ފާރަލުމާއި "ނުތަނަވަސްކަން": ހަނގުރާމައިގެ ދުވަސްވަރު މޮސްކޯގައި ދިރިއުޅުން ހުރި ގޮތް ހުޅަނގުގެ ޑިޕްލޮމޭޓުން ކިޔައިދީފި

Oct 24, 2026, 8:47 AM
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއި، އެމެރިކާއިން ރަޝިޔާއަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު ލިން ޓްރޭސީގެ އިތުރުން، ފްރާންސުން ރަޝިޔާއަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު ޕިއޭ ލެވީ، ކްރެމްލިންގެ ސްޕާސްކަޔާ ޓަވަރު ކުރިމަތީގައި މަޑުކޮށްލައިގެން ތިއްބަވަނީ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއި، އެމެރިކާއިން ރަޝިޔާއަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު ލިން ޓްރޭސީގެ އިތުރުން، ފްރާންސުން ރަޝިޔާއަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު ޕިއޭ ލެވީ، ކްރެމްލިންގެ ސްޕާސްކަޔާ ޓަވަރު ކުރިމަތީގައި މަޑުކޮށްލައިގެން ތިއްބަވަނީ.

"ރަޝިއާގައި ހުންނަވާ ސަފީރުގެ މަގާމު އަދާކުރެއްވުމަކީ އަޅުގަނޑުގެ މުޅި ކެރިއަރުގައި ވެސް ކުރިމަތިލާންޖެހުނު އެންމެ އުނދަގޫ މަސައްކަތް ކަމަށް ވެދާނެ،" 2023 އިން 2025 އަށް މޮސްކޯގައި އެމެރިކާ ތަމްސީލުކުރެއްވި ލިން ޓްރޭސީ ބީބީސީއަށް ވިދާޅުވި އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން ވިލާތުގެ ގައުމުތަކުގެ ޑިޕްލޮމޭޓުންނަކީ ކުރިން ރަޝިއާގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ބައެކެވެ. ފިނި ހަނގުރާމައިގެ އެންމެ ނުތަނަވަސް ދަނޑިވަޅުތަކުގައި ވެސް މަސްލަހަތު ގާއިމުކުރުމަށް އެ ބޭފުޅުން މަސައްކަތް ކުރެއްވި އެވެ.

ނަމަވެސް، ޔޫކްރެއިން ހަނގުރާމަ ފަސްވަނަ އަހަރަކަށް ދެމިގެން ގޮސްފައިވާއިރު، ރައީސް ލަޑީމިއާ ޕޫޓިންގެ ސަރުކާރުން ހުޅަނގުގެ ސަފީރުންނަކީ "އެކުވެރި ނޫން" ބައެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. މީގެ ސަބަބުން އެ ބޭފުޅުންނަށް އަބަދުވެސް ފާރަލަމުންދާއިރު، އެ ގައުމުގެ ކަންކަން ދެނެގަތުމަށް ފޮނުވި ސަފީރުން މިހާރު ތިއްބެވީ އެކަހެރިކޮށް، ގައުމުގެ ކަންކަމާ ދުރުކޮށްފަ އެވެ.

ރަޝިއާއިން ޔޫކްރެއިނަށް ފުރިހަމަ އުދުވާނެއް ފެށި ފަހުން އެ ގައުމުގައި މަސައްކަތް ކުރެއްވި ފަސް ޑިޕްލޮމޭޓަކާ ބީބީސީން ވަނީ ވާހަކަދައްކާފަ އެވެ.

އެ ބޭފުޅުން ވިދާޅުވާ ގޮތުގައި މިހާރު ކުރިމަތިވަމުންދާ ފިއްތުންތައް ފިނި ހަނގުރާމައިގެ ދުވަސްވަރާ އެއްވަރެވެ. އެ ދުވަސްވަރު ހުޅަނގުގެ އެމްބަސީތަކަށް ފާރަލުމަށްޓަކައި، ހަދިޔާގެ ތެރޭގައި އަޑުއަހާ އާލާތްތައް ފޮރުވުމާއި، އޮފިޝަލުން ދާ ތަންތަން ބެލުމަށްޓަކައި ލޮލަށް ނުފެންނަ ކެމިކަލެއް ކަމަށްވާ "ސްޕައި ޑަސްޓް" ބޭނުންކުރި އެވެ.

