އަންގާރަ ދުވަހު ބޭއްވި އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާއެކު، އެމެރިކާގެ ގާނޫނު ހަދާ މަޖިލީސް (ކޮންގްރެސް)ގެ ދެ ގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓުގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ވަނީ ހޯދާފަ އެވެ.
އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު މަސައްކަތް ފަށާ އާ ކޮންގްރެސް ފެނިގެންދާނީ، ރިޕަބްލިކަން ޕާޓީން ގާނޫނު ހަދާ މަޖިލީހުގެ މަތިގެ އާއި ތިރިގޭގެ އަގުލަބިއްޔަތު ކޮންޓްރޯލް ކުރި ޓްރަމްޕްގެ ދެވަނަ ދައުރުގެ ފުރަތަމަ ދެ އަހަރާ މުޅިން ތަފާތުކޮށެވެ.
ޓްރަމްޕްގެ ސިޔާސަތުތައް މުރާޖައާކޮށް، ޑިމޮކްރެޓުން ދެކޮޅުހަދާ ގާނޫނުތައް ހުއްޓުވުމުގެ ބާރު އެ ޕާޓީއަށް ލިބުނު ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަކަށް ކުރެވޭނެ ގިނަ ކަންތައްތަކެއް އަދިވެސް އެބަ ހުއްޓެވެ.
ސިޔާސީ ގޮތުން މިވަގުތު ހުރި މުހިންމު މައްސަލަތަކާއި، ކޮންގްރެސްގެ އަގުލަބިއްޔަތު ޑިމޮކްރެޓުންނަށް ލިބުމުން އެ ކަންކަމަށް ބަދަލުތަކެއް އައުން އެކަށީގެންވެ އެވެ.
އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ
މިޑްޓާމް އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ދައުރެއް އޮތްކަމަށް ޓްރަމްޕް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. ފޮކްސް ނިއުސްއަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އީރާނުގެ މައްސަލައަކީ މީގެ ބައެއް، އެކަމަކު ހަމައެއާއެކު އީރާނާ މެދު އަޅުގަނޑު އެޅި ފިޔަވަޅުތަކުގެ މުހިންމުކަން ރައްޔިތުންނަށް ވިސްނޭ،" ކަމަށެވެ.
ތަކެތީގެ އަގުބޮޑުވުމާއި، ތެލާއި ކާބޯތަކެތީގެ އަގު އުފުލުމުގެ ސަބަބުން އާންމުންގެ މެދުގައި އުފެދުނު ނުތަނަވަސްކަމަކީ ރިޕަބްލިކަން ޕާޓީއާ ދެކޮޅަށް ވޯޓު ދިނުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކެވެ. ޑިމޮކްރެޓުން ވަނީ ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމާއި ގައުމުގެ އެތެރޭގެ ހަރަދުތަކަށް ބާރުއަޅައި ކެމްޕޭން ކޮށްގެން މި ފުރުސަތުގެ ބޭނުން ހިފާފަ އެވެ.
ޓްރަމްޕް، އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ފެއްޓެވީ މިދިޔަ ފެބުރުއަރީ މަހު ކޮންގްރެސްގެ ހުއްދައެއް ނެތި އެވެ. އޭނާއަށް އަދިވެސް ހަމަލާދިނުމުގެ އަމުރު ނެރެވުނު ނަމަވެސް، އާ ކޮންގްރެސްގެ ފަރާތުން ހުރަސްތަކެއް ކުރިމަތިވާނެ އެވެ. މިހާރު ހިނގަމުންދާ ސަރުކާރުގެ ބަޖެޓު ބިލުގެ މުއްދަތު ޑިސެމްބަރު 11 އަށް ހަމަވުމުން، އިތުރު ފައިސާ ދޫކުރުން ހުއްޓުވުމުގެ ބާރު ގާނޫނު ހަދާ މަޖިލީހަށް އޮތުމަކީ ޓްރަމްޕްގެ އަސްކަރީ ނިންމުންތަކަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.
ނަމަވެސް، ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ ސެންޓާ އޮން ޔޫއެސް ޕޮލިޓިކްސްގެ ރިސާޗް ފެލޯ ޖޭމްސް ބޯއިސް ވިދާޅުވީ، ކޮންގްރެސްއިން ފައިސާ ކަނޑާލަން ބޭނުންވި ނަމަވެސް އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. "ހަނގުރާމައިގެ މައިދާނުގައި ސިފައިން ތިއްބާ މިފަދަ ފިޔަވަޅެއް އެޅުމަކީ އެމެރިކާ ސިފައިންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުން ކަމަށް ބެލެވި، ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި 'ވޯ ޕަވާސް ރިޒޮލިއުޝަން' ބޭނުންކޮށްގެން ޓްރަމްޕް ހިފެހެއްޓުމަކީ ކާމިޔާބުވާނެ ކަމެއް ނޫނެވެ. 1973 ވަނަ އަހަރުގެ މި ފެޑަރަލް ގާނޫނު ބޭނުންކޮށްގެން މީގެ ކުރިން ކުރި މަސައްކަތްތައް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.
