އޮޑިޓު އޮފީހުން އެދުނު ގޮތަށް 133.6 މިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާއި އޮޑިޓު އޮފީހުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި: އޮޑިޓު އޮފީހުން ހުށަހެޅި މި އަހަރަށް ވުރެ ހަތް ލައްކަ ރުފިޔާ ކުޑަ ބަޖެޓެއް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާއި އޮޑިޓު އޮފީހުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި: އޮޑިޓު އޮފީހުން ހުށަހެޅި މި އަހަރަށް ވުރެ ހަތް ލައްކަ ރުފިޔާ ކުޑަ ބަޖެޓެއް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އޮޑިޓަރު ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ހުށަހަޅާފައިވާ 133.6 މިލިއަން ރުފިޔާގެ ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް، އެ އޮފީހުން އެދިފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮޑިޓު އޮފީހުގެ ބަޖެޓު ފާސްކޮށްފި ވަނީ ވޯޓުގައި ބައިވެރިވި 46 މެންބަރުންގެ އިއްތިފާގުންނެވެ. 

އޮޑިޓު އޮފީހަށް ދިން ބަޖެޓުގެ ތެރެއިން 90.1 މިލިއަން ރުފިޔާ ހިނގާނީ އޮފީހުގެ ރިކަރަންޓް ހަރަދާއި ހަރުމުދާ ހޯދުމަށެވެ. ބާކީ 43.5 މިލިއަން ރުފިޔާ ހިނގާނީ  ހުޅުމާލޭގައި ހަދާ އޮޑިޓު އޮފީހުގެ އާ އިމާރާތަށެވެ.

ރިކަރަންޓު ހަރަދުގެ ތެރެއިން 55.8 މިލިއަން ރުފިޔާއަކީ އެ އޮފީހުގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް ހަރަދުކުރާ ފައިސާ އެވެ. އަންނަ އަހަރު އޮޑިޓު އޮފީހަށް 14 އާ މުވައްޒަފުން ނެގުމަށް 3.5 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި، އެ މުވައްޒަފުންނަށް ލެޕްޓޮޕާއި މޭޒު ފަދަ މަސައްކަތް ކުރާނެ ވަސީލަތްތައް ހޯދުމަށް ހަތް ލައްކަ ރުފިޔާ ހިމަނާފައިވެ އެވެ. 

އޮޑިޓު އޮފީހުން ބުނީ މީގެ ތެރެއިން ނުވަ މުވައްޒަފުން ނަގަނީ، މި އަހަރު އުފެއްދި "އޮޑިޓް ކޮލިޓީ ރިވިއު އެންޑް މޮނިޓަރިން ޑިޕާޓްމަންޓް" އާ އެކީ އަންނަ އަހަރު ކުރަން ޖެހޭ އޮޑިޓްތައް އިތުރުވެފައިވާތީ ކަމަށެވެ.

މިހެން ނަމަވެސް، މި އަހަރުގެ ބަޖެޓާ އަޅާާބަލާއިރު، އަންނަ އަހަރަށް ފާސްކޮށްދިން ބަޖެޓަކީ މި އަހަރުގެ ރިވައިޒްޑް ބަޖެޓަށް ވުރެ ހަތް ލައްކަ ރުފިޔާ ދަށް އަދަދެކެވެ. 

އޮޑިޓު އޮފީހުގެ ބަޖެޓުގެ މައިގަނޑު ބައިތައް

  • މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް: 55.8 މިލިއަން ރުފިޔާ
  • އާ އިމާރާތް: 43.5 މިލިއަން ރުފިޔާ
  • އޮފީހުގެ އިދާރީ ހަރަދު: 19.9 މިލިއަން ރުފިޔާ
  • ދަތުރުފަތުރު: 10.6 މިލިއަން ރުފިޔާ
  • މުވައްޒަފުން ތަމްރީނުކުރުން: 611,211ރ.
  • އޮޑިޓަރު ޖެނެރަލްގެ މުސާރަ އާއި އިނާޔަތްތައް: 981,000ރ.

އޮޑިޓު އޮފީހުން މާލިއްޔަތު ކޮމިޓީއަށް ދީފައިވާ މައުލޫމާތުން ދައްކާ ގޮތުގައި، މި އަހަރުގެ ބަޖެޓުގައި ރިކަރަންޓު ހަރަދާއި ހަރުމުދާ ހޯދުމަށް ކަނޑައެޅި 92.8 މިލިއަން ރުފިޔާގެ ތެރެއިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަރަދުކޮށްފައި ވަނީ 56.4 މިލިއަން ރުފިޔާ އެވެ. އެއީ ގާތްގަނޑަކަށް 61 ޕަސެންޓެވެ.

އެ އޮފީހުން އަންދާޒާ ކުރަނީ އަހަރުގެ ފަހު ކުއާޓަރުގެ ހަރަދުތައް ހިމަނައިގެން، މި އަހަރު ނިމޭއިރު ހަރަދު ވަނީ 79.1 މިލިއަން ރުފިޔާ ކަމަށެވެ. މިހެންކަމުން 13.7 މިލިއަން ރުފިޔާއާ ގާތް އަދަދެއް ހަރަދު ނުވެ ބާކީ ވާނެ އެވެ.