މީގެ ހަތަރު އަހަރު ކުރިން 2022 ވަނަ އަހަރު ހަނގުރާމަ ފެށުމާއެކު، ވިލާތުގެ ގައުމުތަކާއި އެމެރިކާއިން ރަޝިއާގެ އެތައް ސަތޭކަ ޑިޕްލޮމޭޓުންނެއް ބޭރުކޮށްލި އެވެ. މޮސްކޯއިން ވެސް އޭގެ ބަދަލުހިފައި، ހުޅަނގުގެ އެތައް ސަތޭކަ ޑިޕްލޮމޭޓުންނަކީ އެ ގައުމަށް ބޭނުންނުވާ "ޕާސޯނާ ނޮން ގްރާޓާ" ކަމަށް ކަނޑައަޅައި، އެމްބަސީތަކުގެ މުވައްޒަފުން ވަނީ މަދުކޮށްފަ އެވެ.

ޓްރޭސީގެ 30 އަހަރުވީ ކެރިއަރުގައި ޕާކިސްތާނު ފަދަ ގައުމުތަކުގައި މަސައްކަތް ކުރެއްވިއިރު، 2008 ވަނަ އަހަރު ދިން ހަތިޔާރު އެޅި ހަމަލާއަކުން އޭނާ ވަނީ ސަލާމަތްވެފަ އެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި، ޖިސްމާނީ ނުރައްކާތައް އޮތް ނަމަވެސް ޕެޝާވަރުގައި ހޭދަކުރެއްވި ދުވަސްތައް ރަޝިއާއަށްވުރެ ފަސޭހަ އެވެ.

"އެތަނުގައި (ޕާކިސްތާނުގައި) އަޅުގަނޑަށް އިހުސާސް ކުރެވުނީ ކަންކަން ކޮންޓްރޯލް ކުރުމުގެ ބާރު އަދިވެސް އޮތް ކަމަށް. މޮސްކޯގައި ކަންކަން އުނދަގޫވީ ކަންކަން ވާނެ ގޮތެއް ނޭނގޭ މިންވަރު ބޮޑުވުމުން،" ޓްރޭސީ ވިދާޅުވި އެވެ.

އޭނާ ހަނދާން އާކުރެއްވި ގޮތުގައި، ރަޝިއާގެ ކައުންޓަރ-އިންޓެލިޖެންސް އޭޖެންސީތަކުން ކުރިމަތިކުރި މެދުނުކެނޑޭ ފިއްތުންތަކަކީ އެ ނުތަނަވަސްކަމުގެ މައިގަނޑު ސަބަބެވެ.

ހުޅަނގުގެ ގައުމުތަކުގައި ތިބޭ ރަޝިއާގެ ޑިޕްލޮމޭޓުން ވެސް މިފަދަ ބޭއިންސާފު އަމަލުތަކުގެ ޝަކުވާ ކުރެއެވެ. ނަމަވެސް ބީބީސީއާ ވާހަކަދެއްކެވި ޑިޕްލޮމޭޓުން ވިދާޅުވާ ގޮތުގައި، މޮސްކޯގެ އިންޓެލިޖެންސް ހިދުމަތްތަކުން ބޭނުންކުރާ އުކުޅުތަކާއި އޭގެ ދާއިރާ މާ ފުޅަލެވެ.

"ގޭގެ ކޮންމެ ކޮޓަރިއެއްގައި އަޑުއަހާ އާލާތްތަކާއި ކެމެރާ ހުންނާނެ ކަމަށް ބަލަންޖެހޭ،" މޮސްކޯއަށް ފުރުމުގެ ކުރިން ލިބުނު އިންޒާރާ ބެހޭގޮތުން ވިލާތުގެ ކުރީގެ ޑިޕްލޮމޭޓަކު ވިދާޅުވި އެވެ.

