ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުގެ ވާހަކައަށް ރައްދުދެއްވަމުން، ދިވެހި ގައުމިއްޔަތުގެ އެންމެ ބޮޑު ދުޝްމަނަކީ ރައީސް މުހައްމަދު މުއިއްޒު ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ، ރާއްޖޭގެ ގައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
"ދިވެހި ގައުމިއްޔަތުގެ ހުރިހާ ބަހާތައް ނެތިކޮށްލަން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ދިވެހީންގެ ފަހުރުވެރި ބިން ޒަޔަނިސްޓުންގެ އެޖެންޓަކަށް ވިއްކާލަމުން ތިޔަހެން ވިދާޅުވީމާ ދެކޮޅެއް ނުޖެހޭ. އަދު ދިވެހި ގައުމިއްޔަތުގެ އެންމެބޮޑު ދުޝްމަނަކީ ހަމަ ތިޔަ މަނިކުފާނު،" އެ ޕޯސްޓުގައި އަލީ ހުސައިން ވިދާޅުވި އެވެ.
ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" އިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 500 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ބީރު ކަންފަތެއް ދެމުންދާ ދިއުން އަލީ ހުސައިން ވަނީ ކުށްވެރިކުރައްވާފަ އެވެ.
މި މަސައްކަތުގެ ތެރެއިން މާލޭގައި ބާއްވަމުންދާ އެއްވުންތަކުގައި އަލީ ހުސައިން ވަނީ ތަކުރާރުކޮށް އެއްބަސްވުމުގައި ސޮއި ނުކުރުމަށާއި، އެއްބަސްވުމުގައި ވާކަންކަން އޮޅުންފިލުވައި، ދިވެހި ގައުމަށް ގައްދާރުނުވުމަށް ގޮވާލައްވާފަ އެވެ.
"900 އަހަރު ވަންދެން ދިވެހިރާއްޖޭގައި މިއޮތް އިސްލާމްދީނަށް މިހާތަނަށް މީހަކު ދިން އެންމެ ބޮޑު އުދުވާން، އެންމެ ބޮޑު ހަމަލާދޭ މީހަކަށް މިއަދު ތިވީ ސީދާ ރައީސް މުއިއްޒު." އެއްވުމެއްގައި އަލީ ހުސައިން ވިދާޅުވި އެވެ.
ދައުލަތުގެ ފައިސާއިން ތަރައްގީކުރަމުންދާ ރަސްމާލޭ އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21 ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން މަސައްކަތް ކުރަނީ ނޮވެމްބަރު 11 ގަ އެވެ. އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ.
ރަސްމާލެ ވިއްކާލަން ސަރުކާރުން ޑީލެއް ހެދީ، އެތަނުގެ ވެލިފުކެއް އެންމެ ދުވަހަކަށް ނަމަވެސް ބޭރުގެ ބަޔަކަށް ކުއްޔަށް ނުވަތަ ހިލޭ ވެސް ނުދޭން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމަށްފަހު އެވެ.
"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.








