ކޮމިޝަންގެ މަސައްކަތްތައް ހުރިހާ މީޑިއާތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރާވާހިންގުމަށް ހައްލުނުކުރެވޭ ގޮންޖެހުންތަކެއް ހުރި ކަމަށް ބުނެ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ފަރުޝަތު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ފަރުޝަތުގެ އިސްތިއުފާގެ ސިޓީގައި ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވިޔަސް، އެ ގޮންޖެހުންތަކަކީ ކޮބައި ކަމެއް އެ ސިޓީގައި ނެތެވެ.
ކޮމިޝަންގެ މެންބަރެއްގެ ގޮތުގަ އާއި ރައީސްގެ ގޮތުގައި ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމުން ޝުކުރު އަދާކުރައްވަމުން، ފަރުޝަތު ވަނީ މީޑިއާތަކުގެ މިނިވަންކަމާ ގުޅޭގޮތުން ވެސް ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ. އަދި، ދިވެހި މީޑިއާތަކަކީ ފިކުރީ ގޮތުންނާއި ފައިސާގެ ތަނަވަސްކަމުގެ ގޮތުން މިނިވަން މާހައުލެއްގައި ހަރަކާތްތެރިވާ ބަޔަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މީޑިއާތަކުގެ އަހުލާގީ މިންގަނޑުތައް ހިފަހައްޓައި، ހަމަހަމަކަމާއެކު ވާޖިބު އަދާކުރުމަކީ ކޮމިޝަނުގެ އިތުބާރާއި ގާނޫނުގެ ރޫހު ދެމެހެއްޓުމުގެ ބިންގާ ކަމަށް ވެސް ފަރުޝަތު ފާހަގަކުރެއްވި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަކީ ކުރިން އޮތް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމަށް ފަހު، މީޑިއާ އެންޑް ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން އުފެއްދި މުއައްސަސާއެކެވެ. ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަންގެ ރައީސް ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުންނެވެ.

މި ގާނޫނުގެ ދަށުން ނޫސް މަޖައްލާތަކާއި ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ ބާރު ކޮމިޝަނަށް އޮވެ އެވެ. ސަރުކާރުގެ ނުފޫޒު ފޯރުވޭ ގޮތަށް އެކުލަވާލާފައިވާ މި ގާނޫނުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ކަމަށް ބުނެ، ނޫސްވެރިންނާއި އިދިކޮޅުން މި ކޮމިޝަނަށް ކިޔަނީ "މީޑިއާ ކޮންޓްރޯލް ކޮމިޝަން" އެވެ.












