މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލް ބޭނުންކުރި ބައެއް ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން އާއިލާގެ މެދުގައި ބޮޑު ހިޔާލުތަފާތުވުމެއް އުފެދިއްޖެ އެވެ. މި ނީލަމުގައި ވިއްކާލަން ނިންމާފައިވާ ތަކެތީގެ ތެރޭގައި އޭނާގެ މަޝްހޫރު ލަވަ ފެއިތްގެ މިއުޒިކް ވީޑިއޯގައި ބޭނުންކުރި ގިޓާ ވެސް ހިމެނެ އެވެ.
މި ތަކެއްޗަކީ ޖޯޖް މައިކަލްގެ ޕާސަނަލް އެސިސްޓެންޓެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި ސިއޯބާން ބެއިލީގެ މިލްކިއްޔާތުގައި ހުރި ތަކެއްޗެވެ. ސިއޯބާން 2014 ގައި މަރުވުމުން މި ތަކެތި ވާރުތަވީ އޭނާގެ ފިރިމީހާ އިއަން ބެލްޗާ އަށެވެ. ނަމަވެސް ސިއޯބާން މަރުވިއިރު އޭނާ ދިޔައީ ބެލްޗާގެ ކިބައިން ވަރިވުމުގެ މަސައްކަތް ކުރަމުންނެވެ. މިހާރު މި ތަކެތި ނީލަން ކިޔަނީ ބެލްޗާގެ ފަރާތުންނެވެ.
ސިއޯބާންގެ ކޮއްކޮ ޖެރާޑް ބެއިލީ ބީބީސީއަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ދައްތަގެ ނަމުގައި މިފަދަ ނީލަމެއް ބޭއްވުމަކީ ދައްތަ ދުނިޔޭގައި ހުރި ނަމަ ވަރަށް ބޮޑަށް ދެކޮޅު ހަދާނެ ކަމެއް ކަމަށެވެ. އަދި ދައްތަ އެންމެ ލޯބިން ގެންގުޅުނު އަމިއްލަ ތަކެތި އެންމެ މަތީ އަގު ހުށަހަޅާ މީހަކަށް ވިއްކާލުމަކީ ލަދުވެތި އަދި އިހުތިރާމް ކުޑަ އަމަލެއް ކަމަށް އޭނާ ސިފަކުރިއެވެ.
ޖެރާޑް ބުނި ގޮތުގައި ސިއޯބާން މަރުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަސިއްޔަތެއް ތައްޔާރުކުރަން ފެށި ނަމަވެސް އެ މަސައްކަތް ނިންމާ ރަޖިސްޓްރީ ކުރެވޭ ގޮތެއް ނުވިއެވެ. އެ ވަސިއްޔަތުގައި އެ ތަކެތި ދޭން ނިންމާފައި އޮތީ އޭނާގެ އާއިލާގެ ކުދިންނަށެވެ.
ނީލަން ކުރިއަށްގެންދާ ސްވޯޑާސް ކުންފުނިން ބުނާ ގޮތުގައި މިއީ ޖޯޖް މައިކަލްގެ އެންމެ އިތުބާރު ކުރެވޭ އެހީތެރިޔާގެ އަތުގައި ހުރި ވަރަށް އަގުހުރި ތާރީހީ ތަކެއްޗެވެ. މީގެ ތެރޭގައި ހިމެނޭ ގިޓާގެ އަގު ފަސްދޮޅަސް ހާސް ޕައުންޑާއި އެއްލައްކަ ވިހި ހާސް ޕައުންޑާ ދެމެދުގެ އަގަކަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން ސިއޯބާން އަތުން ލިޔެފައިވާ ނޯޓުތައް ހިމެނޭ ޑައިރީއަކާއި ޖޯޖް މައިކަލް ސޮއިކޮށްފައިވާ ފޮޓޯތަކާއި ރަން ޑިސްކުތައް ވެސް މި ނީލަމުގައި ހިމެނެއެވެ.

ސިއޯބާން އަކީ 1984 ވަނަ އަހަރުން ފެށިގެން 20 އަހަރު ވަންދެން ޖޯޖް މައިކަލްގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ. އޭނާގެ އާއިލާއިން ބުނާ ގޮތުގައި ސިއޯބާން އަކީ ޖޯޖް މައިކަލްގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ވަރަށް ބޮޑަށް ހިފެހެއްޓި އަދި އޭނާގެ ވަރަށް ބޮޑު އިތުބާރެއް ހޯދާފައިވާ މީހެކެވެ. އެހެންކަމުން މިފަދަ އަމިއްލަ ތަކެތި އާންމުކޮށް ވިއްކާލުމަކީ ސިއޯބާންގެ އަބުރަށް ލިބޭ އުނިކަމެއް ކަމަށް އާއިލާއިން ގަބޫލުކުރެއެވެ.
ގާނޫނީ ގޮތުން ބެލްޗާ އަށް މި ތަކެތި ވިއްކުމުގެ ހައްގު އޮތް ނަމަވެސް އާއިލާއިން އެދެނީ މި ނީލަން ހުއްޓާލުމަށެވެ. ނުވަތަ ނީލަން ކުރިއަށް ގެންދާ ނަމަ ސިއޯބާންގެ ނަން ބޭނުން ނުކުރުމަށް އާއިލާއިން ވަނީ އެދިފަ އެވެ. ނަމަވެސް މި މައްސަލައިގައި ނީލަން ކިޔާ ކުންފުނިންނާއި ބެލްޗާ އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޖޯޖް މައިކަލް އަކީ ދުނިޔޭގެ ފެންވަރުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނަކަށް ވުމުން އޭނާގެ ތަކެއްޗަށް އަބަދުވެސް ބޮޑު ތަރުހީބެއް ލިބެއެވެ. އޭނާ މަރުވީ ދެހާސް ސޯޅަ ވަނަ އަހަރު އެވެ.









