އެންމެ ފުރަތަމަ، ރަސްމާލެއާމެދު ސަރުކާރުގެ މަސްއޫލުވެރިން ދައްކަވާ ތަސައްވުރު ބަޔާންކޮށްލާނަމެވެ. މައިގަނޑު ގޮތެއްގައި އަޅުގަނޑު ނަކަލުކޮށްލާނީސެޕްޓެމްބަރު 30، 2026 ދުވަހު ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ޝާއިޢު ކުރައްވާފައިވާ ޓްވީޓުގައިވާ ނުކުތާތަކެވެ. އެއީ؛
- ރަސްމާލެ މަޝްރޫއު ތަރައްގީކުރުމަށް ހިނގާ 10 އަހަރު ތެރޭގައި ޖުމްލަ 11 ބިލިއަން (11،000 މިލިއަން) އެމެރިކާ ޑޮލަރުގެ އާމްދަނީ ސަރުކާރަށް ލިބޭނެ ކަމަށާއި، އެއީ އަހަރަކު 1.1 ބިލިއަން ޑޮލަރު ކަމަށް ވިދާޅުވެފައިވެ އެވެ.
- ރަސްމާލެއިން ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީއަކީ ރާއްޖޭގައި މިހާރު ހުރި 179 ރިޒޯޓާއި، 16 ހޮޓަލާއި، 920 ގެސްޓްހައުސްއާއި، 165 ސަފާރީ އުޅަނދުން ސަރުކާރަށް މިހާރު ލިބޭ އާމްދަނީއަށް ވުރެ މަތީ ޢަދަދެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
- މި މަޝްރޫއުން ސަރުކާރަށް ލިބޭ ޓީޖީއެސްޓީގެ އާމްދަނީގެ އިތުރަށް ޑިވެލޮޕަރަށް ލިބޭ އާމްދަނީގެ ތެރެއިން ވިއްކުމުންނާއި ކުލިން ލިބޭ އާމްދަނީން 10 ޕަސެންޓާއި، އަދި ޕްރޮޕަޓީ ވިއްކުމާއި، ފަހުން މިލްކުވެރިކަން ބަދަލުކޮށްގެން ލިބޭ އާމްދަނީން 4 ޕަސެންޓު ސަރުކާރަށް ލިބޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.
- މަޝްރޫއު ހިންގާ ފަރާތަށް ޓެކްސްގެ އެއްވެސް ލުޔެއް ސަރުކާރުން ނުދެއްވާނެ ކަމަށާއި، އަދި ޑިއުޓީގެ އިސްތިސްނާއެއް ވެސް ނުދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
- މަޝްރޫއު ހިންގުމަށްޓަކައި ސަރުކާރުން އެއްވެސް ލޯނެއް ނުނަންގަވާނެ ކަމަށާއި، އަދި ތަން ތަރައްގީ ކުރުމަށްޓަކައި ސަރުކާރުން ލޯނު ގެރެންޓީއެއް ވެސް ނުދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. މިގޮތުން ސަރުކާރަށް އާމްދަނީ ލިބުން ކަށަވަރުކުރެވޭއިރު، ދައުލަތުން މާލީ އެއްވެސް ބުރައެއް އުފުއްލަވަން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
- ޕްރޮޕަޓީ ވިއްކައިގެން ލިބޭ އާމްދަނީ ބަހައްޓަން ޖެހޭނީ ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ "އެސްކްރޯ" އެކައުންޓެއްގައި ކަމަށާއި، މި ފައިސާ ދޫކުރެވޭނީ އެއްބަސްވުމުގައިވާ ގޮތަށް ކަމަށް ވިދާޅުވެފައިވެއެވެ. މަޝްރޫޢަށް ޚަރަދުކުރެވޭ ހުރިހާ ފައިސާއެއް ދައުރުކުރަން ޖެހޭނީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