އެހެން ސަފީރަކު ވިދާޅުވި ގޮތުގައި، ރަޝިއާގެ ސަލާމަތީ ހިދުމަތް (އެފްއެސްބީ) އިން އެމްބަސީގެ ދެ މުވައްޒަފަކު ރެކްރޫޓްކޮށް، އެމްބަސީގައި ހިނގާ ހުރިހާ ކަމެއް ރިޕޯޓްކުރަން އެންގުމުން، އެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ޖެހުނެވެ.

އެ ދެ މުވައްޒަފުން އެކަން އެމްބަސީއަށް އެންގުމުން އެ މީހުން ވަޒީފާއިން ދޫކޮށްލީ އެވެ. "އެހެން ނޫންނަމަ، އެ މީހުންނަށް ޖިނާއީ ދައުވާއަކާ ކުރިމަތިލާން ޖެހިދާނެ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އާންމުކޮށް ޑިޕްލޮމޭޓުންނާ ގުޅުން ބާއްވާ ރަޝިއާގެ އިލްމީ އަދި ސަގާފީ ދާއިރާގެ މީހުންނަށް ވެސް، ހުޅަނގުގެ އޮފިޝަލުންނާ ބައްދަލުނުކުރުމަށް ބިރުދައްކަމުންދެ އެވެ.

ކުރީގެ ސަފީރަކު ވިދާޅުވި ގޮތުގައި، އޭނާގެ މެހެމާނުން އެމްބަސީގެ ދޮރުމައްޗަށް އަންނަންދެން އެފްއެސްބީގެ އެޖެންޓުން ފަހަތުން ފާރަލަމުން ދިޔަ މަންޒަރު ވަނީ ފެނިފަ އެވެ.

މިދިޔަ ޖޫން މަހު، އިނގިރޭސި ރަސްގެފާނުގެ އުފަންދުވަސް ފާހަގަކުރުމަށް މޮސްކޯގައި ހުންނަ އިނގިރޭސި ސަފީރުގެ ރަސްމީ ގޭގައި ބޭއްވި ހަފުލާއަށް ދިޔަ މެހެމާނުންނަށް، ކްރެމްލިންއަށް ތާއީދުކުރާ އެކްޓިވިސްޓުންނާއި ދައުލަތުގެ މީޑިއާގެ ނޫސްވެރިން ގޯނާކޮށް، ފުލުހުން ވަނީ އެ މީހުންނާ ސުވާލުކޮށްފަ އެވެ.

އެ ހަފުލާއަށް ދިޔަ އެކަކު ބުނި ގޮތުގައި، އެ ހާދިސާއަށްފަހު ބިރުން ގޮސް ހުޅަނގުގެ އެމްބަސީތަކުން ލިބުނު އެތައް ދައުވަތެއް އޭނާ ވަނީ ދޫކޮށްލާފަ އެވެ.

މިފަދަ ފިއްތުންތަކަށް ކެތްކުރެވެނީ އެންމެންނަކަށް ނޫނެވެ.

ކުރީގެ ސަފީރަކު ވިދާޅުވި ގޮތުގައި، އަބަދުވެސް މީހަކު ފާރަލަފާނެ ކަމުގެ ބިރުވެރިކަން (ޕެރަނޯއިއާ) ބޮޑުވުމުގެ ސަބަބުން ބައެއް އޮފިޝަލުން ވަނީ ވަޒީފާއިން ވަކިވެފަ އެވެ. ރަޝިއާ ދޫކޮށް ދިޔަ ފަހުން ވެސް، މަސްތަކެއް ވަންދެން ފަހަތުން މީހަކު އާދޭތޯ ބެލޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫކްރެއިން ހަނގުރާމަ ފެށުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، ސަފީރުން އަނބުރާ ގެނައުމާ މެދު ނުވަތަ ރަޝިއާގައި މަސައްކަތް ކުރުން މުޅިން ހުއްޓާލުމާ މެދު ވިލާތުގެ ގައުމުތަކުން މަޝްވަރާ ކުރި ކަމަށް ފަރަންސޭސިވިލާތުގެ ކުރީގެ ސަފީރު ޕިއޭ ލެވީ ވިދާޅުވި އެވެ.

