ރާއްޖޭގެ 11 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.
ޖުމުލަ 912.15 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަޝްރޫއުގެ މަސައްކަތާ ގުޅިގެން އެމްޓީސީސީން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ މަގުތަކެއް، މި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.
"[މިކަމުގެ ސަބަބުން] ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެން ބޮޑުވެ ޗަކަވުމުގެ ސަބަބުން މި ރަށްރަށުގެ ދަތުރުފަތުރުކުރާ ފަރާތްތަކާއި ހިނގާ ބިނގާވެއުޅޭ މީހުންނަށް އުފުލަންޖެހިފައިވާ ދަތިތަކަށް ބޮޑު ހައްލެއް ލިބޭނެ،" އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ގިނަ ރަށްތަކެއްގެ މަގުތަކުގައި ތާރު އެޅުމަށް ވަނީ ނިންމައިފަ އެވެ.
މިގޮތުން ރ. އިންނަމާދޫގެ 7 މަގެއް، އއ. ފެރިދޫގެ 3 މަގެއް، ށ. ބިލެތްފަހީގެ 4 މަގެއް، ރ. ރަސްގެތީމުގެ 6 މަގެއް، ބ. ދަރަވަންދޫގެ 4 މަގެއް، ނ. މަގޫދޫގެ 4 މަގެއް، ފ. ފީއަލީގެ 10 މަގެއް އަދި ށ. މާއުނގޫދޫގެ 7 މަގެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ސަރުކާރުގެ ކުންފުނިތަކާ ވަނީ ހަވާލުކޮށްފަ އެވެ.
ނަމަވެސް ސަރުކާރުން ކުރިއަށް ގެންދާ މިފަދަ މަޝްރޫއުތަކުގެ ނަތީޖާއެއް ނުފެންނައިރު، ބައެއް ރަށްރަށުގައި ފަށާފައިވާ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް މުޅިން ނުނިމެނީސް ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް ހަވާލުކޮށް، މަޝްރޫއުތައް މަޑުޖެހިފައިވާކަމުގެ ޝަކުވާ ރައްޔިތުން ކުރެ އެވެ.












