މެންޗެސްޓާ (އޮކްޓޫބަރު 30) - މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ބްރޫނޯ ފެނާންޑޭސް އަތުން މި ވަގުތު ނެގުމުގެ ވިސްނުމެއް ނެތް ކަމަށާއި އެއީ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަަަމަށް ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް ބުނެފި އެވެ.
މިދިޔަ އާދިއްތަ ދުވަހު، އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތު އަތުން ޔުނައިޓެޑް އަމިއްލަ ދަނޑުގައި 3-0 އިން ބަލިވި މެޗުގައި ފެނާންޑޭސް އިނީ ޓީމުގެ ބެންޗުގަ އެވެ. ފެނާންޑޭސް، އެ މެޗުގައި ބޭނުންނުކުރީ، އޭގެ ކުރިން ޗެމްޕިއަންސް ލީގުގައި ކޯމޯ އަތުން 4-1 އިން ޔުނައިޓެޑް ބަލިވި މެޗަށް ފަހު ދިން އިންޓަވިއުތަކެއްގެ މައްސަލައިގަ އެވެ.
އެ ގޮތުން، މެޗަށް ފަހު ދިން ފުރަތަމަ އިންޓަވިއުގައި ފެނާންޑޭސް ވަނީ ކެރިކް، ޓީމު ރޭވި ގޮތަށް ފާޑުކިޔާ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ. އަދި، އޭގެ ފަހުން، ޔުނައިޓެޑްގެ މިހާރުގެ ހާލަތާއި މާޒީއާ މެދު އަޅާކިޔުންތަކެއްގެ ވާހަކަ ހިއްސާކޮށް ފެނާންޑޭސް އިތުރު އިންޓަވިއުއެއް ދީފައިވެ އެވެ.
މެންޗެސްޓާ ޔުނައިޓެޑް އުޅެނީ މާ ބޮޑަށް މާޒީގައި: ފެނާންޑޭސް
މެންޗެސްޓާ ޔުނައިޓެޑުން މުސްތަގުބަލަށް ވިސްނުމުގެ ބަދަލުގައި މާ ބޮޑަށް މާޒީގެ ކާމިޔާބީތަކަށް ފޯކަސްކުރާ ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި. އޭނާ މިހެން ބުނީ ކޯމޯ އަތުން ބަލިވި މެޗަށްފަހު، ކްލަބުގެ މިހާރުގެ ހާލަތު ބަދަލުކޮށް މެޗުތަކުން މޮޅުވުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރަމުން.
އެންްމެ ފަހުން ކުޅުނު އަށް މެޗުން ވެސް ޔުނައިޓެޑަށް މޮޅެއް ނުލިބި އޮތްއިރު، އެ ޓީމުގެ ކޯޗުގެ މަގާމުގައި ކެރިކް ހުންނަން ވަނީ އިތުރު ފުރުސަތެއް ދީފަ އެވެ. ލީގުގައި މާދަމާ ޔުނައިޓެޑުން ކުޅޭނީ ޗެލްސީއާ އެވެ.
ކެރިކް ބުނީ މި ވަގުތަށް ބަލާއިރު، ޔުނައިޓެޑްގެ ކެޕްޓަނެއްގެ ގޮތުގައި ފެނާންޑޭސް ކުރިއަށްދިއުމާ މެދު ކްލަބުން ގޮތެއް ނިންމުމަށް ވުރެން ފެނާންޑޭސް ފަަދަ މުހިންމު ކުޅުންތެރިއަކާ އެކު ކްލަބްގެ ކަންކަން ރަނގަޅުކުރަން އިސްކަންދޭ ކަމަށެވެ.
"އޭނަ (ފެނާންޑޭސް) ހުރީ މި ޓީމާ އެކު ކުރިއަށްދާން، ކަންކަން ރަނގަޅުކުރަން. އެކަމާ މެދު އެއްވެސް މީހަކު ދެބަސްވާން ޖެހޭ ސަބަބެއް ނެތް،" މިދިޔަ ސީޒަނުގައި ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފެނާންޑޭސްއާ ބެހޭގޮތުން ކެރިކް ބުންޏެވެ.
ބޯންމައުތު މެޗުން ފެނާންޑޭސް ނެގީ އެއީ އެ ހާލަތުގައި އެންމެ ރަނގަޅު ނިންމުން ކަމަށް ފެންނާތީ ކަމަށް ކެރިކް ވަނީ ބުނެފަ އެވެ.
"މި ޓީމު ލީޑުކުރުމުގައި އެންމެ މުހިންމު ރޯލެއް މިދިޔަ އަހަރުތަކުގައި އަދާކުރީ އޭނަ (ފެނާންޑޭސް). އެކަން އެ ގޮަތަށް ކުރިއަށްގެންދާނެ. އެއީ އެއްވެސް ދެބަސްވުމެއް އޮންނަން ޖެހޭ ކަމެއް ނޫން،" ކެރިކް ބުންޏެވެ.
ސްޕޯޓިން ލިޒްބަންގެ ކުރީގެ ކެޕްޓަން، ފެނާންޑޭސް، ޔުނައިޓެޑާ ގުޅުނީ، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެއީ 80 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. ޔުނައިޓެޑަށް މިހާތަނަށް ކުޅެދިން 338 މެޗުން ފެނާންޑޭސް ވަނީ 111 ގޯލު ޖަހައި، 109 ގޯލު ޖަަހަން ފުރުސަތު ތަނަވަަސްކޮށްދީފަ އެވެ. އޭގެ ތެރޭގައި، މި ސީޒަނުގެ 11 މެޗުން ޖެހި ހަތަރު ގޯލާއި އެއް ލަނޑު ޖަހަން ތަނަވަސްކޮށްދިން ފުރުސަތު ހިމެނެ އެވެ.
ޗެލްސީ އަތުން ޔުނައިޓެޑަށް މޮޅެއް ނުލިބިއްޖެނަަމަ، 1988-1989 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޔުނައިޓެޑުން މޮޅެއް ނުލިބި ޖެހިޖެހިގެން ނުވަ މެޗު ނިންމާލާނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ޔުނައިޓެޑުން ކެރިކަށް ޓީމުގެ ހާލަތު ބަދަލުކުރަން ފުރުސަތު ދީފައި އޮތީ ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކާ ހަމައަށެވެ. އަންނަ މަހު 9-17 އަށް އޮތް އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ޗެލްސީ މެޗަށް ފަހު ދެން ޔުނައިޓެޑަށް އޮތީ ޗެމްޕިއަންސް ލީގުގައި ރޯމާއާ ކުޅޭ މެޗާއި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާ ބައްދަލުކުރާ މެޗެވެ.