އޭނާ ހަނދާން ކުރެއްވި ގޮތުގައި، ސަފީރުން އަނބުރާ ގެނައުމަކީ ހެދޭނެ ގޯހެއް ކަމަށް ބުނެ އޭނާ ވަގުތުން ޕެރިހަށް ގުޅުއްވި އެވެ. ސަބަބަކީ ގުޅުންތައް ގޯސްވާ ވަރަކަށް، ސަފީރުންގެ ދައުރު މުހިންމުވާނެ ކަމަށް އޭނާއަށް ގަބޫލުކުރެވޭތީ އެވެ.

އެހެން ސަފީރަކު ވިދާޅުވި ގޮތުގައި، ހަނގުރާމައާއެކު އެ ބޭފުޅުންގެ މަސައްކަތް މުޅިން ބަދަލުވެގެން ދިޔަ އެވެ. ދެ ގައުމުގެ ގުޅުމާއި، ވިޔަފާރިއާއި، ގުޅިގެން ހިންގާ މަޝްރޫއުތަކަށް ބޭނުންވާ އެއްބާރުލުން ދިނުން މިހާރު ވަނީ މުސްތަހީލު ކަމަކަށް ވެފަ އެވެ.

އަދި ރަޝިއާގައި މަޑުކުރި ޑިޕްލޮމޭޓުންނަށް، އެ މީހުންގެ ގައުމުގެ ރައްޔިތުންނާއި ކުންފުނިތަކަށް އެހީތެރިވުމުގެ އިތުރުން، ހަނގުރާމައާ ގުޅިގެން އުފެދުނު އާ އެތައް ކަމަކަށް އިސްކަންދޭން ވަނީ މަޖުބޫރުވެފަ އެވެ.

މޮސްކޯއިން "އެކުވެރި ނޫން" ގައުމުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމުތަކުން، ރަޝިޔާގެ އެތެރޭގެ ހާލަތު އޮތްގޮތް ސައްހަކޮށް ދެނެގަތުމަށްޓަކައި އެ ގައުމުގެ އޮފިޝަލުންނާ މުއާމަލާތް ކުރެވޭނެ މަގެއް ބޭއްވުމަށް ބޭނުންވެ އެވެ.

ނަމަވެސް، އެ ގައުމުތަކުގެ އެމްބަސީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށް، އެމްބަސީތަކުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ ވެސް އެ ގައުމުތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ބޭރު ގައުމުތަކުގެ މީހުން ވަޒީފާއަށް ނެގުން ރަޝިޔާއިން 2021 ވަނަ އަހަރު މަނާކުރުމާ ގުޅިގެން، އެމެރިކާ އެމްބަސީގެ މަރާމާތު ބަލަހައްޓާ ޓީމަށް ވަނީ މުވައްޒަފުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. މީގެ ސަބަބުން، އިސްކުރަކުން ފެންލީކުވުން ފަދަ ކުޑަކުޑަ ކަމެއް ދިމާވިޔަސް، އެކަން ހައްލުކުރުމަށް ޑިޕްލޮމެޓުންގެ ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހި، އެއީ ބޮޑު މައްސަލައަކަށް ވަނީ ބަދަލުވެފަ އެވެ.

މުވައްޒަފުންގެ ދަތިކަމާ ގުޅޭގޮތުން ރަޝިޔާގެ އޮފިޝަލަކާ ވާހަކަދެއްކެވި ޑިޕްލޮމެޓަކު ހަނދާން އައުކުރައްވަމުން ވިދާޅުވީ، އެކަމާ މާބޮޑަށް ދެރަނުވުމަށް އެ އޮފިޝަލް ލަފާދެއްވި ކަމަށެވެ. "އޭނާ ބުނީ، މަދުވެގެން އަދިވެސް ކައްކާއަކު އެބަހުއްޓެއް ނޫންހޭ،" އެ ޑިޕްލޮމެޓް ވިދާޅުވި އެވެ.

