ސަރުކާރުން މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން މަދުވެގެން ހަތްދިހަ އިންސައްތަ މަޝްރޫއު އަންނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްއިން މިރޭ ގެނެސްދިން ނޭޝަން ޗެޓް ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ މިހާރު ސޮއިކޮށްފައިވާ އަދި ހަވާލުކޮށްފައިވާ މަޝްރޫއުތައް ނިންމުމަށް ކަމަށެވެ. މީގެ ތެރޭގައި އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިވާ މަޝްރޫއުތައް އަލުން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް، ރައްޔިތުންނާ ހަމައަށް އޭގެ ނަތީޖާ ފޯރުކޮށްދިނުން ހިމެނޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"[އަމާޒަކީ] އަންނަ އަހަރަކީ، އިރާދަކުރެއްވިއްޔާ މިހާރު އަޅުގަނޑުމެން ހަވާލުކޮށްފައި ހުރި މަޝްރޫއުތަކުގެ ތެރެއިން މަދުވެގެން ހަތްދިހަ އިންސައްތަ މަޝްރޫއުތައް އެއްކޮށް ނިންމާ ޑެލިވަރކުރާ އަހަރަކަށް ހެދުން،" މުއިއްޒު ވިދާޅުވި އެވެ.
އާ މަޝްރޫއުތައް ފެށުމަށްވުރެ ބޮޑަށް އަންނަ އަހަރުގެ ބަޖެޓުގައި އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށާއި، ނަމަވެސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށްޓަކައި އަލަށް ފަށަންޖެހޭ ބައެއް މުހިންމު މަޝްރޫއުތައް ވެސް ބަޖެޓުގައި ހިމެނޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
ގައުމުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން މުއިއްޒު ވިދާޅުވީ ސަރުކާރާ ހަވާލުވިއިރު ގައުމު އޮތީ އިގުތިސާދީ ގޮތުން ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި ނަމަވެސް އެޅި ފިޔަވަޅުތަކާއެކު ގައުމު ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވަމުން އައުމަކީ އިންވެސްޓަރުންގެ އިތުބާރު ލިބެމުންދާ ކަމުގެ ހެއްކެއް ކަމަށް ވެސްމުއިއްޒު ފާހަގަކުރެއްވި އެވެ.

މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރި ކަމަށެވެ. އެހެންނަމަވެސް އެ އަސަރުތައް ސީދާ ރައްޔިތުންނަށް ފޯރިޔަނުދީ ހިފެހެއްޓުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެމްޓީސީސީ އާއި އާރްޑީސީ ފަދަ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ބަނދަރު ހެދުމާއި މަގު ހެދުމުގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ. ހާއްސަކޮށް ބަނދަރު ހެދުމަށް ބޭނުންވާ ބޮޑުހިލަ ހޯދުމުގައި ހުރި ދަތިތައް ހައްލުކުރެވިފައިވާތީ، ކުރިއަށް އޮތް މަސްތަކުގައި އަތޮޅުތެރޭގެ މަޝްރޫއުތަކުން ބޮޑު ކުރިއެރުމެއް ފެންނާނެ ކަމަށް މުއިއްޒު ފާހަގަ ކުރެއްވި އެވެ.