- ރަސްމާލޭގެ ތަސައްވުރަކީ، 500 ހެކްޓަރުގެ ބިމުގައި ހިންގޭ "ވޯޓަފްރަންޓާއި މެރީނާ"ގެ 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް ވިދާޅުވެފައިވެއެވެ. މިކަން ހިންގޭނީ ފިޔަވަހިތަކަކަށް ބަހާލައިގެން 10 އަހަރު ތެރޭގައި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ރަސްމާލެއާމެދު އެ ބޭފުޅުން މި ތަސައްވުރު ކުރައްސަވާއިރު، ހުދު އެ ބޭފުޅުންނަކަށް އެ ބޭފުޅުން ދައްކަވާ ވާހަކަ ދެކޮޅުޖެއްސެވޭނެ ހުއްޖަތެއް ނުދެއްކެވެ އެވެ. ކުރައްވާ ހަމައެކަނި ކަމަކީ ބޮޑެތި އަދަދުތަކެއް ޝާމިލުވާ ހިޔާލީ ވާހަކަތަކެއް ބަޔާންކޮށްލެއްވުމެވެ. މިއީ ހަމަ ކޮންމެ އިންސާނަކަށް ވެސް ނިކަން ފަސޭހައިން ކޮށްލެވިދާނެ ކަމެކެވެ. ފަހެ، ފިނިފޮނި ހިޔާލުތަކަކީ، އަދި މޮޅެތި ހުވަފެންތަކަކީ، ތެޔޮގުޅާ ސާދާތަކަކީ، ހިޔާލީފޮލާތަކަކީ ކޮންމެ މީހެއްގެ ކިބައިގައި ވެސް ހުންނާނެ ކަންތައްތަކެވެ. އަވާމެންދުރު ފަހައި ދުވުމަކީ ވެސް ހަމަ އެހާމެ ފަސޭހައިން ކޮށްލެވޭ ކަމެކެވެ. ޙަސަން ޒަރީރު ކުރައްސަވާފައިވާ ތަސައްވުރާ ވިއްދާފައި އަޅުގަނޑު އުފައްދާ ސުވާލުތަކާއި، މިކަމާމެދު އަޅުގަނޑުގެ ޖުމްލަ މަވްޤިފް ތިރީގައި މިވަނީ އެވެ.
ރައީސް މުއިއްޒަކީ އިސްކޮޅުން ދިގު ބޭފުޅަކަށް ވުމާއެކު، އޭނާގެ އިސްކޮޅަށް ނުތަކާ ވަރުގެ ވާހަކަ ދެއްކެވުމަކީ އޭނާގެ އާދަފުޅެކެވެ. މީގެ ކުރިން އޭނާ ދައްކަވާފައިވާ މިފަދަ ވާހަކަތައް ކޮބައިތޯއެވެ؟ އެ ވާހަކަތައް ޖެހުނީ ކޮން ތާކުތޯއެވެ؟
- އަހަރު ތެރޭގައި 65،000 ހައުސިން ޔުނިޓް ބިނާކުރެއްވުމުގެ ވައުދުފުޅު: ރަސްމާލެ ހިއްކަވަން ފެއްޓެވީ މި ވައުދުފުޅު ފުއްދުމަށޭ ވިދާޅުވެފައެވެ. އެކަމަކު މިހާރު އެތަން ވާން އުޅެނީ، މިހާތަނަށް ދުނިޔޭގައި އަދި އަޅާފައި ނުވާ ވަރުގެ، 70،000 ވަރަކަށް އެނދު (35،000 ކޮޓަރި) ހިމެނޭ މެގަ މެގަ މެގަ ރިޒޯޓަކަށޯލައެވެ.
- ފުރަމާލެއާއި ރަސްމާލެއާ ގުޅުވާލާ ކަނޑުއަޑީގެ ބިއްލޫރި ޓަނަލް.
- ގްރޭޓަރ މާލެ އޭރިއާ ގުޅުވާލާ މޮނޮރޭލް ވިޔުގަ
- ފުރަނަފުށީގައި އަޅާ ބްރޭންޑް-ނިއު ސީޕްލޭން ޓާމިނަލް
- އައްޑޫގެ 2 ފަރު ގުޅުވާލާ ބްރިޖް: އަތޮޅުގެ އުތުރުކޮޅުން މި ބްރިޖް އަޅާ ކަމަށް ވެއްޖިއްޔާ ދިގުމިން މަދުވެގެން 14 ކިލޯމީޓަރަށް ވާނެ އެވެ. އެޅުމުގެ ހަރަދު 1 ބިލިއަން (1،000 މިލިއަން) އެމެރިކާ ޑޮލަރަށް ވުރެ މަދުނުވާނެކަން ޔަގީނެވެ.
- ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް): ހުދު ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މި ބޭންކަކީ ބޮޑެތި މަޝްރޫއުތަކަށް (މިސާލަކަށް ރިޒޯޓް ހެދުންފަދަ ކަންކަމަށް) ދިގު މުއްދަތުން އަދާކުރާ ގޮތަށް ކުޑަ އިންޓަރެސްޓުގައި ލޯނު ދޫކުރާނެ ބޭންކެއް ކަމަށެވެ. މިތަން އުފަން ވެސް ނުވަނީސް މިހާރު ކަށްވަޅަށް ދިޔައީތޯއްޗެކެވެ. ރިޒޯޓެއް ހަދަން ފައިސާ ދޫކުރުމުގެ މާނައަކީ އެންމެ ކުޑަމިނުން 30 އާއި 50 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ ވާހަކައެވެ. މިހެން ދެންނެވި ނަމަވެސް ވަރަށް މަދު ކޮޓަރިއާއި، ވަރަށް މަދު ވަސީލަތާއެކު އަޅާ ވަރަށް ކުޑަ ރިޒޯޓެއް ދިހަވަރަކަށް މިލިއަން ޑޮލަރަށް ވެސް އެޅިދާނެއެވެ. އަދި އިންވެސްޓްމަންޓް ބޮޑުވެގެން ގޮސް، ރިޒޯޓެއް ހެދުމަށް ބައެއް ފަހަރު 200 މިލިއަން ޑޮލަރާ ހަމައަށް ހަރަދުކޮށްފައި އެބަހުއްޓެވެ.
- އަހަރަކު 400 މިލިއަން ޑޮލަރުގެ ނަފާ ނެރެވޭނެ ކަމަށް ވިދާޅުވި ބަންކަރިން އޮޕަރޭޝަން
- 8 ބިލިއަން (8،000 މިލިއަން) ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ވިދާޅުވި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރ
- އައްޑޫ އަތޮޅުގައި ގޫގުލް ކުންފުނިން ހިންގަން އުޅޭ ކަމަށް ވިދާޅުވި އެތައް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް: މިއިރު އެހެން ލާފައި ދިޔަ ސަބްމެރީން ކޭބަލެއް އައްޑޫގައި ބީހިލުން ނޫން ކަންފުޅެއް އެ އަތޮޅަށް ފުދުނު ކަމަކަށް ނުވެ އެވެ. އަދި މިނޫނަސް ކުދިބޮޑު އެތައް ކަމެކެވެ. ނަމަވެސް މި ވީތަނަށް އޭނާއަށް ކުރެއްވުނު ކަމަކީ ދެތިން އޭޓީއެމް އާއި، ދެތިން ފުޓްސަލް ދަނޑާއި، ޕޮލިސް ސްޓޭޝަންތަކެއް އިފްތިތާޙުކުރެއްވުމެވެ. އިސްކޮޅު ކިތަންމެ ދިގަސް، އޭނާއަށް ހިންގެވޭ މަޝްރޫޢުތަކުގެ "މެގަކަން" ހުރީ މިހާ ތިރީގަ އެވެ. ކިސަޑު ފެންވަރުގަ އެވެ.



ރަސްމާލޭގައި ހަދަނީ މެގަ މެގަ ރިޒޯޓެއްތޯ އުފެދޭ ސުވާލު ހަވާސާގައި ބާއްވާފައި، ރައްޔިތުން އާބާދުކުރުމަށް ހަދާ ތަނެއް ކަމަށް ވެއްޖިއްޔާ އެތަނުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ރިވެޓްމަންޓް ޖެހުމާއި، ބަނދަރު ހެދުމާއި، މަގު ހެދުމާއި، ފެނާއި ނަރުދަމާ އެޅުމާއި، ކަރަންޓުގެ ވިޔުގަ އެޅުމާއި، މި ހުރިހާ ކަމެއް ކޮބައިތޯއެވެ؟ އެއްކޮޅުން މި ހުރިހާ ކަމަކަށް ހިނގާނެ ހަރަދު 1 ބިލިއަން (1،000 މިލިއަން) ޑޮލަރަށް ވުރެ ބޮޑުވާނެކަން ޔަގީނެވެ. އަނެއް ސުވާލަކީ މި ހަރަދުކުރާނީ ދިވެހި ސަރުކާރުންތޯ، ނުވަތަ އަލްއައްބާރު (ފުރިހަމަ ނަން: محمّد علي العَبَّارُ) ތޯ އުފެދޭ ސުވާލެވެ. އެ ހަރަދުކުރަނީ ދިވެހި ސަރުކާރުން ނަމަ، އެކަމަށް ސަރުކާރުން ފައިސާ ހޯދާނީ ކޮން ތަނަކުން، ކޮން ގޮތަކަށްތޯ، އަދި ކޮން އިންޓަރެސްޓެއްގައިތޯ ސުވާލު އުފެދޭނެ އެވެ.