ޔޫކްރެއިނަށް ތާއީދުކޮށް ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އެޅި މާލީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އެމްބަސީތަކުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަމުގައި ތަފާތު އުނދަގޫތަކެއް ކުރިމަތިވި އެވެ. ރަޝިޔާގެ ބޭންކުތައް "ސްވިފްޓް" ޕޭމަންޓް ނެޓްވޯކުން ވަކިކޮށް، މާސްޓާ ކާޑާއި ވިސާގެ ހިދުމަތްތައް އެ ގައުމުގައި މެދުކަނޑާލުމުން، ގިނަ އެމްބަސީތަކަށް އާންމު ހަރަދުތައް ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި އެވެ.

ކުރީގެ ސަފީރަކު ހަނދާން އައުކުރެއްވި ގޮތުގައި، އެއް ފަހަރަކު އެމްބަސީގައި ނަގުދު ފައިސާ ހުސްވެ، މުވައްޒަފުންނަށް މުސާރަ ނުދެވި ދުވަސްތަކެއް ދިޔަ އެވެ. އެކަން ހައްލުވީ، ގައުމުން ބޭރުކޮށްލުމާ ގުޅިގެން އަމިއްލަ ކާރު ވިއްކާލި އެހެން ޑިޕްލޮމެޓަކު، ފޮއްޓަކަށް އަޅައިގެން ގެނައި ރޫބެލްސް (ރަޝިޔާ ފައިސާ) އެމްބަސީއާ ހަވާލުކުރުމުންނެވެ.

"އެއީ ހަމަ މުޅިން މޮޔަ ކަމެއް،" ހިނިތުންވުމަކާއެކު އެ ޑިޕްލޮމެޓް ވިދާޅުވި އެވެ. "އެކަމަކު އެފަދަ ހާލަތްތަކުގައި ކަންކަން ނަގަންޖެހެނީ މަޖާ ގޮތަކަށް."

ހުޅަނގުގެ ޑިޕްލޮމެޓުންނާ މެދު ރަޝިޔާގެ އޮފިޝަލުން ދެކޭ ގޮތް އެމީހުން ސިއްރެއް ނުކުރެ އެވެ. "އެކުވެރި ނޫން ގައުމުތަކުގެ" ޑިޕްލޮމެޓުންނަކީ ޖާސޫސް ކުރާ ބައެއް ކަމަށް ރަޝިޔާގެ އޮފިޝަލުން ވަނީ ފާޅުގައި ތުހުމަތުކޮށްފަ އެވެ.

ކްރެމްލިންއާ ދެކޮޅަށް ފާޅުކުރާ ހިޔާލުތަކަށް ޝައުގުވެރިކަން ފާޅުކުރާ ޑިޕްލޮމެޓުންނަށް މޮސްކޯއިން ވަރަށް ބޮޑަށް ފާޑުކިޔަ އެވެ. ރަޝިޔާގެ ނޫސްވެރިޔާ އެލެކްސީ ވެނެޑިކްޓޯވް ބުނި ގޮތުގައި، ރަޝިޔާގެ ގިނަ އޮފިޝަލުން ހުޅަނގުގެ އެމްބަސީތަކާ ވާހަކަދެއްކުން މިހާރު ވަނީ އަމަލީ ގޮތުން މަނާކޮށްފަ އެވެ.

މީގެ ސަބަބުން ހުޅަނގާއެކު އޮތް ގުޅުން އިތުރަށް ގޯސްވެފައިވާ ކަމަށް ވެނެޑިކްޓޯވް ބުންޏެވެ. އޭނާ ރަޝިޔާގެ އޮފިޝަލުން ގާތު ބުނި ކަމަށް ވަނީ، "ތިޔަބޭފުޅުންނާ މެދު ނުބައި ތަސައްވަރެއް އުފެދެނީ ތިޔަބޭފުޅުންގެ އަމަލުތަކުގެ ސަބަބުން. ސަފީރުންނަށް އެމީހުންގެ މަސައްކަތް ކުރަން ފުރުސަތު ނުދޭތީ،" ކަމަށެވެ.

