ސިއްރުން އުފެއްދި ޕޯޓު ޑިވެލޮޕްމަންޓް ކުންފުނީގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ޝާކިރު

ޝާކިރު

ދައުލަތުގެ ތިން ކުންފުންޏެއް ގުޅިގެން ސިއްރިއްޔާތުގައި އުފައްދައިގެން އުޅޭ މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓް ކުންފުނީގެ ކަންކަން އިތުރަށް ދިރާސާކުރަން އެސްއޯއީ ކޮމިޓީއަށް ފޮނުވައިދިނުމަށް އެދި މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ. 

މިދިޔަ މަހުގެ ތެރޭގައި ރަޖިސްޓްރީކޮށްފައިވާ ޕޯޓް ޑިވެލޮޕްމަންޓް ކުންފުނީގެ ހިއްސާދާރުންނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ. އަދި، ކުންފުނީގެ ބޯޑުގައި ތިބީ މި ތިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުންނާއި އޭގެ ދަށަށް ތިބި ވެރިންނެވެ.

މި ކުންފުނީގެ މައްސަލަ ބަލައިދޭން އެދި ޝާކިރު ހުށަހެޅުއްވި މައްސަލައިގައި ބުނީ ކުންފުނިތައް އުފެއްދުމަކީ ގާނޫނީ ގޮތުން ހުއްދަ އޮތް ކަމެއް ނަމަވެސް، މި ގޮތަށް ވަކި ކުންފުންޏެއް އުފެއްދުމުން ސުވާލު އުފެދޭ ކަމަށެވެ. އަދި، މިއީ ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭ ކަންކަން ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

Advertisement

"ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއް ގުޅިގެން ވަކި ކުންފުންޏެއް އުފެއްދުމަކީ ދައުލަތުގެ މާލިއްޔަތާއި، ކުންފުނިތައް ހިންގުމުގެ އުސޫލުތަކާއި، މަޖިލީހުގެ މުގާބަލުގައި ޒިންމާދާރުވުމާއި، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާ ގުޅޭ މުހިންމު ސުވާލުތަކެއް އުފެދޭ ކަމެއް. ކުންފުނިތަކާ ބެހޭ ގާނޫނުގެ ދަށުން މިފަދަ ކުންފުންޏެއް އުފެއްދުމުގެ ގާނޫނީ ހުއްދަ އޮތް ނަމަވެސް، މި ކަންކަމަކީ ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭ ކަންކަން،" ޝާކިރު ހުށަހެޅި މައްސަލައިގައި ވެ އެވެ.

ޝާކިރުގެ ހުށަހެޅުއްވުމުގައި ވަނީ ޕޯޓް ޑިވެލޮޕްމަންޓް ކުންފުނި އުފެއްދުމާއި، އެ ކުންފުނީގެ މިލްކުވެރިކަމާއި، ފައިނޭންސްކުރުމާއި އަދި ހިންގުމާ ގުޅޭ ކަންކަން ދިރާސާކުރުމަށެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކަމަށް ބުނެ ސަރުކާރުން ކުންފުންޏެއް އުފައްދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

މި ހުށަހެޅުމުގައި އޭނާ ވަނީ 10 ކަމެއް ތަހުގީގުކޮށްދޭން އެދިފަ އެވެ. އަދި، ކުންފުނި އުފެއްދި ލިޔެކިޔުންތަކާއި، ހިންގާ ގަވާއިދާއި، ހިއްސާދާރުންގެ އެއްބަސްވުންތަކާއި، ބޯޑު ގަރާރުތަކުގެ އިތުރުން ޕީސީބީ އާއި ފިނޭންސް މިނިސްޓްރީގެ ހުއްދަތަކާއި، ކޯޕަރޭޓް ޕްލޭންތަކާއި، ފީޒިބިލިޓީ ސްޓަޑީޒްތަކާއި، ފައިނޭންސް ކުރި ގޮތުގެ ތަފުސީލުތައް ހޯދުމަށް ވެސް އެދިފައިވެ އެވެ. 