'ވޯ ޕަވާސް ރިޒޮލިއުޝަން' ބުނާ ގޮތުން، ކުރިމަތިވެދާނެ ހަމަލާއަކުން ދިފާއުވުމުގެ ބާރު ރައީސަށް އޮތް ނަމަވެސް، ކޮންގްރެސްއިން ހަނގުރާމަ އިއުލާނު ނުކުރާނަމަ 60 ދުވަހުގެ ތެރޭގައި އަސްކަރީ ހަރަކާތްތައް ހުއްޓާލަން ޖެހެ އެވެ. ނަމަވެސް ރައީސަށް މި ނިންމުން ވީޓޯ ކުރުމުގެ ބާރު އޮންނައިރު، އެ ވީޓޯ ބާތިލު ކުރެވޭނީ ހައުސް އާއި ސެނެޓުގެ ތިންބައިކުޅަ ދެބައިގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.
އާ ކޮންގްރެސްގެ ގޮނޑިތައް ބެހިގެންދާނެ ގޮތަށް ބަލާއިރު، ޑިމޮކްރެޓުންނަށް އެފަދަ ބޮޑު އަގުލަބިއްޔަތެއް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.
އެމެރިކާގެ ގާނޫނުއަސާސީ އޮންނަ ގޮތުން ދެވަނަ ދައުރަށް ފަހު ޓްރަމްޕަށް ދެން އިންތިހާބަކާ ކުރިމަތިލާން ނުޖެހޭތީ، ބައިނަލްއަގުވާމީ މައިދާނުގައި އެއްވެސް ޖެހިލުމެއް ނެތި އަމަލުކުރުމުގެ ފުރުސަތު އޮތް ކަމަށް ރައީސަށް އިހުސާސް ކުރެވިދާނެ ކަމަށް ބައެއް ފަރާތްތަކުން އިންޒާރުދެ އެވެ.
ޓެރިފްތަކާއި ބައިނަލްއަގުވާމީ ވިޔަފާރި
އެމެރިކާގެ ވިޔަފާރީގެ ޑެފިސިޓް ކުޑަކުރުމުގެ މަގްސަދުގައި، ޓްރަމްޕް ވަނީ މިދިޔަ އަހަރު ގާތްގަނޑަކަށް 90 ގައުމަކުން އެތެރެކުރާ މުދަލުން 10 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ޓެރިފެއް ނަގަން ފަށާފަ އެވެ. ދުނިޔޭގެ ބާޒާރުތަކަށް ލޮޅުން އެރި މި ނިންމުން މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ބާތިލުކުރި ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ވަނީ އެ ހުކުމުން ރެކިގަނެވޭނެ އެހެން ގޮތްތަކެއް ހޯދާފަ އެވެ.
ސުޕްރީމް ކޯޓުގެ 6 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމި ނިންމުމަށް ދުވަސްކޮޅެއް ނުވަނީސް، ޓްރަމްޕް ވަނީ އެހެން ގާނޫނެއްގެ ދަށުން ރިޔާސީ ގަރާރެއްގައި ސޮއިކުރައްވައި، ޓެރިފް 10 އިންސައްތައިން 15 އިންސައްތައަށް ބޮޑުކުރައްވާފަ އެވެ. ނަމަވެސް، ކޮންގްރެސްއިން މުއްދަތު އިތުރު ނުކުރާނަމަ މި ޓެރިފްތައް ދެމިއޮންނާނީ އެންމެ 150 ދުވަހަށެވެ.
ޑިމޮކްރެޓުން ތުހުމަތުކުރާ ގޮތުގައި ޓްރަމްޕްގެ ޓެރިފްތަކުގެ ސަބަބުން ދިރިއުޅުމުގެ ހަރަދުތައް ވަނީ އިންތިހާއަށް އުފުލިފަ އެވެ. ސަބަބަކީ މުދާ އެތެރެކުރާ ފަރާތްތަކުން އެ ޓެކްސްގެ ބުރަ އާންމު ކަސްޓަމަރުންގެ އަތުން ނަގާތީ އެވެ. އެމީހުން ވަނީ ޓްރަމްޕަކީ "އެމެރިކާގެ ރައްޔިތުންގެ ޖީބަށް ބާރުބޮޑުކުރާ" ބޭފުޅެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. ޑިމޮކްރެޓުންގެ ކޮންޓްރޯލް އޮތް ކޮންގްރެސްއަކުން މުދާ ބޭރުކުރާ ފަރާތްތަކަށް ލުއިތަކެއް ހޯދައިދޭން މަސައްކަތް ކުރި ނަމަވެސް، ވިޔަފާރީގެ ސިޔާސަތަށް ބޮޑު ބަދަލެއް އަންނާނީ ރިޔާސީ އިންތިހާބަށް ފަހު ވައިޓް ހައުސްއަށް އަންނަ އާ ރައީސަކާއެކުގަ އެވެ.