ޔޫރަޕްގެ ކުރީގެ ސަފީރަކު ވިދާޅުވި ގޮތުގައި، މިއަދު މޮސްކޯ އާއި ހުޅަނގުގެ ގިނަ ސަރުކާރުތަކާ ދެމެދު އޮތް ގުޅުން ވަނީ މުޅިން ކެނޑިފަ އެވެ. "މިހާރު ފޯނުން ވާހަކަދެއްކުމެއް ނެތް، އަދި މިނިސްޓަރުންގެ ފެންވަރުގެ ބައްދަލުވުންތަކެއް ވެސް ނުބާއްވާ،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މި ހާލަތުގެ ސަބަބުން ޑިޕްލޮމެޓުންގެ ދައުރު ކުރިއަށްވުރެ މުހިންމުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކީ، އެމީހުންގެ ސަރުކާރުތަކުގެ ސިޔާސަތުތައް މޮސްކޯއަށް ބުނެދިނުމުގެ ޒިންމާ މިހާރު އޮތީ އެމީހުންގެ ބޮލުގައި ކަމަށްވާތީ އެވެ.

"ޖެނެރަލުންގެ ގާބިލުކަން ސާބިތުވަނީ ހަނގުރާމައިގެ ވަގުތުގައި. ޑިޕްލޮމެޓުންނަށް ވެސް އޮތީ އެފަދަ ގޮތެއް. ކަންކަން އިންތިހާއަށް އުނދަގޫވާ ވަގުތު، ކުރާ ކޮންމެ ކަމަކީ ވެސް ނުހަނު މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ.

ލިން ޓްރޭސީ 2025 ވަނަ އަހަރު މޮސްކޯއިން ފުރާވަޑައިގަތީ، އޭނާގެ މައިގަނޑު މަގްސަދު ހާސިލުވި ކަމުގެ އިހުސާސާއެކުގަ އެވެ. އެއީ އެމެރިކާ އެމްބަސީގެ މަސައްކަތްތައް ހުއްޓުމެއް ނެތް ގޮތުގައި ކުރިއަށް ގެންދިއުމެވެ.

މީގެ އިތުރުން، އެމެރިކާގެ ރައްޔިތުންނާއި ރަޝިޔާގެ އާންމު ރައްޔިތުންނާ ދެމެދު އޮތް ގުޅުން ދެމެހެއްޓުމަށް އޭނާ އާއި އޭނާގެ ޓީމުން ކުރި މަސައްކަތާ މެދު ވެސް އޭނާ ފަހުރުވެރިވެ އެވެ.

"ކޮންމެވެސް ދުވަހަކުން ދެ ސަރުކާރުގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުވުމުގެ ފުރުސަތު ލިބޭނެ. އެ ދުވަހަކުން، ރައްޔިތުންގެ މެދުގައި އޮތް މި ގުޅުންތަކުގެ ސަބަބުން، ސަރުކާރުތަކުގެ ގުޅުން އަވަހަށް އިއާދަކުރުމަށް އެހީތެރިވެދޭނެ،" ލިން ޓްރޭސީ ވިދާޅުވިއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންފްލުއެންސަރަކު މަރުވުމުން ޔޫޓިއުބަރަކު ހައްޔަރުކޮށްފި

އިންޑިއާގެ މަޝްހޫރު ފައިނޭންސް އިންފްލުއެންސަރެއް ކަމަށްވާ ހަރިޝް އަމިއްލައަށް މަރުވުމާ ގުޅިގެން، އޭނާއަށް އިންޓަނެޓް މެދުވެރިކޮށް ފުރައްސާރަކޮށް ފައިސާ އަތުލަން އުޅުނު ކަމުގެ ތުހުމަތުގައި ޔޫޓިއުބަރަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި މާލީ އިރުޝާދުދޭ މީހުންގެ ނުފޫޒާއި އެފަދަ ފަރާތްތަކަށް ކުރިމަތިވާ ބުލީންގެ މައްސަލަތަކާ މެދު އިންޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

