އިޒްރޭލު އަދި ޒަޔަނިސްޓުންނާ ގާތް ގުޅުމެއް އޮންނަ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ މުހައްމަދު އަލައްބާރަށް ރަސްމާލެ ވިއްކާލަން ނިންމި މައްސަލައިގައި މަޝްވަރާ ކުރަން އެޖެންޑާ ކުރި އަދާލަތު ޕާޓީގެ ބައްދަލުވުމެއްގެ ކޯރަމް ހަމަނުވެގެން ރޭ އެ ބައްދަލުވުން ކެންސަލްކޮށްފި އެވެ.
އަދާލަތު ޕާޓީ އިން އިއްޔެ އެޖެންޑާ ކުރީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެކެވެ. ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ޕާލް ރެސިޑެންސީ އަދި ރަސްމާލެ ޕްރޮޖެކްޓާ ބެހޭ ގޮތުން ބަންޑާރަނައިބު އަހުމަދު އުޝާމްގެ ފަރާތުން ލިބުނު މައުލޫމާތު ހިއްސާ ކުރުމާއި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ.
ރޭގެ ޖަލްސާގެ ކޯރަމް ހަމަނުވީ ރަސްމާލެ ޑީލާ ދެކޮޅަށް މެންބަރަކު މައްސަލައެއް ހުށަހަޅައިފާނެތީ ކަމަށް އޭނާއަށް ބެލެވޭ ކަމަށް އަދަދު އާ ވާހަކަ ދެއްކި މަސްދަރަކުން ބުންޏެވެ. އެކަމަކު، މަޝްވަރާ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ބާއްވައި ޓައުންޝިޕް ކޮންސެޕްޓާ ގުޅޭ ގޮތުން ރޭ މަޝްވަރާ ކުރި ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ، ދިވެހިރާއްޖޭގައި ކާފަރުން ވަޒަންވެރިވެ ދިރިއުޅުމަށް ހާއްސަ ތަނެއް ހެދުމާ މަޝްވަރާ މަޖިލީހުގައި ރޭ ވާހަކަ ދެއްކި މެންބަރުންގެ ތެރެއިން 90 ޕަސެންޓު މެންބަރުން ދެކޮޅު ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ކޮމެންޓެއް ހޯދަން އަދާލަތު ޕާޓީގެ ރައީސް މުހައްމަދު ޝިފާންއަށް މި ނޫހުން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ކޮމެންޓެއް ނުލިބުނެވެ.

ސަރުކާރުން ބުނަނީ ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށެވެ. އެކަމަކު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ބުނީ ރަސްމާލެއިން ފުރަތަމަ ލިބޭ 99 އަހަރުގެ ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެތަން ވިއްކާލައިފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން މަސައްކަތް ކުރަނީ ނޮވެމްބަރު 11، ގަ އެވެ. އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ.
ރަސްމާލެ ވިއްކާލަން ސަރުކާރުން ޑީލެއް ހެދީ، އެތަނުގެ ވެލިފުކެއް އެންމެ ދުވަހަކަށް ނަމަވެސް ބޭރުގެ ބަޔަކަށް ކުއްޔަށް ނުވަތަ ހިލޭ ވެސް ނުދޭން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމަށްފަހު އެވެ.
"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.











