ރައީސް މުއިއްޒު އާރަށަށް ކުރައްވާ ދަތުރުތަކުގެ ތަފުސީލު ފަސް ދުވަހުގެ ތެރޭގައި ރާއްޖެޓީވީއަށް ދޭން ޑިފެންސް މިނިސްޓްރީއަށް އިންފޮމޭޝަން ކޮމިޝަނަރު، އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު އަންގަވައިފި އެވެ.
އަބްދުލް އަޒީޒް ނިންމަވާފައި ވަނީ ރާއްޖެ ޓީވީން ހޯދަން އެދިފައިވާ މައުލޫމާތުގެ ތެރެއިން ޑިފެންސް މިނިސްޓްރީން ބަލަހައްޓަމުންދާ މައުލޫމާތު ރަސްމީ ފަސް ދުވަހުގެ ތެރޭގައި ރާއްޖެޓީވީއަށް ދިނުމަށެވެ. އަދި، އެއީ ނެތް މައުލޫމާތެއްކަމަށްވާނަމަ، އެ މައުލޫމާތު ވެސް ފަސް ދުވަހުގެ ތެރޭގައި ރާއްޖެ ޓީވީއަށް އަންގަން އިންފޮމޭޝަން ކޮމިޝަނަރު އަންގަވައިފައިވެ އެވެ.
ރާއްޖެޓީވީން ހޯދަން އެދިފައި ވަނީ ރައީސްގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް އާރަށަށް މި އަހަރުގެ މިހައިތަނަށް ކުރައްވާފައިވާ ޖުމުލަ އަދަދާއި އެ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ ޖުމުލަ ހަރަދުގެ ތަފުސީލެވެ.
އަދި، ރައީސްގެ ދެކަނބަލުންނާއި އެމަނިކުފާނުގެ ބޭފުޅުންގެ އިތުރުން އެހެން އެއްވެސް ފަރާތްތަކެއް މި ދަތުރުތަކުގައި ބައިވެރިކޮށް އާރަށަށް ގެންގޮސްފައިވޭތޯ އާއި އެއީ ކިތައް ފަހަރު ކިތައް މީހުންތޯ ހޯދަން ވެސް ރާއްޖެޓީވީން އެދިފައިވެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، އެ މައުލޫމާތު ހޯދަން ރާއްޖެ ޓީވީން އެދުނީ ޖޫން 20، ގަ އެވެ. އެ ސުވާލުތަކަށް ޑިފެންސް މިނިސްޓްރީން ޖަވާބު ދީފައި ވަނީ ޖުލައި 9، ގަ އެވެ. ނަމަވެސް، އެ ޖަވާބު ރިވިއުކޮށްދޭން އެދި ރާއްޖެޓީވީން ހުށަހެޅީ އެ ޖަވާބުގައި އެކަށީގެންވާ މައުލޫމާތު ހިމަނާފައި ނުވާ ކަމަށް ބުނެ އެވެ.













