ކައްކާ ގޭހުގެ ރެގިއުލޭޓަރުގެ ސަބަބުން ހިނގާ އަލިފާނުގެ ހާދިސާތައް ގިނަ ވާތީ، ރަނގަޅު ފެންވަރުގެ ގޭސް ރެގިއުލޭޓަރު ބޭނުންކުރަން މަޖުބޫރު ކުރުވަން ގަސްދުކުރާ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްއިން ގެނެސްދޭ އަހާ ފޯރަމް ގައި ހަސަން ރަޝީދު ވިދާޅުވީ ބާޒާރުގައި ތަފާތު ފެންވަރުގެ ރެގިއުލޭޓަރު ހުރުމާއެކު، ވަކި ފެންވަރެއްގެ ރެގިއުލޭޓަރަށްވުރެ ދަށް ފެންވަރުގެ ރެގިއުލޭޓަރު ބޭނުން ނުކުރެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށެވެ.
"ގޭސް ރެގިއުލޭޓަރު މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް. ބާޒާރުގައި އެބަހުރޭ ތަފާތު ކޮލެޓީގެ ރެގިއުލޭޓަރު. އެހެންވީމަ އަޅުގަނޑުމެން އެބަ ގަސްދުކުރަން. މިކަމަށް ހައްލެއް ގެނައުމަށްޓަކައި މި ސްޓޭންޑަޑް ބަލާފައި އަޅުގަނޑުމެން ކަނޑައަޅާ ސްޓޭންޑަޑަކަށްވުރެ ދަށް ސްޓޭންޑަޑްގެ ރެގިއުލޭޓަރު ބޭނުން ނުކުރެވޭ ގޮތް ހަދަން،" މިނިސްޓަރު ވިދާޅުވި އެވެ.
ހަސަން ރަޝީދު ވިދާޅުވީ ގޭސް ވިއްކާ ފަރާތްތަކާ މަޝްވަރާކޮށް ގޭސް ފުޅި ގެންގުޅޭ ގޮތާއި ގޭސްފުޅި ބަހައްޓާފައި ހުންނަ ތަންތަނަކީ އެންމެ ރައްކާތެރި ތަންތަނަށް ހެދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް އެކި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
"ހަމަ މިއާއެކު ގޭސް ވިއްކާ ފަރާތްތަކާއެކު ވެސް އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި މަޝްވަރާ ބައްދަލުވުންތައް ބާއްވާނަން. އެބޭފުޅުން ފުރަތަމަ ގޭސް ހޭންޑަލް ކުރުމުގައި އާއި އަދި ގޭގޭގައި ގޭސްފުޅި ބަހައްޓާފައި ހުންނަ ތަންތަނަކީ އެންމެ ރައްކާތެރި ތަންތަނަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް މިކަމުގައި މަޝްވަރާކުރަންޖެހޭ މުއައްސަސާތަކާ މަޝްވަރާކޮށްގެން ކުރިއަށްގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގެ މަގުތައް ހަދާފައި ހުރިގޮތުން އަލިފާން ނިއްވަން ހަނިގޯޅިތަކަށް ވެހިކަލްތައް ވެއްދުމަށް ދަތިތައް ދިމާވާ ކަމަށާއި ބައެއް ފަހަރު އަލިފާން ނިއްވަން މަގުތަކުގައި ބަހައްޓާފައިވާ ފެން ޕަމްޕުތައް ކައިރީގައި ވެހިކަލްތައް ޕާކުކޮށްފައި ހުރުމުންވެސް ދަތިތައް ދިމާވާ ކަމަށް ހަސަން ރަޝީދު ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާތަކަށް އާންމުން ހެލުންތެރިކުރުވަން ތަފާތު އެކި ޕްރޮގްރާމްތައް ސިފައިންގެ އެކި ކޮމާންޑް ސެންޓަރުތަކުން އަމިއްލަ އިސްނެގުމަށް އަދި ކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް ހަސަން ރަޝީދު ވިދާޅުވި އެވެ. ސިފައިންގެ ކޮމާންޑް ސެންޓަރުތަކުގެ ތެރޭގައި ނޮދަން އޭރިއާ، މާލޭ އޭރިއާ، ސެންޓްރަލް އޭރިއާ އަދި ނޮދަން އޭރިއާ ހިމެނެ އެވެ.
މީގެއިތުރުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ވެސް ހޭލުންތެރިކަން ކުރުވަން ޕްރޮގްރާމްތައް ހިންގާ، އަލިފާން ނިއްވުމަށް ބޭނުންވާ އެކި ވަސީލަތްތައްވެސް ކައުންސިލްތަކަށް ފޯރުކޮށްދެމުންދާ ކަމަށް ހަސަން ރަޝީދު ވިދާޅުވި އެވެ.