އެއާޕޯޓަކާއި ތެޔޮ ފެސިލިޓީއަކަށް ދިން ހަމަލާގައި ހަތަރު މަރު

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށާއި ތެޔޮ ފެސިލިޓީއަކަށް ދިން ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި ތަފާތު ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު މަރުވެ، އަށް މީހަކު ޒަޚަމްވެއްޖެއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ދައްމާމްގައި ހުންނަ ކިންގް ފަހުދު އެއާޕޯޓަށާއި އަރާމްކޯގެ ތެޔޮ ފެސިލިޓީއަކަށް ކަމަށްވާއިރު، ސައުދީ ކޯލިޝަނުން ވަނީ އިތުރު ހަމަލާތަކެއް ވައިގެ ތެރޭގައި ނާކާމިޔާބުކޮށްލާފައެވެ.

ދެކުނު ކޮރެއާގެ ސެލެބްރިޓީ މިޔަރު އަނެއްކާވެސް ބަނދަރު ތެރޭގައި

ދެކުނު ކޮރެއާގެ ބޫސާން ބަނދަރުގައި ތާށިވެފައި އޮތް "ބުކަންގީ" ނަމަކަށް ކިޔާ މިޔަރު، ކަނޑަށް ނެރުނުތާ އެއްދުވަސް ތެރޭގައި އަނބުރާ ބަނދަރަށް ވަދެފި. ފެން ހޫނުވުމާއި ކާނާ ގިނަވުމުގެ ސަބަބުން އެ ސަރަހައްދަށް ވަން މި މިޔަރު ބަލަން ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، މިޔަރު އެހެން ތަނަކަށް ބަދަލުކުރުމުގެ އޮޕަރޭޝަނެއް މިހާރު ވަނީ ތާވަލުކޮށްފަ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ހަފުތާއެއް ފަހުން ކުރަފި ޕާޓީގެ ދެ ލީޑަރުން ޖަލުން މިނިވަންކޮށްފި

އިންޑިއާގެ ދިއްލީގައި މުޒާހިރާކުރުން މަނާ ސަރަހައްދަކަށް ވަދެގަތް މައްސަލައިގައި ހައްޔަރުކުރި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ދެ ލީޑަރުން ހައްޔަރުކުރީ އިންޑިއާގެ އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހިރާ ކުރަނިކޮށް ކަމަށްވާއިރު، ސީޖޭޕީއަކީ ޒުވާނުންގެ ހައްގުތަކަށް ވަކާލާތުކުރާ ނުރަސްމީ ސިޔާސީ ހަރަކާތެއް.

އެމެރިކާ-އިންޑިއާ ވިޔަފާރި އެއްބަސްވުން ފައިނަލްކުރަން ގާތްވެއްޖެ

އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ހިޔާލުތަފާތުވުންތައް ނައްތާލައި، އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފައިނަލް މަރުހަލާއަށް ދިޔުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިން މަޝްވަރާކުރައްވައިފިއެވެ. މީގެ އިތުރުން ހަކަތަ އާއި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ޔޫއޭއީއާ އެކު ސަރަހައްދީ އިގްތިސާދީ މަސްލަހަތުތައް ކުރިއެރުވުމަށް ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ހަމަނުޖެހުން ހިންގަނީ މުސްލިމުން ކަމަށް ވިދާޅުވުމުން ރައްދުދީފި

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ މުސްލިމް ހިޖުރަވެރިންގެ ބޮލުގައި އަޅުވައި ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ރައީސް މެކްރޮން ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. މެކްރޮން ވިދާޅުވީ ބޭރުގެ ލީޑަރުން ފްރާންސްގެ ދާޚިލީ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox