މެންޗެސްޓާ (އޮކްޓޫބަރު 27) - މެންޗެސްޓާ ޔުނައިޓެޑްގެ ބޯޑުން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ކްލަބްގެ ކޯޗުކަމުން މައިކަލް ކެރިކް ދުރުކުރަން ނިންމާފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެކަމަކު، ކެރިކް ވަކިކުރަން ހުރިހާ ކަމެއް ފައިނަލް ކުރާނީ ޔުނައިޓެޑްގެ ގާނޫނީ ޓީމާ ޓެކްނިކަލް ޑިޕާޓްމަންޓާ ވެސް އިތުރު މަޝްވަރާތަކެއް ކުރުމަށް ފަހު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް މޮޅުވެފައިނުވާއިރު، މި ސީޒަނުގައި މިހާތަނަށް ކުޅުނު 12 މެޗުން މޮޅުވީ ދެ މެޗުންނެވެ. އެއީ، އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗަކުން އިޕްސްވިޗް ޓައުން އަތުންނާއި ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗަކުން އަޒަރުބައިޖާންގެ ސަބާހް އަތުންނެވެ.
ޕްރިމިއާ ލީގުަގައި އެންމެ ފަހުން ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ޔުނައިޓެޑް ވަނީ ބޯންމައުތު އަތުން 3-0 އިން ބަލިވެފަ އެވެ. ލީގުގައި އެންމެ ފަހުން ހަތަރު ސީޒަނުގެ ތެރެއިން ތިން ފަހަރު ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން ބަލިވެފަ އެވެ. ކެރިކްގެ ނިންމުންތަކަށް ފާޑުކިޔައި، ކްލަބްގެ ބައެއް ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކައި، ދިން އިންޓަވިއުތަކެއްގެ މައްސަލައިގައި ބޯންމައުތު މެޗުގަައި ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އިނީ ބެންޗުގަ އެވެ.
އެ މެޗަށް ފަހު، ޔުނައިޓެޑްގެ ކޯޗު ކެރިކް ވަނީ އެއީ ކްލަބްގެ ނިންމުމެއް ކަމަށް ބުނެފަ އެވެ.
މިދިޔަ ސީޒަނުގައި، ޕޯޗުގީސް ކޯޗު، ރުބެން އަމޮރިމް ވަކިކޮށް، ފުރަތަަމަ ވަގުތީ އެއްބަސްވުމެއްގައި ގެނައި، ކެރިކްގެ މަސައްކަތް ރަަނގަޅުވުމުން، ޔުނައިޓެޑުން އޭނާ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ދިނެވެ. އެކަމަކު، މި ސީޒަނުގެ މިހާތަނަށް އެދެވޭ ނަތީޖާއެއް ކެރިކަށް ނެރެވިފައިނުވާއިރު، މި ވަގުތު އެ ޓީމު އޮތީ މިދިޔަ 40 އަހަރު ތެރޭ އެންމެ ދަށްކޮށް ސީޒަނެއް ފެށި ރެކޯޑްގަ އެެވެ.
އަލެކްސް ފާގަސަން، 2013 ވަނަ އަހަރު ޔުނައިޓެޑުން ދިޔަ ފަހުން އެ ކްލަބަށް ގެނައި ކޯޗުން މަގާމުން ދުރުކުރުމަށްޓަކައި، ޔުނައިޓެޑަށް ބޮޑު ހޭދައެއް ވަނީ ކުރަން ޖެހިފަ އެވެ. އެ ގޮތުން، ކެރިކް، މަގާމުން ވަކިކޮށްފިނަަމަ، އޭނާގެ ކޮންޓްރެކްޓްގެ ބާކީ މުއްދަތަށް މާލީ ބަދަލެއްގެ ގޮތުގައި 13 މިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި، ކެރިއަށް އެ ވަރު ދީފިނަމަ، ފާގަސަން އަށް ފަހު، ޔުނައިޓެޑާ ހަވާލުވި، ހަތް ކޯޗުން ވަކިކުރަން ޖުމްލަ އެކު ކުރި ހަރަދު 100 މިލިއަން ޑޮލަރަށް ވުރެން އިތުރުވާނެ އެވެ. އެންމެ ބޮޑު ހޭދައެއްކުރަން ޖެހުނީ ހޯސޭ މޮރީނިއޯ ވަކިކުރިއިރު އެވެ. މޮރީނިއޯ އަށް ބަދަލެއްގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭން ޖެހުނެވެ.
ކެރިކް ވަކިކޮށްފިނަމަ، ދެން ޔުނައިޓެޑްގެ ކޯޗަކަށް ފެނުމުގެ ފުރުސަތު ބޮޑީ، ޖަރުމަނު ކޯޗުކަމުން ވޯލްޑް ކަަޕަށް ފަހު ވަކިކުރި ހޫލިއަން ނާގަލްސްމަން ނޫނީ ކުރިން ނިއުކާސަލް ޔުނައިޓެޑާއި ބޯންމައުތުގައި ހުރި އެޑީ ހޯވް އެވެ.












