ބަހާމާސްގައި ސްނޯކްލިންއަށް ގޮސް އުޅުމުގެ ތެރޭގައި އޮއިގަނޑެއްގައި ޖެހި ބަހައިގެން ދިޔަ އޭނާގެ ދެ ފިރިހެން ދަރިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އިނގިރޭސިވިލާތުގެ މަޔަކު މަރުވެއްޖެ އެވެ.
ރޯޔަލް ބަހާމާސް ޕޮލިސް ފޯސްއިން ބުނީ، ބިމިނީ އައިލެންޑްގައި އުމުރުން 36 އަހަރުގެ އިނގިރޭސި އަންހެނަކު ކުއްލި ގޮތަކަށް މަރުވި މައްސަލައެއް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ނޮޓިންހަމްޝަޔާގެ ސްޓޭޕަލްފޯޑަށް ނިސްބަތްވާ ކަމަށް ބެލެވޭ އެ އަންހެން މީހާ، އޭނާގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިންނާއެކު އެ ރަށުގެ ދެކުނު ފަރާތުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، ބާރު އޮއިގަނޑެއްގައި ޖެހި ދެ ކުދިން ބަހައިގެން ދިޔައީ އެވެ.
އެ ދެ ކުދިން ސަލާމަތް ކުރަން ކުރި މަސައްކަތުގެ ތެރޭގައި އެ އަންހެން މީހާ ވެސް އޮއިގަނޑުގައި ޖެހި ބަހައިގެން ދިޔަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، ފަހުން އެ ދެ ކުދިން ވަނީ މޫދުން ސަލާމަތް ކުރެވިފަ އެވެ.
ސޯޝަލް މީޑިއާގައި ރޯޔަލް ބަހާމާސް ޕޮލިސް ފޯސްއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، "މި ހާދިސާގެ އިބްތިދާއީ ރިޕޯޓުތައް ބުނާ ގޮތުން، ހެނދުނު 10:00 ޖަހާކަންހާއިރު ނޯތު ބިމިނީ ފެރީ ޑޮކް ސަރަހައްދުގައި ހޭނެތިފައި އޮތް އަންހެނެއްގެ މައުލޫމާތު އެލިސް ޓައުން ޕޮލިސް ސްޓޭޝަނަށް ލިބުނު" ކަމަށެވެ.
"ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ އަންހެން މީހާ ފަރުވާއަށްޓަކައި އެ ރަށުގެ ކްލިނިކަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުނު. އަދި އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ޑޮކްޓަރުން ވަނީ އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައި،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
އިބްތިދާއީ މައުލޫމާތުތަކުން އެނގޭ ގޮތުގައި، މަރުވި އަންހެން މީހާ އޭނާގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިންނާއެކު ރަށުގެ ދެކުނު ފަރާތުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، ބާރު އޮއިގަނޑެއްގައި ޖެހި ދެ ކުދިން ބަހައިގެން ދިޔައީ އެވެ.
އެ ދެ ކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އެ އަންހެން މީހާ ވެސް އޮއިގަނޑުގައި ޖެހި ބަހައިގެން ދިޔައީ އެވެ. އޭނާ މޫދުން ނެގުމަށްފަހު ފެރީ ޑޮކަށް ގެންގޮސް، ސީޕީއާރު ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާގައި އެއްވެސް ޖިނާއީ ކަމެއް ހިމެނޭ ކަމަށް މިހާތަނަށް ބެލެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަންހެން މީހާ މަރުވި ސީދާ ސަބަބު ދެނެގަތުމަށްޓަކައި އޮޓޮޕްސީއެއް ނުވަތަ ޕޯސްޓްމޯޓަމްއެއް ހެދުމަށް ވަނީ ނިންމާފަ އެވެ.







