ހުޅުމާލޭގެ ފޭސް އެކެއްގައި ހުންނަ އިންޖީނުގެ އާއި މަސް މާރުކޭޓު ހިމެނޭ ސަރަހައްދުން 94.5 މިލިއަން ރުފިޔާ ދީފައި ފިނޭންސް މިނިސްޓްރީން ބިމެއް ގަނެފި އެވެ.
މި މުއާމަލާތާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، ފިނޭންސް މިނިސްޓްރީން ގަނެފަ އިވަނީ 25,011 އަކަފޫޓުގެ ބިމެކެވެ. ނަމަވެސް، މި ބިން ގަނެފައިވަނީ ސީދާ ކޮން ބޭނުމަކު ކަމެއް އެ ހުކުމަކުން ސާފެއް ނުވެ އެވެ.
މިއީ މި އަހަރުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ހުޅުމާލެއިން ބިން ގަތް ފުރަތަމަ ފަހަރެއް ނޫނެވެ.
މި އަހަރުގެ ކުރީކޮޅު ވެސް އެ މިނިސްޓްރީން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 69.7 މިލިއަން ރުފިޔާ ދީފައިވާ ހުޅުމާލޭން ބޮޑު ބިމެއް ގަނެފަ އެވެ. މިއީ އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް ހުޅުމާލޭގައި ގާއިމުކުރުމަށް ގަތް ބިމެކެވެ.
މީގެ އިތުރުން 2024 ގައި ވެސް ދައުލަތުގެ އެކި ބޭނުންތަކަށް ހުޅުމާލޭއިން ބިން ގަތުމަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވެ އެވެ.

މީގެ ތެރޭގައި "ސޭފް ހޯމް" ފެސިލިޓީއެއް ތަރައްގީކުރަން 31.5 މިލިއަން ރުފިޔާއަށް ގަތް ބިމަކާއި އެމްއެންޑީއެފްގެ އޮޕަރޭޝަނަލް އަދި އިމާޖެންސީ ރެސްޕޮންސް ޔުނިޓެއް ބިނާކުރުމަށްޓަކައި 78.5 މިލިއަން ރުފިޔާއަށް ގަތް ބިން ހިމެނެ އެވެ.
ހުޅުމާލޭގެ ބިންތަކަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިލްކުވެރިކަމުގެ ދަށުގައި ހުންނަ ބިންތަކެކެވެ. އެހެންވެ ސަރުކާރުގެ ބޭނުމަކަށް ވިޔަސް ބިން ޖެހެނީ ގަންނާށެވެ.