ޕޯޓް ޑިވެލޮޕްމަންޓް ކުންފުނީގެ ތަހުގީގުކޮށްދޭން ހުށަހެޅި ކަންކަން 

  • މި ކުންފުނި އުފައްދައި އިންވެސްޓުކުރުމުގައި އަމަލުކޮށްފައިވާ ގާނޫނީ އިޖުރާއަތުތަކާއި ކުންފުނިތަކުގެ ބޯޑުން ދީފައިވާ ހުއްދަތައް
  • ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އާއި ފިނޭންސް މިނިސްޓްރީން ނުވަތަ ހުއްދަ ހޯދަން ޖެހޭ އެހެން އިދާރާއަކުން ހުއްދަ ހޯދާފައިވޭތޯ
  • މި ކުންފުނި އުފެއްދުމާއި އިންވެސްޓުކުރުމަކީ ކުންފުނިތަކުގެ ކޯޕަރޭޓް ޕްލޭންތަކުގައި ހިމެނޭ ކަމެއްތޯ
  • ކޮންމެ ކުންފުންޏަކުން ދީފައިވާ ނުވަތަ ދޭން އެއްބަސްވެފައިވާ ރައުސުލްމާލާއި، މުދަލާއި، ގެރެންޓީ އާއި، ލޯނާއި، މުވައްޒަފުން އަދި އެހެެނިހެން ވަސީލަތްތަކުގެ ތަފުސީލު
  • މި ކުންފުނި އުފެއްދުމަށް ބޯޑުތަކުން ނިންމިއިރު ބަލާފައިވާ ވިޔަފާރީގެ މަންފާ އާއި ފީޒިބިލިޓީ ސްޓަޑީޒްތައް
  • ކުންފުނިތަކާ ބެހޭ ގާނޫނާއި، ޕީސީބީގެ އުސޫލުތަކާއި، މާލިއްޔަތު ގަވާއިދުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމަލުކުރަން ޖެހޭ ކޯޕަރޭޓް ގަވަނަންސް އުސޫލުތަކާ އެއްގޮތަށް އަމަލުކޮށްފައިވޭތޯ
  • މެނޭޖިން ޑިރެކްޓަރާއި ބޯޑު މެންބަރުން އައްޔަންކުރި ގޮތާއި، އެކަމުގައި މަސްލަހަތު ފުށުއަރާ އެއްވެސް ކަމެއް އޮތްތޯ
  • މި ކުންފުނިން މުދަލާއި ހިދުމަތްތައް ހޯދުމުގައި (ޕްރޮކިއުމަންޓް) އަމަލުކުރާ އުސޫލުތަކަކީ ރައްކާތެރި އުސޫލުތަކެއްތޯ
  • މި ކުންފުންޏަކީ ޕީސީބީ އާއި އޮޑިޓާ ޖެެނެރަލްގެ ބެލުމުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކުންފުންޏެއްތޯ
  • މި އޮނިގަނޑުގެ ދަށުން ކުންފުނި އުފެއްދުމުގެ ސަބަބުން ދައުލަތުގެ މުދަލާއި، ހޭދަ އާއި ދަރަންޏާއި ޕްރޮކިއުމަންޓްކަން، ސަރުކާރު ކުންފުނިތަކުން ޖަވާބުދާރީ ވާން ޖެހޭ އާންމު ނިޒާމުން ބޭރުވެފައިވޭތޯ
  • މިހާރު ހުރި ތިން ކުންފުންޏެއް ގުޅިގެން އިތުރު ކުންފުންޏެއް އުފެއްދުމަކީ، ކުންފުނިތައް މަދުކޮށް ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ ފުށުއަރާކަމެއްތޯ

މި މައްސަލައިގައި ޝާކިރު ފާހަގަކޮށްފައިވާ މުހިންމު އަނެއް ނުކުަތާއަކީ ދައުލަތުގެ ތިން ކުންފުނި ގުޅިގެން ޕްރައިވެޓް ކުންފުންޏެއް އުފެއްދުމުން ނިކުންނަ މުދަލުގެ މިލްކުވެރިކަމުގެ މައްސަލަ އެވެ. އޭނާ ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ރައުސުލްމާލު ބޭނުންކޮށްގެން އަލަށް ޕްރައިވެޓް ކުންފުންޏެއް އުފެއްދުމަކީ ދައުލަތުގެ މިލްކު މުދަލެއްގެ ތަބީއަތް ބަދަލުކުރުމަށް މަސައްކަތް ކުރުމެވެ. 

ޕޯޓު ޑިވެލޮޕްމަންޓް ކުންފުނި އުފެއްދުމުގެ މައްސަލަ އެސްއޯއީ ކޮމިޓީއަށް ފޮނުވައިދިނުމުގެ އިތުރުން، އެ ކުންފުނީގެ ފައިސާގެ މައްސަލަތައް ބަލައިދޭން މާލިއްޔަތު ކޮމިޓީއަށް ފޮނުވައިދޭން ވެސް މެންބަރުގެ ހުށަހެޅުމުގައިވެ އެވެ. އަދި، މަޖިލީހުން ކުރާ ތަހުގީގުން ގާނޫނަކާ ނުވަތަ ގަވާއިދަކާ ނުވަތަ އުސޫލާ ހިލާފު ކަމެއް ފާހަގަކުރެވިއްޖެ ނަމަ، މަޖިލީހަށް ލިބިގެންވާ ބާރުގެ ދަށުން ފިޔަވަޅު އެޅުމަށާއި، އޮޑިޓު އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސިސީ) ފަދަ އިދާރާތަކަށް ފޮނުވަން ޖެހޭ ކަންކަން ފޮނުވުމަށް ވެސް މެންބަރު އެދިފައި ވެ އެވެ.

އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުންފުންޏަކީ ތިލަފުށީ ބަނދަރު ތަރައްގީކުރާ ސަރަހައްދު ގަންނަން ހަރަދުކުރަން ޖެހޭ ފައިސާ އެމްޕީއެލްގައި ނެތުމުން އުފެއްދި ކުންފުންޏެކެވެ. އެ ގޮތުގެ މަތީން އެޗްޑީސީއަށް ކުންފުނީގެ ހިއްސާ ދީފައިވާއިރު، އެސްޓީއޯ ބައިވެރިކުރީ ކަރުދާހުގައި ކުންފުނި ވަރުގަދަކުރުމަށެވެ. 

ޕޯޓް ޑިވެލޮޕްމަންޓް ކުންފުނީގެ ބައެއް ކަންކަމުގެ މައުލޫމާތު އެނގޭ ސިއްރު މަސްދަރަކުން އަދަދު ނޫހަށް ބުނީ، މި ކުންފުނިން ކުރާނެ މަސައްކަތަކީ ތިލަފުށީ ބަނދަރުގެ އެތައް މިލިއަން ޑޮލަރެއްގެ ޕްރޮކިއުމަންޓް ހިންގުމެވެ. އޭނާ ބުނި ގޮތުގައި، ޕްރައިވެޓު ކުންފުންޏެއް އުފެއްދީ ދައުލަތުގެ ކުންފުނިތަކުން ހިންގަން ޖެހޭ ގޮތަށް ވާދަވެރި ބީލަމަކަށް ނުގޮސް، ސިންގަލް ސޯސް ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox