ރާއްޖެއަށް އިންވެސްޓްމަންޓް ބޭނުން ވަނީ ހަމައެކަނި ފައިސާ ގެންނަން ނޫން ކަމަށާއި، އަމާޒަކީ އާ ވަޒީފާތަކާއި ސިނާއަތްތައް އުފެއްދުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "މޯލްޑިވްސް އެކްސްޕޯ 2026" ގެ ތެރެއިން ބޭއްވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑުމެން އިންވެސްޓްމަންޓު ބޭނުންވަނީ ހަމައެކަނި ލިބޭ ފައިސާގެ ރައުސްމާލަކަށް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އެއިން އުފެދޭ ސިނާއަތްތަކާއި، ހުނަރުވެރިކަމާއި، އުފައްދައިދޭ ވަޒީފާތަކާއި، އަދި އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބޭ ފުރުސަތުތަކަށް،" މުއިއްޒު ވިދާޅުވި އެވެ.
އިންވެސްޓަރުންނަށް އިތުބާރާއި ހަމަޖެހުން ހޯދައިދިނުމަށްޓަކައި 40 އަހަރުވީ ގާނޫނު ބަދަލުކޮށް، ސަރުކާރުން މިހާރު އާ ފޮރިން އިންވެސްޓްމަންޓް ގާނޫނެއް ތައާރަފުކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އިންވެސްޓްމަންޓުތައް ކާމިޔާބު ކުރުމުގައި ސަރުކާރުން ފުރިހަމަ ޒިންމާ ނަގާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި އިންވެސްޓް ކުރަން ހުރި ދާއިރާތަކުގެ ތެރޭގައި ސާފު ހަކަތަ އާއި، މަސްވެރިކަމުގެ އުފެއްދުންތައް ޒަމާނީ ފެންވަރަށް ޕްރޮސެސް ކުރުމާއި، ޑިޖިޓަލް ޓެކްނޮލޮޖީގެ އިތުރުން ވިލުންތެރި އުމްރާނީ ތަރައްގީ ހިމެނޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މީގެ އިތުރުން 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް އެކުލަވާލާފައިވާ "ވިޝަން 2040" ގެ އަމާޒަށް ވާސިލްވުމަށް އިންވެސްޓަރުންނަށް ދައުވަތު ދެއްވި އެވެ.

"ކޮންމެ އިންވެސްޓަރަކާއި ވިޔަފާރިވެރިއަކު ވެސް އާ އިތުބާރަކާއެކު ރާއްޖެއާ ދޭތެރޭ ދުށުމަށް އަޅުގަނޑު ދައުވަތު އަރުވަން. ތިޔަ ބޭފުޅުންގެ ތަޖުރިބާ އާއި، ހިޔާލުތަކާއި، އީޖާދުތައް ގެންނަވައި، އަޅުގަނޑުމެންގެ "ވިޝަން 2040" ގެ ދަތުރުގެ ބައިވެރިއަކަށް ވެވަޑައިގަންނަވާ،" މުއިއްޒު ވިދާޅުވި އެވެ.
ދެ ގައުމުގެ ވިޔަފާރީގެ ގުޅުމަށް އަލިއަޅުއްވާލައްވަމުން މުއިއްޒު ވިދާޅުވީ، މިދިޔަ އަހަރުގެ ޖެނުއަރީން މި އަހަރުގެ އޮގަސްޓްގެ ނިޔަލަށް ޗައިނާއިން 440 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ ގިނަ މުދާ އެތެރެކުރީ، އެއީ 124 މިލިއަން ޑޮލަރު، ދެ ގައުމުގެ ދެމެދުގައި ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ދަށުންނެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މޯލްޑިވްސް އެކްސްޕޯއާ ގުޅުވައިގެން ބޭއްވި މި ފޯރަމުގައި ރާއްޖެ އާއި ޗައިނާ ސަރުކާރުގެ މަންދޫބުންނާއި، ދެ ގައުމުގެ ކުންފުނިތަކުގެ އިސްވެރިންނާއި އިންވެސްޓަރުން ބައިވެރިވާ ކަމަށް ސަރުކާރުން ބުންޏެވެ. މި އެކްސްޕޯގައި ޗައިނާގެ 15 ކުންފުންޏަކުން ދަނީ އެ ފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލަމުންނެވެ.












