މިލާން (ނޮވެމްބަރު 1) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި، އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ލީގު ތާވަލުގެ އެއް ވަަނަަ ގެއްލިއްޖެ އެވެ.
މިއީ، މި ފަހަރު ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ ބަލިވި ފުރަތަމަ ފަހަރެވެ.
ލީގުގެ އެއް ވަނައިގައި އޮތް ލާޒިއޯ އާއި މިހާރު ދެ ވަނައިގައި އޮތް އިންޓަ އަށް 25 ޕޮއިންޓް ލިބިފައިވާއިރު، ލާޒިއޯ ކުޅުނީ ނުވަ މެޗެވެ. އިންޓަ އިން ވަނީ 10 މެޗު ކުޅެފަ އެވެ. ޖެނާރޯ ގަޓޫސޯ ކޯޗުކޮށްދޭ ލާޒިއޯ އިން މިރޭ ކަލިއަރީ ބަލިކޮށްފިނަމަ، ތިން ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.
މިލާނުން ރޭގެ މެޗު ފެށީ ތަފާތު ފޯމެއްގަ އެވެ. އެ ގޮތުން، އެ ޓީމުން ވަނީ ފުރަތަމަ 10 މިނިޓް ތެރޭ ދެ ލަނޑު ޖަހައި، އިންޓަ ހާސްކޮށްލައިފަ އެވެ. މެޗުގެ ހަތަރު ވަަނަ މިނިޓްގައި މިލާނުން ލީޑުނެގީ ކްރިސްޓިއަން ޕުލިސިޗް ޖެހި ގޯލުންނެވެ. މިއީ، ޑިއޭގޯ މޮރެއިރާ ނެގި ހުރަހަކަށް އަރައި ޕުލިސިޗް ޖެހި ލަނޑެކެވެ. މެޗުގެ 10 ވަނަ މިނިޓްގައި އޭޑްރިއަން ރަބިއޯ ވަނީ މިލާންގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު ޖަހަން ފުރުސަތު ހޯދައިިދިނީ ވެސް މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މޮރެއިރާ އެވެ.
އިންޓަ އިން އަނބުރާ މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި 22 ވަނަ މިނިޓްގައި ލަނޑެއް ޖެހި އެވެ. މިއީ، ކޯނަރަކުން ހުރަސްވި ބޯޅައަކުން، ޑިފެންޑަރު، އަލެސަންޑްރޯ ބަސްޓޯނީ، އިންޓަ އަށް ޖަހައިދިން ގޯލެކެވެ. އޭގެ ފަހުން، ނަތީޖާ ހަމަހަމަ ކުރަން އިންޓަ އަށް ގިނަ ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. އެ ގޮތުން، އިންޓަގެ ޖެޑް ސްޕެންސް، ހަކަން ޗަނޮނޯލޫ، އެންޑީ ދިއުފް އަދި ޕެޓާ ސުޗިޗް އަށް ލިބުނު ފުރުސަތުތައް ބޭނުމެއް ނުކުރެވުނެވެ.
މިލާނުން ވަނީ އިންޓަ ކޮޅަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ވަނަ ލަނޑެއް ޖަހައި، ދެ ގޯލުގެ ލީޑެއް އަލުން ނަގައިފަ އެެވެ. މި ލަނޑު ޖަހައިދިނީ، ފުރަތަމަ ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ބެލްޖިއަމްގެ މިޑްފީލްޑަރު، މޮރެއިރާ އެވެ.
މި މޮޅާ އެކު، މިލާން އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގަ އެވެ. އެއީ، 10 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. އެކަމަކު، މި ހަފްތާގެ މެޗުތައް ނިމޭއިރު، މިލާން ފަސް ވަނަ އަށް ވެއްޓުމުގެ ފުރުސަތު އެބައޮތެވެ.