އެ ހަރަދުކުރަނީ އަލްޢައްބާރު ކަމަށް ވެއްޖެ ނަމަ، އެ ހުރިހާ ކަމެއް އޭނާ ކޮށްފައި ދެން އޭނާ އެތަނުގައި އަޅާ 70،000 އެނދުގެ މާސިންގާ ރިޒޯޓަށް ވާނީ ކިހިނެއްތޯ އެވެ؟ ދިވެހި ރައްޔިތުން އާބާދުކުރަން ބިނާކުރާ ތަނެއް ނަމަ، ދެން އަލްއައްބާރުގެ މާސިންގާ ރިޒޯޓް ހަދާނީ ކޮން ތާކުތޯއެވެ؟ މާލީ، އަދި ވުނަދާނައިގެ ހަމަތަކުން ބަލާއިރު ރަސްމާލެއަކީ "ވަޔަބްލް" މަޝްރޫއަކަށް ނުވަންޏާ، އެންމެ ފުރަތަމައިނުން ވެސް އެތަން ހިއްކި ބޭނުމަކީ ކޮރަޕްޝަން ހިންގުން ނޫން ދެން ކޮން ކަމެއްތޯ އެވެ؟ އެތަނުގެ އަސްލު ތަސައްވުރު ނެރުއްވި ރައީސް ޔާމީން މިހާރު ވެސް އެ ވިދާޅުވަނީ، މިފަދަ ދަތި މާލީ ހާލަތެއްގައި ގައުމު އޮއްވައި ތިމަން މަނިކުފާނު ނަމަ މިހާރު އެތަން ނުހިއްކަވާނެ ކަމަށެވެ.
ފިޔަވަހިތަކަކަށް ބަހާލައިގެން 10 އަހަރު ތެރޭގައި ހިންގޭ މަޝްރޫއެކޭ ވިދާޅުވާއިރު، އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ސަރުކާރަށް މިހާރު ލިބޭ އާމްދަނީއަށް ވުރެ ބޮޑު އާމްދަނީއެއް މި މަޝްރޫއުން ލިބޭނެ ކަމަށް ވިދާޅުވާއިރު، އެ އާމްދަނީ ލިބޭނެ މަގުތަކުގެ ތަފްސީލުތަކެއް ސަރުކާރުން ބަޔާނެއް ނުކުރައްވަ އެވެ. ކުރައްވާފައިވާ މައިގަނޑު ކަމަކީ މޮޅު ތަސައްވުރެއް ދެއްކެވުމާއި، ފައިސާގެ ބޮޑެތި އަދަދުތަކެއް ޖައްސަވައިލެއްވުމެވެ. ހުވަފެނީ ތަސްވީރުތަކަކާއި، މަންޒަރުތަކެއް ދައްކައިލެއްވުމެވެ. އަނެއްކާ ސަރުކާރުގެ އެކި މަސްއޫލުވެރިން މިކަމާމެދު އެކި ފަހަރު ވާހަކަ ދައްކަވަނީ ވެސް އެކި ގޮތަށެވެ. އެ ބޭފުޅުން ދައްކަވާ ވާހަކަތަކުގައި އެތައް ތަނާޤުޟެއް އެބަހުއްޓެވެ. ވާހަކަ ހަމަ އެއްގޮތަކަށް ވެސް ދެކޮޅެއް ނުޖެހެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މިހާރުގެ ޖުމްލަ ކެޕޭސިޓީއަކީ 69،000 އެނދު ކަމަށް ވެއްޖިއްޔާ، ފަތުރުވެރިކަމުގެ ދާއިރާއިން ސަރުކާރަށް މިހާރު ލިބޭ އާމްދަނީއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނީ އެއަށް ވުރެ ގިނަ އަދަދެއްގެ އެނދު ރަސްމާލޭގައި ތަރައްޤީކޮށްގެން ނޫންތޯއެވެ؟ ނަމަވެސް އެތަނުގައި ތަރައްގީކުރާ އެނދުގެ އަދަދެއް ބަޔާންކޮށްފައެއް ނެތެވެ. ރަސްމާލޭގައި ސަރުކާރުން ތަރައްގީކުރަން ރާވައިގެން އުޅެނީ، ދުނިޔޭގެ އެއްވެސް ތަނެއްގައި އަދާ ހަމައަށް ހަދާފައި ނުވާ ވަރުގެ 70،000 އެނދުގެ މާސިންގާ ރިޒޯޓެއްތޯ އެވެ؟ އެހާ ގިނަ އަދަދެއްގެ އެނދު އުފެއްދުމަށްޓަކައި ކިތައް އިމާރާތް އަޅަން ޖެހޭނެތޯ އެވެ؟ ދުނިޔެތެރެއިން އަޅުގަނޑުމެންނަށް ފެންނަން ހުރި އެންމެ ބޮޑެތި ހޮޓާތަކުގައި ވެސް ހުންނަނީ ގިނަވެގެން 6،000 ނޫނީ 7،000 އެތައް ކޮޓަރިއެވެ. އެމެރިކާގެ ޖުވާގެ ސަހަރު ލަސް ވެގަސްގައި، އަދި މެލޭޝިއާގެ ގެންޓިން ހައިލޭންޑް ފަދަ ތަންތަނުގައި މި ސައިޒުގެ ހޮޓާތައް އެބަހުއްޓެވެ.70،000 އެނދު ތަރައްގީކުރުމުގެ ވާހަކަ ދައްކާ ކަމަށް ވެއްޖިއްޔާ އެ ދެއްކެނީ ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރަށް ވުރެ މަތީގެ އިންވެސްޓްމަންޓެއްގެ ވާހަކައެވެ. ފަހެ، މި ފަހަކަށް އައިސް ރާއްޖޭގައި އަޅާ ފެންވަރުމަތީ ރިޒޯޓްތަކުގެ އެނދެއް ތަރައްގީކުރުމުގެ އެވްރެޖް އަގަކީ އެނދަކަށް 5 ލައްކަ ޑޮލަރެވެ. މީގެ މާނައަކީ، 100 ކޮޓަރީގެ ރިޒޯޓެއް އެޅުމަށް 50 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ ކަމެވެ.
މި ރޭޓުން ބަލާ ކަމަށް ވަންޏާ 70،000 އެނދުގެ މާސިންގާ "ރަސްމާލެ ރިޒޯޓް" އެޅުމަށް 35 ބިލިއަން ޑޮލަރު ބޭނުންވާނެ އެވެ.ޑި ވެލޮޕަރު އެ ފައިސާ ހޯދާނީ ކޮން ތާކުންތޯއެވެ؟ އެ ފަރާތުގެ އަމިއްލަ ފައިސާތޯ އެވެ؟ ނޫނީ ލޯނު ނަންގަވައިގެން ހޯއްދަވާ ފައިސާތޯ އެވެ؟ އަލްއައްބާރުގެ ނެޓް ވޯތުގައި (ނަގުދު ފައިސާއެއް ނޫން) ހުރި ކަމަށް ދައްކަނީ 3.2 ބިލިއަން އެމެރިކާ ޑޮލަރެވެ. "ފޯބްސް" މަޖައްލާއިން ޝާއިޢުކުރާ ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުގައި އޭނާ އޮންނަނީ 1،320 ވަނައިގަ އެވެ. ރާއްޖޭގެ ޖުމްލަ އެނދުގެ ޢަދަދު 69،000 އަށް އަރާފައި މިވަނީ 54 އަހަރުގެ ދިގު، އަދި ބުރަ ދަތުރަކަށް ފަހުގަ އެވެ.

