އިސްރާއީލުގެ އަސްކަރިއްޔާއިން ހިފާފައިވާ ހުޅަނގު އައްސޭރީގައި ވަރުގަދަ އޮޕަރޭޝަނެއް ފަށައި، ހެބްރޮން ސިޓީގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް މަގުމަތިކޮށްލާފައިވާ ކަމަށް އެ ސިޓީގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
އިންޓަނެޓުގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އިސްރާއީލުގެ ބުލްޑޯޒަރުތަކުން ވަނީ ހެބްރޮންގެ ބޮޑެތި ސަރަހައްދުތަކެއް ސުންނާފަތިކޮށްފަ އެވެ. މީގެ ތެރޭގައި އެއްކޮށް ފުނޑުފުނޑުކޮށްލާފައިވާ މަގުތައް ވެސް ހިމެނެއެވެ. މީގެ އިތުރުން، އިސްރާއީލު ސިފައިން ވަނީ އެ ސިޓީ ބަންދުކޮށް، އެ ތަނުގައި ދިރިއުޅޭ 200،000 އެއްހާ ރައްޔިތުންގެ ހަރަކާތްތައް ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ.
މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ ހަނގުރާމަވެރިއަކު ދިން ހަމަލާއެއްގައި އިސްރާއީލުގެ ދެ ސިފައިން މަރުވުމާ ގުޅިގެން، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިދިޔަ ހުކުރު ދުވަހު އިއުލާން ކުރެއްވި އޮޕަރޭޝަނެކެވެ. ޗެކްޕޮއިންޓަކަށް ދިން އެ ހަމަލާގައި އިސްރާއީލުގެ އިތުރު ތިން ސިފައިން ޒަހަމްވިއިރު، ހަމަލާދިން ފަލަސްތީނުގެ ދެ މީހުން ވެސް ވަނީ ބަޑިޖަހައި މަރާލާފަ އެވެ.
ހުކުރު ދުވަހު ނަތަންޔާހޫ ވިދާޅުވީ، ހަމަލާދިން ސަރަހައްދުގައި ހުރި އިމާރާތްތަކާއި، ހަމަލާދިން ދެ މީހުން ނިސްބަތްވާ އަވަށްތައް އެއްކޮށް "ސުންނާފަތިކޮށްލާނެ" ކަމަށެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ވިދާޅުވި ގޮތުގައި، ހެބްރޮންގެ އައިން ދީރު ބަހާ އާއި ފަރްޝް އަލް-ހަވާ އަވަށަށް އަމާޒުކޮށް ހިންގާ މި އޮޕަރޭޝަނުގެ ސަބަބުން މިހާތަނަށް 2،000 އެއްހާ މީހުން ވަނީ ގެދޮރުން ނެރެލާފަ އެވެ. މި އޮޕަރޭޝަނުގައި އާންމުންގެ ގެދޮރާއި، ވިޔަފާރިތަކާއި، ސިނާއީ ސަރަހައްދުތަކުގެ އިތުރުން އަސާސީ ހިދުމަތްތައް ދޭ އުމްރާނީ ވަސީލަތްތަކަށް ވެސް ވަނީ އަމާޒުކޮށްފަ އެވެ.
ކާޓްޒް އިތުރަށް ވިދާޅުވީ، އިސްރާއީލު ސިފައިންގެ އަމުރަށް އެތައް އާއިލާއަކަށް ރޭގަނޑު ހޭދަކުރަން ޖެހުނީ މަގުމަތީގައި ކަމަށެވެ. އަދި ބައެއް މީހުންނަށް އެމީހުންގެ އަމިއްލަ އުޅަނދުތައް ވެސް ނުގެންދެވޭ ގޮތަށް ގެދޮރުން ނުކުތުމަށް މަޖުބޫރުކޮށްފައިވާއިރު، ތަޅާލަން ނިންމާފައިވާ ގޭގޭގައި ސްޕްރޭ ފާހަގަ ޖަހާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަސްކަރިއްޔާގެ ރޭވުމަކީ ގާތްގަނޑަކަށް 0.35 އަކަ ކިލޯމީޓަރުގެ ސަރަހައްދަކުން ޖުމްލަ 2،500 މީހުން ބޭރުކުރުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހެބްރޮންގެ ގަވަރުނަރާއި ޑެޕިއުޓީ މޭޔަރު ވިދާޅުވި ގޮތުގައި، މިހާތަނަށް މަދުވެގެން 200 އާއިލާ ވަނީ މަގުމަތިވެފަ އެވެ.
މިކަމާ ގުޅޭގޮތުން ބީބީސީން ސުވާލުކުރުމުން އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް) އިން ވަގުތުން ޖަވާބެއް ދީފައެއް ނުވެ އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ގިނަ އަމާޒުތަކެއް އެބަހުރި ކަމަށާއި، މި އޮޕަރޭޝަންތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކުރިއަށްދާނެ ކަމަށެވެ.
އިސްރާއީލަށް ހަމަލާދޭ ކަމަށް ތުހުމަތުކުރެވޭ ފަލަސްތީނު މީހުންގެ ގެދޮރު ތަޅާލުމަކީ އިސްރާއީލު ސިފައިން އާންމުކޮށް ކުރަމުންދާ ކަމެކެވެ. ނަމަވެސް އިސްރާއީލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި، މިއީ މުޅި މުޖުތަމައަށް ދޭ "ޖަމާއީ އަދަބެއް" (ކަލެކްޓިވް ޕަނިޝްމަންޓް) އެވެ.
ނަތަންޔާހޫ ވަނީ މި އޮޕަރޭޝަނަކީ 2025 ވަނަ އަހަރު ހުޅަނގު އައްސޭރީގެ އުތުރުގައި ހުރި ފަލަސްތީނުގެ ރެފިއުޖީ ކޭމްޕުތަކުގައި ހިންގި އޮޕަރޭޝަންތަކާ އެއްފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އެ ފަހަރު އިސްރާއީލުން ވަނީ އެތައް ސަތޭކަ ގެއެއް ތަޅާލައި، އެތައް ހާސް ބަޔަކު މަގުމަތިކޮށްލާފަ އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ހެބްރޮންގެ މޭޔަރު ޔޫސުފް އަލް-ޖައުބަރީ ވިދާޅުވީ، މި އޮޕަރޭޝަނަކީ ސިޔާސީ މަގްސަދެއްގައި، އިންތިހާބަށް އަމާޒުކޮށްގެން ހިންގާ ކަމެއް ކަމަށެވެ. އަދި ނަތަންޔާހޫ އާއި އޭނާގެ ވަޒީރުން މަސައްކަތް ކުރައްވަނީ ހަރުކަށި ފިކުރުގެ މީހުންނާއި އިސްރާއީލުން ވަޒަންވެރިވެފައިވާ މީހުންގެ ވޯޓު ހޯދުމަށް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.