ޕާޓީގެ އަގުލަބިއްޔަތަށް ބަދަލު އައި ނަމަވެސް، ޗައިނާއަށް ޓެކްނޮލޮޖީ ލިބުން ހަނިކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގައި ކޮންގްރެސްއިން އެއްގަލަކަށް އަރާނެ ކަމަށް ބެލެވެ އެވެ. މީގެ ތެރޭގައި އެމެރިކާގެ ސޮފްޓްވެއާ އާއި ޓެކްނޮލޮޖީ ރިމޯޓްކޮށް ބޭނުންކުރުން ކޮންޓްރޯލްކުރާ 'ރިމޯޓް އެކްސެސް ސެކިއުރިޓީ އެކްޓް' އާއި، އާޓިފިޝަލް އިންޓެލިޖެންސް ޗިޕްތައް ދުޝްމަނުންގެ އަތަށް ދިޔަ ނުދިނުމަށް ހަދާފައިވާ 'ޗިޕް ސެކިއުރިޓީ އެކްޓް' ހިމެނެ އެވެ.
އިމިގްރޭޝަނާއި ބޯޑަރު ކޮންޓްރޯލްކުރުން
މި އިންތިހާބުގެ އެންމެ ބޮޑު އެއް ނަތީޖާއަކީ، ކޮންގްރެސްގެ ހުރިހާ ކޮމިޓީތަކެއްގެ މުގައްރިރުކަން ޑިމޮކްރެޓުންނަށް ލިބުމެވެ. މިއާއެކު މައްސަލަތައް ތަހުގީގުކުރުމާއި ހެކިން ހާޒިރުކުރުމުގެ ބާރު އެމީހުންނަށް ލިބޭނެ އެވެ.
މީގެ ސަބަބުން ޓްރަމްޕްގެ އާއިލީ ވިޔަފާރިތަކާއި، ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ އޮތް ގުޅުމާއި، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އީރާނު ހަނގުރާމަ ކުރިއަށް ގެންދިޔަ ގޮތް ބެލުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި މި ހަނގުރާމައިގެ މައްސަލައިގައި ތިންވަނަ ފަހަރަށް ޓްރަމްޕް އަޒުލުކުރަން ވެސް މަސައްކަތް ކޮށްފާނެ އެވެ.
މީގެ އިތުރުން، ޓްރަމްޕްގެ ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތައް ފުޅާ ދާއިރާއެއްގައި ތަހުގީގުކުރުމަށް ކޮންގްރެސްއިން ވަނީ ރާވާފަ އެވެ. ރެފިއުޖީންނާއި ހިޖުރަވެރިން ގައުމުން ބޭރުކުރުމުގައި އެމެރިކާގެ ޓެކްސް އިދާރާ (އައިއާރުއެސް) އާއި ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ ގުޅިގެން މަސައްކަތްކޮށްފައިވާ ގޮތް ބެލުމަށް ޑިމޮކްރެޓުން ދަނީ ބާރުއަޅަމުންނެވެ.
އެއާޕޯޓުތަކުގައި މީހުން ބަންދުކުރުމާއި، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމަކީ ޓްރަމްޕްގެ 2024 ވަނަ އަހަރުގެ ކެމްޕޭން ވައުދެކެވެ. ނަމަވެސް އިންތިހާބުގެ ކުރިން ފޮކްސް ނިއުސްއިން ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދެއްކި ގޮތުގައި، 53 އިންސައްތަ މީހުން ގަބޫލުކުރަނީ އިމިގްރޭޝަނާ ދެކޮޅަށް އަޅާ ފިޔަވަޅުތައް "މާ ބޮޑަށް ހަރުކަށި" ކަމަށެވެ.
ހޯމްލޭންޑް ސެކިއުރިޓީން ބުނާ ގޮތުގައި ބަންދުގައި ތިބި މީހުންގެ 70 އިންސައްތައަކީ ކުށްވެރިންނެވެ. ނަމަވެސް ކޯޓަކުން ކުށް ސާބިތުވުމުގެ ކުރިން ކޮންމެ މީހަކީވެސް ކުށެއް ނެތް މީހެއް ކަމަށް ބެލުމުގެ ހައްގު އެމެރިކާގެ ގާނޫނީ ނިޒާމުގައި އޮންނާތީ، ގިނަ ބަޔަކު ދަނީ އެ ތަފާސްހިސާބުތަކާ މެދު ސުވާލު އުފައްދަމުންނެވެ.







