ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި "މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" ގެ ނަމުގައި އެއް މެނޭޖްމަންޓެއްގެ ދަށުން ހުރިހާ ޓާޝަރީ ހޮސްޕިޓަލްތައް ހިންގަން ސަރުކާރުން ނިންމައިފި އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި މުއިއްޒު ވިދާޅުވީ މާލެ އާއި އަތޮޅުތެރޭގެ ޓާޝަރީ ހޮސްޕިޓަލްތައް އެއް ނިޒާމަކުން ގުޅާލުމުން، ސިއްހީ ދާއިރާގެ ހަރަދުތައް ކުޑަވެ ހިދުމަތުގެ ފެންވަރު އެއްހަމައެއްގައި ހިފެހެއްޓޭނެ ކަމަށެވެ. މީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ތިބެގެން ފަރުވާ ލިބޭނެ ގޮތް ހަދައި، ބޭރަށް ދާންޖެހޭ މިންވަރު މަދުކުރުމެވެ.
"އެކަމަކީ އެއް އަހަރަކުން ދެ އަހަރަކުން ވެސް ވާނެ ކަމެއް ނޫން ފުރިހަމައަށް. އެހެންނަމަވެސް ބައިވަރު ބޮޑެތި ސްޓެޕްތަކެއް ނެގޭނެ. ނެގުނީމާ އަވަސްވާނެ މިކަން އެޗީވްވާލެއް،" މުއިއްޒު ވިދާޅުވި އެވެ.
މިހާރު ހޮސްޕިޓަލްތަކުގެ މަސައްކަތްތައް ފުށުއަރާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެއް ވިއުގައަކުން ގުޅާލުމުން ޕްރޮކިއުމަންޓާއި މުވައްޒަފުން ބެލެހެއްޓުމުގައި ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށެވެ. އަދި އެއް ހޮސްޕިޓަލެއްގައި ބޭނުންނުކޮށް ހުންނަ ސިއްހީ ސާމާނު އުކާލުމުގެ ބަދަލުގައި، އެ ތަކެތި ބޭނުންޖެހިފައިވާ އެހެން ހޮސްޕިޓަލްތަކަށް ބަދަލުކުރެވޭނެ އެވެ.
"އެއް ވިއުގައަކުން ގުޅުވާލެވުނީމަ މި ދެންނެވި ހަރަދުތައް، ބޭކާރު ހަރަދުތައް ކުޑަވެ، އެފިޝަންސީ މަތިކުރެވި، ރައްޔިތުންނަށް ލިބޭ ހިދުމަތް އެބަ މަތިވޭ،" މުއިއްޒު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓާއެކު މި މަސައްކަތް ފަށާއިރު، ކުރިއަށް އޮތް ތިން މަސް ނުވަތަ ހަތަރު މަސްދުވަހުގެ ތެރޭގައި ހުރިހާ ޓާޝަރީ ހޮސްޕިޓަލެއް މި ނިޒާމަށް ބަދަލުކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މީގެ ތެރޭގައި މާލޭގެ އިތުރުން ލާމު، ފުވައްމުލައް، ތިނަދޫ، އައްޑޫ، ކުޅުދުއްފުށި އަދި އުނގޫފާރު ހޮސްޕިޓަލް ހިމެނެ އެވެ.
މި ބަދަލު ގެނައުމުގައި އިތުރު މުވައްޒަފުން ނުނަގައި، މިހާރު ތިބި މުވައްޒަފުންނާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތްތައް ހަރުދަނާކުރަން ވަނީ ނިންމާފަ އެވެ.











