ. ގައި ބަޔާންކޮށްފައި ވަނީ، އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުގައި ހިމެނޭ ފަޅުތައް ވަކިން ހިއްކައިގެން ޓޫރިޒަމް ފެސިލިޓީތައް ތަރައްގީކުރެވިދާނެ އެވެ. އަދި މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީ ނަމަވެސް، އެފަދަ ތަންތަނުގެ މައްޗަށް ހިނގާނީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގައިވާ އުސޫލުތައް ކަމަށް ބިލުގައި ކަނޑައަޅާފައިވެ އެވެ.
ބިލުގެ 77 ވަނަ މާއްދާގެ ނ. ގެ ދަށުން، ވަކިން ހިއްކާ ރަށްތަކަށް ޓޫރިޒަމް ގާނޫނު ހިނގާތީ، ރާއްޖޭގެ އާންމު ރިސޯޓުތަކެކޭ އެއްފަދައިން އެ ތަންތަނަށް ބަނގުރަލާއި އޫރުމަހުގެ ހުއްދަ ދޭން ހުރަހެެއް ނެތެވެ.
ނަމަވެސް އިންޓެގްރޭޓެޑް ޒޯނުގެ މައިގަނޑު ރިއަލް އެސްޓޭޓް ބައިގައި ބަނގުރަލާއި އޫރުމަސް ބޭނުންކުރުން ބިލުގެ 77 ވަނަ މާއްދާގެ ރ. ގެ ދަށުން ވަނީ ކަނޑައެޅިގެން މަނާކޮށްފަ އެވެ. އެ ތަނުގައި ތަރައްގީކުރާ ތަންތަނަށާއި، ހިންގާ ވިޔަފާރިތަކަށް އަދި ދިރިއުޅޭ އެއްވެސް މީހަކަށް އެފަދަ ތަކެތި އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުމުގެ އެއްވެސް ހުއްދައެއް ނޯންނާނެ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމަކީ މިހާރު ވެސް ގާނޫނުތަކުން ކަނޑައެޅިގެން މަނާ ކަމެކެވެ.








