ދިވެހި ފިލްމް "ކީއްވެ" ގެ ފުރަތަމަ ޓްރެއިލަރ ލޯންޗްކޮށް ފިލްމުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.
ކާމިޔާބު ޕްރޮޑަކްޝަން ހައުސްތަކެއް ކަމަށްވާ، ސްލޭމް ސްޓޫޑިއޯ އާއި، ނޫރު އެންޑް މޫވީސް، ސެޓާން ސްޓޫޑިއޯ އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ސިނަމާތަކަށް ގެންނަން ތައްޔާރު ކުރާ ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ ބުރާސްފަތި ދުވަހު އާންމުކުރުމަށް ފަހު، ފިލްމުގެ ޓިކެޓް ވިއްކަން ފަށީ ހުކުރު ދުވަހުއެވެ.
އޮލިމްޕަސް ޓިކެޓް ކައުންޓަރ ގެ އިތުރުން، އޮންލައިންކޮށް މި ފިލްމްގެ ޓިކެޓް ބައްލަވައިގަނެވެއެވެ. މިގޮތުން މި ފިލްމްގެ ޓިކެޓް saturnstudio.mv/booking ވެބްސައިޓް މެދުވެރިކޮށް މިހާރު މި ފިލްމުގެ ޓިކެޓް ލިބޭނެއެވެ.
ދިވެހި ސިނަމާގެ ލެޖެންޑަރީ އެކްޓަރ ރީކޯ މޫސާ މަނިކު ފިލްމްގެ ލީޑް ރޯލު ކުޅެފައިވާ މި ފިލްމުގައި އޭނާގެ ހުނަރުވެރި އަދި އަސަރުގަދަ އެކްޓިންގ ޓްރެއިލަރއިންވެސް ވަރަށް ފުރިހަމައަށް ފެނިގެންދެއެވެ.
ފަންސަވީސް އަހަރަށްފަހު ފިލްމަކުން މޫސަ ފެންނައިރު އަދިވެސް އޭނާގެ ޑައިލޮގް ކިޔުމުގެ ހުނަރާއި ފަންނުގައި އޭނާ ހުރި ހިސާބު މި ފިލްމުގެ ޓްރެއިލަރ އެކަނިވެސް ބުނެދެއެވެ.

މޫސަ ގެ އަޑުން "އަދި އެއްފުރުސަތު ދީ.." އާއި "ހަތަރު ވަނަ މީހަކާވެސް އިންނަންވީތަ.؟" ބުނާ އަޑު އިވެއެވެ.
އާއިލީ ގުޅުންތަކާއި ލޯބީގެ އުނދަގޫ އިހުސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގެ ވާހަކަ، ޓްރެއިލަރގެ ޒަރީއާއިން ބެލުންތެރިންނަށް ކޮންމެވެސް ވަރަކަށް ސިފަކޮށްދީފައިވެއެވެ.
މިފިލްމުގައި މޫސަގެ އިތުރުން މަޝްހޫރު ތަރި، ޝީލާ ނަޖީބް، މަރިޔަމް ނިޝާ، ޝަމީލް އަދި ދަރާ ރަޝީދު ފެނިގެން ދާއިރު، މި ފިލްމުގައި ގެނެސްދެވިފައިވާ މި ވާހަކައަކީ އެހެން ދިވެހި ފިލްމް ތަކާއި ޚިލާފަށް ދިރިއުޅުމުގެ މެދު އުމުރުގައި ދިމާވާ މައްސަލަތަކަށް އަލިއަޅުވާލެވިގެން ހަދާފައިވާ ފިލްމެއްކަމަށް ބެލެވެއެވެ.
އަސްލަމް ރަޝީދު ޕްރޮޑިއުސްކުރާ ފިލްމަކީ 20 އަހަރުގެ މެދުކެނޑުމަކަށްފަހު ކުޅަދާނަ ޑައިރެކްޓަރު އީސާ ޝަރީފްގެ އެނބުރި އައުމެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ ތަޖުރިބާކާރު ޑައިރެކްޓަރ އީސާ ޝަރީފެވެ. އަދި އެގްޒެކްޓިވް ޑައިރެކްޓަރުންނަކީ ހުސެން ނޫރައްދީންއާއި އަލީ ޝާނިޒްގެ އިތުރުން ހުސެން މުނައްވަރު (ކިޑް) އެވެ.
ކުލަގަދަ އިވެންޓަކާއި އެކު މި ފިލްމު ރަސްމީކޮށް ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރ 2026 ގައެވެ.




