މެންޗެސްޓާ (އޮކްޓޫބަރު 28) - މެންޗެސްޓާ ޔުނައިޓެޑްގެ ޓެކްނިކަލް ކަންކަން ނިންމާ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު، އެ ޓީމުގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް ހާލަތު ބަދަލުކުރުމަށް ފަހު ފުރުސަތެއް ދޭން ނިންމައިފި އެވެ.
ޔުނައިޓެޑްގެ ބޯޑުން ބުރާސްފަތި އަދި ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައި އެ ކްލަބްގެ ކޯޗުކަމުން މައިކަލް ކެރިކް ދުރުކުރަން ނިންމާފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު، ކެރިކް ވަކިކުރަން ހުރިހާ ކަމެއް ފައިނަލް ކުރަން ހަމަޖެހުނީ، ޔުނައިޓެޑްގެ ގާނޫނީ ޓީމާ ޓެކްނިކަލް ޑިޕާޓްމަންޓާ ވެސް އިތުރު މަޝްވަރާތަކެއް ކުރުމަށް ފަހު ކަމަށް އެ ރިޕޯޓްގައިވެ އެވެ. އެ ހުރިހާ ބައްދަލުވުމަކަށް ފަހު، ނިންމާފައިވަނީ، ކެރިކަށް އިތުރު ފުރުސަތެއް ދޭ ގޮތަށެެެވެ.
ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް މޮޅުވެފައިނުވާއިރު، މި ސީޒަނުގައި މިހާތަނަށް ކުޅުނު 12 މެޗުން މޮޅުވީ ދެ މެޗުންނެވެ. އެއީ، އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗަކުން އިޕްސްވިޗް ޓައުން އަތުންނާއި ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗަކުން އަޒަރުބައިޖާންގެ ސަބާހް އަތުންނެވެ.
ޕްރިމިއާ ލީގުަގައި އެންމެ ފަހުން ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ޔުނައިޓެޑް ވަނީ ބޯންމައުތު އަތުން 3-0 އިން ބަލިވެފަ އެވެ. ލީގުގައި އެންމެ ފަހުން ހަތަރު ސީޒަނުގެ ތެރެއިން ތިން ފަހަރު ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން ބަލިވެފަ އެވެ. ކެރިކްގެ ނިންމުންތަކަށް ފާޑުކިޔައި، ކްލަބްގެ ބައެއް ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކައި، ދިން އިންޓަވިއުތަކެއްގެ މައްސަލައިގައި ބޯންމައުތު މެޗުގަައި ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އިނީ ބެންޗުގަ އެވެ.
އެ މެޗަށް ފަހު، ޔުނައިޓެޑްގެ ކޯޗު ކެރިކް ވަނީ އެއީ ކްލަބްގެ ނިންމުމެއް ކަމަށް ބުނެފަ އެވެ.
މިދިޔަ ސީޒަނުގައި، ޕޯޗުގީސް ކޯޗު، ރުބެން އަމޮރިމް ވަކިކޮށް، ފުރަތަަމަ ވަގުތީ އެއްބަސްވުމެއްގައި ގެނައި، ކެރިކްގެ މަސައްކަތް ރަަނގަޅުވުމުން، ޔުނައިޓެޑުން އޭނާ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ދިނެވެ. އެކަމަކު، މި ސީޒަނުގެ މިހާތަނަށް އެދެވޭ ނަތީޖާއެއް ކެރިކަށް ނެރެވިފައިނުވާއިރު، މި ވަގުތު އެ ޓީމު އޮތީ މިދިޔަ 40 އަހަރު ތެރޭ އެންމެ ދަށްކޮށް ސީޒަނެއް ފެށި ރެކޯޑްގަ އެެވެ.
ޔުނައިޓެޑްގެ ޓްރެއިނިންތައް ކެރިކްގެ ބެލުމުގެ ދަށުން ކުރިއަށްދާއިރު، އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޔުނައިޓެޑުން ދެން އެންމެ އަަވަހަށް ކުޅެން އޮތް ޗެލްސީ މެޗަކީ ޔުނައިޓެޑްގައި ކެރިކްގެ މުސްތަގުބަލާ މެދު މުހިންމު ކަންތައްތަކެއް ކަނޑައެޅިގެންދާނެ މެޗެކެވެ.