ދެން މާލޭ ސަރަހައްދުގެ ބިމުގެ އަގު މާކެޓް ރޭޓުން ދިރާސާކޮށްލަމާ ހިންގަވާށެވެ. ރަސްމާލެއިން މިހާރު ހިއްކާފައިވާ ތަނުގެ ބޮޑުމިނެއް ކަމަށް ސަރުކާރުން ވިދާޅުވަނީ 500 ހެކްޓަރެވެ. އެއް ހެކްޓަރަކީ 107،639 އަކަފޫޓެވެ. 500 ހެކްޓަރު × 107،639 އަކީ 53،819،500 އަކަފޫޓެވެ. މާލެ ސަރަހައްދުގައި ބިމުގެ އަގަކީ އަކަފޫޓެއް މަދުވެގެން 10،000 ރުފިޔާ އެވެ. 53،819،500 އަކަފޫޓު × 10،000 އަކީ 538.19 މިލިއަން ދިވެހި ރުފިޔާ އެވެ. ޑޮލަރު މާރުކުރާ ރަސްމީ ރޭޓް ކަމުގައިވާ 15.42 އިން މަތީގައިވާ އަދަދު ބެހުމުން އަންނަ އަދަދަކީ 34.9 ބިލިއަން ރުފިޔާ އެވެ. ވައްކޮށް ބުނާ ނަމަ 35 ބިލިއަން (35،000 މިލިއަން) އެމެރިކާ ޑޮލަރެވެ. މީގެ މާނައަކީ، މާކެޓް ރޭޓުން ބަލާ ނަމަ ރަސްމާލޭގައި މިހާރު ހިއްކާފައި އޮތް ބިމުގެ އަގު އެކަނި 35 ބިލިއަން (35،000 މިލިއަން) އެމެރިކާ ޑޮލަރަށް އަރާ ވާހަކަ އެވެ. މިފަދަ އަގުބޮޑު ބިން އީގަލް ހިލްސް ކިޔާ ބަޔަކަށް މި ދޫކޮށްލައްވަނީ އަހަރަކު 1.1 ބިލިއަން ޑޮލަރުގެ އާމްދަނީއަކަށޯލަ އެވެ. މިއީ ވެސް ކަނޑައެޅިގެން ހިޔާލީ އާމްދަނީއެކެވެ. ވިޔަފާރީގެ، އަދި މާލީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކުރައްވައިގެން ވިދާޅުވާ އަދަދެއް ނޫނެވެ.
ރިޒޯޓެއް ތަރައްގީކުރުމަށް ފަޅެއް، ނުވަތަ ފަޅުރަށެއް ކުއްޔަށް ދިނުމުން އެތަނުގައި ރިޒޯޓެއްގެ ސިފަ ޖެހެން މަދުވެގެން 2 ނޫނީ 3 އަހަރު ނަގައެވެ. އެތަނުން ދައުލަތަށް އާމްދަނީ ލިބެން ފަށަނީ އެތަން ހުޅުވައިގެން ފަތުރުވެރިން އަންނަން ފެށުމުންނެވެ. އެކަމަކު ސަރުކާރުން އެ ވިދާޅުވަނީ، މިސާލަކަށް އަލްޢައްބާރަށް މި ހިނގާ 2026 ވަނަ އަހަރު ރަސްމާލެ ކުއްޔަށް ދީފި ނަމަ، 2027 އިން ފެށިގެން 1.1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އެތަނުން ސަރުކާރަށް ލިބޭނެ ކަމަށެވެ. މިވަރުގެ ބޮޑު އާމްދަނީއެއް އެތަނުން ސަރުކާރަށް ލިބެނީ ކޮން ފީތަކަކުން، ނުވަތަ ކޮން ޓެކްސްތަކަކުންތޯ އެވެ؟ މީގެ އެއްވެސް ތަފްސީލެއް ސަރުކާރުން ބަޔާނެއް ނުކުރައްވަ އެވެ.
ރަސްމާލޭގެ މައްޗަށް ޑިވެލޮޕަރުގެ ކިބައިގައިވާ ހައްގުގެ ހައިސިއްޔަތަކީ ކޮބައިތޯއެވެ؟ އޭނާގެ ހައްގުގެ ހައިސިއްޔަތަކީ "ލީސްހޯލްޑް" ނޫނީ "ފްރީހޯލްޑް" ތޯއެވެ. ލީސްހޯލްޑް ނަމަ އެއީ ގިނަވެގެން 99 އަހަރެވެ. ފްރީހޯލްޑް ނަމަ އޭގެ މާނައަކީ އެއްވެސް ހައްދެއް ނެތް ދާއިމީ މިލްކުވެރިކަމެވެ. އެއްވެސް ހައްދެއް ނެތް ގޮތުގައި ރާއްޖޭގެ ބިން ބޭރުގެ ފަރާތަކަށް ދިނުމަކީ ރާއްޖޭގެ ގާނޫނު އަސާސީ ހުއްދަކުރާ ކަމެއް ނޫނެވެ. ސަރުކާރުން، މި ނުކުތާ ރައްޔިތުންނަށް ނިކަން ރަނގަޅަށް ސާފުކޮށްދެއްވަން ޖެހެ އެވެ.