ހަމަ މި ގޮތަށް، އެ އޮފީހުގެ އާ އިމާރަތަށް މި އަހަރަށް ކަނޑައެޅި 41.5 މިލިއަން ރުފިޔާގެ ތެރެއިން، މުޅި އަހަރުގެ ތެރޭގައި ހަރަދު ވާނެ ކަމަށް މިހާރު އަންދާޒާ ކުރަނީ 10.9 މިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު އިތުރު މުވައްޒަފުން ނެގި ނަމަވެސް ނަމަވެސް އޮޑިޓު އޮފީހުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ބަޖެޓުކޮށްފައި ވަނީ މި އަހަރަށް ވުރެ 4.5 މިލިއަން ރުފިޔާ (ހަތް ޕަސެންޓު) ކުޑަ އަދަދެކެވެ.

އެ އޮފީހުގެ ބަޖެޓުގެ ތަފުސީލުން ފެންނަ ގޮތުގައި އަސާސީ މުސާރައަށް ކަނޑައަޅާފައިވާ އަދަދު 10 ޕަސެންޓު ކުޑަވެފައިވެ އެވެ. އޯވަޓައިމަށް ކަނޑައަޅާފައިވާ އަދަދު 1.8 މިލިއަން ރުފިޔާއިން 808,299ރ. އަށް ދަށްވެފައިވެ އެވެ. އެއީ 55 ޕަސެންޓު ކުޑަ އަދަދެކެވެ.

އޮޑިޓު އޮފީހުން ކޮމިޓީގައި ބުނީ، ފިނޭންސް މިނިސްޓްރީން އެ އޮފީހަށް ދީފައިވާ ބަޖެޓު ސީލިންގާ އެއްގޮތްވާ ގޮތަށް ބަޖެޓު ފެއްތުމަށް ޓަކައި، މުވައްޒަފުންގެ އަސާސީ މުސާރަ އާއި ހާޒިރީ އެލަވަންސް ކުޑަކޮށް ބަޖެޓުކުރަން ޖެހުނު ކަމަށެވެ. އޮޑިޓު އޮފީހުން ބަޖެޓުކުރުމުގައި ގެނައި ބަދަލުތަކަކީ:

  • މުވައްޒަފަކު ވަޒީފާއިން ވަކިވުމަށްފަހު އެ މަގާމަށް އަލުން މީހަކު ނަގަންދެން ހިނގާ މުއްދަތުގައި، އެ މަގާމުގެ މުސާރަ ނުހިނގާނެ ކަމަށް ބަަލައިގެން ހިސާބުކުރުން
  • މުވައްޒަފުން އަހަރީ ޗުއްޓީ ނަގާއިރު ހާޒަރީ އެލަވަންސްއިން އުނިވާ ބައި ހިސާބުކުރުން
  • އެހެން އަހަރުތަކުގައި މުސާރަ އާއި އިނާޔަތްތައް ބަޖެޓުކުރަމުން ދިޔައީ 12 މަހަށް ކަމުގައި ވިޔަސް، އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގައި މިހާތަނަށް ހިނގާފައިވާ ހަރަދަށް ބަލައިގެން ހިސާބުކުރުން

އޮޑިޓު އޮފީހުގެ ބަޖެޓާއެކު ހުށަހަޅާފައިވާ އެ އިދާރާގެ 2027 ވަނަ އަހަރުގެ "އެނުއަލް ވޯކް ޕްލޭން" ގައި ބުނެފައިވާ ގޮތުގައި، އަންނަ އަހަރު އެ  އޮފީހުން ކުރަން ރާވާފައިވާ 394 އޮޑިޓްގެ ތެރެއިން 120 އޮޑިޓަކީ ނުނިންމާ ހުރި އޮޑިޓުތަކެވެ. މި އޮޑިޓްތަކުގެ ތެރޭގައި ހިމެނެނީ:

  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލް އަދި ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން ހެލްތު މިނިސްޓްރީގެ 2022 އިން 2025 އަށް ހަތަރު އަހަރުގެ އޮޑިޓު ރިޕޯޓު
  • ފުލުހުންނާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި އިކޮނޮމިކް މިނިސްޓްރީގެ 2023 އިން 2025 އަށް ތިން އަހަރުގެ އޮޑިޓު ރިޕޯޓުު
  • ފިނޭންސް މިނިސްޓްރީގެ 2024 އާއި 2025 ގެ އޮޑިޓުތަކާއި ހާއްސަ ބަޖެޓުގެ އޮޑިޓުތައް ހިމަނައިގެން ހަތަރު އޮޑިޓު ރިޕޯޓު

ހާއްސަ އޮޑިޓުތަކުގެ ތެރެއިން އަންނަ އަހަރަށް ފަސްކުރީ ތިލަމާލެ ބްރިޖު މަޝްރޫއު އާއި އެޗްޑީސީން 2022 އަށް 2024 އަށް ބިން ވިއްކުމާއި، އެޗްޑީސީގެ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ އިތުރުން ސޯޝަލް ހައުސިން ޕްރޮގްރާމްތަކާއި ސްޓެލްކޯ އާއި ސިފްކޯގެ ހާއްސަ އޮޑިޓު ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox