މިލާން (އޮކްޓޫބަރު 25) - އިތުރު ވަގުތުގެ ތެރޭގައި ދެ ގޯލު ޖަހައިގެން ފަހަތުން އަރައި 2-1 އިން ފިއޮރެންޓީނާ ބަލިކޮށް އިންޓަ މިލާނުން އިޓާލިއަން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
އެއް ވަނައިގައި އޮތް އިންޓަ އާއި ދެ ވަނައިގައި އޮތް ލާޒިއޯ އަށް ވަނީ އެއްވަރަށް ޕޮއިންޓް ލިބިފަ އެވެ. ލާޒިއޯ އިން މި ހަފްތާގައި ކުޅުނު މެޗުން 2-1 އިން ޕާމާ ބަލިކުރި އެވެ. އިންޓަ އާއި ލާޒިއޯ އަށް ވަނީ އަށް މެޗުން 22 ޕޮއިންޓް ލިބިފަ އެވެ. އިންޓަ އަށް ކުރި ލިބެނީ ހެޑް ޓު ހެޑް ގަވާއިދުންނެވެ. ފައިދާ ގޯލަށް ބަލާއިރު، އިންޓަގެ 13 ގޯލު އޮތްއިރު، ލާޒިއޯގެ އޮތީ 11 ގޯލެވެ.
ތިން ވަނައިގައި އޮތް ރޯމާ އަށް އަށް މެޗުން 18 ޕޮއިންޓް އަދި ހަތަރެއްގައި އޮތް ކޯމޯ އަށް އަށް މެޗުން 17 ޕޮއިންޓް ލިބިފައިވެ އެވެ.
އިންޓަ ދަނޑުގައި ކުޅުނު މެޗުގެ 34 ވަނަ މިނިޓްގައި އެ ޓީމުގެ މާކަސް ތުރާމް ޖެހި ބޯޅަ ފިއޮރެންޓީނާގެ ކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ މަތަކޮށްފަ އެވެ. އަދި، މެޗުގެ 43 ވަނަ މިނިޓްގައި ތުރާމް ޖެހި ޝޮޓް ވެސް ޑެ ހެއާ ވަނީ ހުށިޔާރުކަމާ އެކު ބޯޅަ ހުއްޓުވައިފަ އެވެ.
ދެ ވަނަ ހާފުގައި އިންޓަ އިން ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދަނިކޮށް، ފިއޮރެންޓީނާ އިން ވަނީ ލަނޑެއް ޖަހައި، އިންޓަ ސިއްސުވާލައިފަ އެވެ. މެޗުގެ 65 ވަނަ މިނިޓްގައި އޭރިއާބޭރުން އަލެކްސް ހިމެނޭޒް ޖެހި ބާރު ޝޮޓް އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.
އިންޓަ އަށް އެއްވަރުކޮށްދޭން ކާލޯސް އަގުސްޓޯ ބޮލުން ޖެހި ދެ ބޯޅައެއް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
މެޗުގެ ނަތީޖާ އަނބުރާލުމަށްޓަކައި އިންޓަ އިން ފަހު ވަގުތާ ހަމައަށް ކުރި މަސައްކަތް ކާމިޔާބުވީ ވަރަށް ހިތްވަރުންނެވެ. އެ ގޮތުން، އެ ޓީމުން ނަތީޖާ ހަމަހަމަކުރި ލަނޑު އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ޖެހީ ތުރާމް އެވެ. އޭރިއާތެރެއިން ތުރާމް ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.
އިންޓަ މޮޅުވި ލަނޑަކީ ޕެނަލްޓީ އަކުން ޖެހި ގޯލެކެެވެ. އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި، ތުރާމް އަށް ފިއޮރެންޓީނާގެ ވިކްޓަ ވަލްޑެޕެނިއާސް ކުރި ފައުލަކަށް ދިން ޕެނަލްޓީ، އިންޓަގެ ޕިއޮޓްރޭ ޒިއެލިންސްކީ ވަނީ ގޯލަށް ވައްދާލައިފަ އެވެ.
މި ހަފްތާގައި އިޓާލިއަން ލީގުގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ސަސުއޯލޯ އަތުން ކޯމޯ 2-0 އިން މޮޅުވިިއިރު، ނަޕޯލީ އާއި ރޯމާ ވަނީ 3-3 އިން އެއްވަރުވެފަ އެވެ. އަދި، އެޓަލަންޓާ އާއި ފްރޮސިނޯނޭ ކުުޅުނު މެޗު ވަނީ 4-4 އިން އެއްވަރުވެފަ އެވެ.












