ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ސިއްރުކޮށްފައިވާ ކަމަށް ބުނެ ކަންބޮޑުވުން އުފެދިފައި ވަނިކޮށް، އެ އެއްބަސްވުމުގެ ފުރިހަމަ ކޮޕީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވެފައި މި ވަނީ ރަސްމާލޭގެ ބިމުން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސްއަށް ދިން އެއްބަސްބުން ހާމަކުރަން އިދިކޮޅާއި އާންމުން ގޮވާލަމުން އަންނަނިކޮށެވެ. މީގެ ކުރިން މި މައުލޫމާތު ހާމަކުރަން މަޖިލީހަށް ހުށަހެޅި ގަރާރު ޕީއެންސީން ކޮންޓްރޯލް ކުރާ މަޖިލީހުން ވަނީ ބޭރުކޮށްލައިފަ އެވެ.
މިހެން ނަމަވެސް މުއިއްޒު ވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ހިނގާނީ ހާމަކަން ބޮޑުކޮށް ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރިއަލް އެސްޓޭޓް ޓޫރިޒަމާ ގުޅޭ ހާއްސަ ބިލެއް މަޖިލީހަށް ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުންނެވެ. އަދި ބިލު ގާނޫނަކަށް ވުމުގެ ކުރިން، އާންމުންގެ ހިޔާލަށް އެ ބިލު ދެ ހަފުތާއެއްހާ ދުވަހަށް މަޖިލީހުން ހުޅުވާލާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރަސްމާލެ އެއްބަސްވުން ރައްޔިތުންގެ މަންދޫބުން ތިބި މަޖިލީހަށް ފޮނުވުމަކީ، މުއިއްޒު ވިދާޅުވީ އެ އެއްބަސްވުމުގެ މައުލޫމާތު ދިނުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ޒިންމާދާރު ސަރުކާރަކަށް މިއަށް ވުރެ ފުރިހަމަކޮށް އަދި ދެފުށް ފެންނަ ގޮތަށް މިކަން ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި މައްސަލައިގައި އިދިކޮޅަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވަމުން މުއިއްޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކަނީ އެއްވެސް އިހްލާސްތެރިކަމެއް ނެތް ވާހަކަތަކެއް ކަމަށޭވެ. އަދި އެއީ މަޝްރޫއު ހުއްޓުވަން ދައްކާ ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

މުއިއްޒު ތުހުމަތުކުރެއްވި ގޮތުގައި ގައުމަށް ކިތަންމެ ފައިދާހުރި ކަމެއް ވިޔަސް އިދިކޮޅުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލާށެވެ.
"އެ މީހުންނަކީ ޒިންމާދާރު ބައެއް ނޫން. އެ މީހުންގެ ވާހަކަ އެ މީހުން ދައްކާ ވާހަކައަކަށް ވެސް އަޅުގަނޑުގެ ފަރުވާލެއް ނެތް. އެ މީހުންގެ ވާހަކަތައް ބަދަލުކުރުމަކަށް މަސައްކަތެއް ވެސް ނުކުރާނަން." މުއިއްޒު ވިދާޅުވި އެވެ.
ރަސްމާލެއަކީ ދިވެހި ދައުލަތުގެ ބާރު ފުރިހަމައަށް ހިނގާނެ ތަނެއް ކަމަށާއި އެ ސަރަހައްދުގައި އެހެން އެއްވެސް ގައުމެއްގެ ގާނޫނެއް ނުހިނގާނެ ކަމުގެ ޔަގީންކަން ވެސް މުއިއްޒު ދެއްވި އެވެ. އަދި އެ ތަނުގައި ދިވެހި ފުލުހުންގެ ހިދުމަތް އެ އޮންނާނެ ކަމަށާއި ރަލާއި ކެސީނޯ ފަދަ ކަންކަމަށް ފުރުސަތު ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސަރުކާރުން ނިންމާފައި ވަނީ އަންނަ މަހުގެ ތެރޭގައި މި އެއްބަސްވުމުގައި ސޮއިކުރުމަށެވެ. އެހެންކަމުން ބިލު މަޖިލީހަށް ހުށަހެޅިޔަސް، ހިޔާލު ހޯދުމުގެ މުއްދަތަށް ފަހު އެންމެ އަވަހަށް ވެސް ސޮއިކުރެވޭނީ އަންނަ ނޮވެމްބަރު މަހުގެ 14 ގެ ފަހުންނެވެ.













