ލަންޑަން (އޮކްޓޫބަރު 23) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުން އިޓަލީގެ އޭސީ މިލާން 3-0 އިން ބަލިކޮށް، ބޯންމައުތުން އެ ކްލަބްގެ ތާރީހުގައި ހާއްސަ ނަތީޖާއެއް ހޯދައިފި އެވެ.
ޗެމްޕިއަންސް ލީގުގެ ތަށި ހަތް ފަހަރު ހޯދާފައިވާ މިލާނުން ރޭގެ މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ އެއް ކުުޅުންތެރިއަކު މަދުކޮށެވެ. އެއީ، މެޗުގެ 27 ވަނަ މިނިޓްގައި މިލާނަށް ކުޅޭ ފްރާންސްގެ ގޯލްކީޕަރު، މައިކް މައިންނޯން އަށް ރަތެއް ދެއްކުމުންނެވެ.
ބޯންމައުތުގެ ދަނޑު ވައިޓާލިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ އަށް ވަނަ މިނިޓްގައި ޖަސްޓިން ކްލައިވަޓް ޖެހި ޕެނަލްޓީން ލީޑުނަގައިފަ އެވެ. މިއީ، ބޯންމައުތުގެ ބްރެޒިލް ފޯވާޑް، އެވަނިލްސަން ފޮނުވާލި ބޯޅައެއް މިލާންގެ ޑިފެންޑަރު، ކޯނީ ޑި ވިންޓާ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. ލެޖެންޑަރީ ފޯވާޑް، ޕެޓްރިކް ކްލައިވަޓްގެ ދަރިފުޅު، ޖަސްޓިން ކްލައިވަޓް ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
އެއް ގޯލު ފަހަތުގައި އޮއްވައި، މިލާނަށް މައްސަލަ ދިމާވީ އެ ޓީމުގެ ގޯލްކީޕަރު، މައިންނޯން ބޯޅަ ނެތިސް، ބޯންމައުތުގެ ޓައިލާ އެޑަމްސް އަށް ހަމަލާދިނުމުންނެވެ. ރެފްރީ ވަނީ މައިންނޯން އަށް ރަތެއް ދައްކައިފަ އެވެ. އެ ފައުލަށް ދިން ޕެނަލްޓީން ބޯންމައުތުގެ ދެ ވަނަ ލަނޑު ޖެހީ 32 ވަނަ މިނިޓްގައި މާކަސް ޓަވަނީއާ އެވެ. ބަދަލަކަށް އެރި މިލާންގެ ކީޕަރު، ލޮރެންޒޯ ޓޮރިއާނީ އަށް އެ ބޯޅަ ހިފެހެއްޓޭނެ ގޮތެއް ނުވި އެވެ.

މިލާނުން ކުޅުންތެރިއަކު މަދުކޮށް ވެސް ޖުމްލަކޮށް، ރަނގަޅަށް ޑިފެންސްކުރި އެވެ. އެކަމަކު، މެޗުގެ ފުރިހަމަަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް، މިލާން ކޮޅަށް ބޯންމައުތުން ތިން ވަނަ ލަނޑު ޖެހި އެވެ. މިއީ، 84 ވަނަ މިނިޓްގައި، އަމީން އަދްލީ، ހިލޭ ޖެހުމަކުން ޖެހި ގޯލެކެވެ. އޭނާ އަކީ ބަދަލަކަށް ކުޅެން އެރި ކުޅުންތެރިއެކެވެ. ބޯންމައުތަށް ހަތަރު ވަނަ ލަނޑެއް ޖަހައިދޭން ރަޔާން ފޮނުވާލި ހަމަލާ ގޯލަކަށް ހަދައެއްނުލެވުނެވެ.
މި ނަތީޖާއާ އެކު، ބޯންމައުތުން ވަނީ ޔޫރޮޕާ ލީގުގައި 100 ޕަސެންޓް ރެކޯޑް ދަމަހައްޓައިފަ އެވެ. މިލާން ބަލިކުރުމަކީ ބޯންމައުތަށް ޔޫރަޕްގައި މިހާތަނަށް ނެރެވުނު އެންމެ ރަނގަޅު ނަތީޖާ އެވެ.
ބޯންމައުތުގެ އިތުރުން ޔޫރޮޕާ ލީގުގައި ފުރަތަމަ ތިން މެޗުން މޮޅުވި ޓީމުތަކަކީ، ބެންފީކާ، ބަޔާ ލެވަކޫސަން، ފެރެންޗްވަރޯސް އަދި އޮލިމްޕިއާކޯސް އެވެ.
މިލާން ވަނީ ފުރަަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފަ އެވެ. އަނެއްކޮޅުން، ރޭގެ މެޗަކީ ޖެނުއަރީ މަހު، މެންޗެސްޓާ ޔުނައިޓެޑުން ވަކިކުރި ކޯޗު، ޕޯޗުގަލްގެ ރުބެން އަމޮރިމް، އިންގްލެންޑްގެ ކްލަބަކާ ކުރިމަތިލި ފުރަތަމަ ފަަހަރެވެ. އަމޮރިމްގެ ކެރިއަރުގައި ބޯންމައުތާ ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބެ އެވެ. ދެ މެޗުން ބަލިވިއިރު، ދެ މެޗުން ވީ އެއްވަރެވެ.