ރިޒޯޓްތައް 99 އަހަރަށް ދިނުމާއި، ރަސްމާލެ 99 އަހަރަށް ދިނުން ވަރަށް ތަފާތެވެ. ރަށްމެދުގައި ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކުން ކަމުގެ އަސްލު މައުލޫމާތު ނެތް މީހުންނަށް ހީވާނީ ރާއްޖޭގެ ހުރިހާ ރިޒޯޓެއް ދީފައި ހުރީ 99 އަހަރަށް ކަމަށެވެ. ނަމަވެސް އެއީކީ އެހެން އޮތް ކަމެއް ނޫނެވެ. އެއީ ހަގީގަތާ ވަރަށް ދުރު ވާހަކައެކެވެ. އަޅުގަނޑުގެ މައުލޫމާތު ކުށް ކަމުގައި ނުވާ ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމުމާ ހަމައަށް ރިޒޯޓެއް ތަރައްގީކުރުމަށް ފަޅުރަށެއް ދެނީ 30 އަހަރަށެވެ. ވަކި ވަރަކަށް ވުރެ އިންވެސްޓްމަންޓް ބޮޑު ނަމަ 35 އަހަރަށެވެ. ލީސްގެ މުއްދަތު އިތުރުކޮށްދެނީ ގަނޑުކޮށް ބޮޑެތި އަދަދުން ފައިސާ ނަގާފަ އެވެ. ޔަޢުނީ ރަށުގެ ކުޑަބޮޑުމިނާއި، އިންވެސްޓްމަންޓުގެ އަދަދު ފަދަ މިންގަނޑުތަކުގެ މައްޗަށް އެއްފަހަރާ އެތައް މިލިއަން ޑޮލަރެއް ނަގާފަ އެވެ.
ރިޒޯޓްތައް ތަރައްޤީކުރާ ފަރާތްތަކުގެ އަތުގައި އޮންނަނީ "ހެޑް ލީސް" ކިޔާ އެއްޗެކެވެ. ރިޒޯޓުގެ އަސްލު މިލްކުވެރި ފަރާތަކީ ދިވެހި ދައުލަތެވެ. ޔަޢުނީ އެކަށޭނަ ބަދަލު ދީފައި ދައުލަތުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެތަން ނެގިދާނެއެވެ. ރިޒޯޓް ތަރައްގީކުރި ފަރާތަކުން އެހެން ފަރާތަކަށް ރިޒޯޓް ވިއްކާ ނަމަ އެ "ވިއްކަނީ" ރަށުގެ ހެޑް ލީހެވެ. މުތުލަގު މިލްކުވެރިކަމެއް ނޫނެވެ. މުތުލަގު މިލްކުވެރިޔަކީ ދިވެހި ދައުލަތެވެ.
ޤައުމުގެ ސިޔާދަތަކީ މާލީ އަގެއް އެޅުވިދާނެ އެއްޗެއްތޯއެވެ؟ އެންމެ ފުރަތަމަ "ގައުމަ"ކީ ކޮބައިތޯ ބަލައިލަމާ ހިންގަވާށެވެ. އަޅުގަނޑު ދެކޭ ހަމާގައި ގައުމުގެ އެންމެ މުހިންމު ބަހާއަކީ އަންނަން ހުރި ޖީލުތަކެވެ. އަދި އުފަން ނުވެ ތިބި އަޅުގަނޑުމެންގެ ދަރިންގެ ދަރިންނެވެ. އާދެ! މިއަދު ދުނިޔޭގައި މިތިބަ ދިވެހި ބައްޕައިންގެ ބުރިކަށިތަކުން އުފެދި، މައިންގެ މާބަނޑުތަކުން ވިހާން ތިބި ދަރިންގެ ދަރިންނެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ލެއިން ހޭދަވެގެން މި ގައުމުގެ ސިޔާދަތު އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދެއްވި ފަދައިން، އެކަތިގަނޑެއްގެ ގޮތުގައި ބާއްވައިގެން އަންނަން ހުރި ޖީލުތަކަށް މި ޤައުމު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި އޮތް ބޮޑު އަމާނާތެކެވެ.
ރާއްޖޭގެ ވަކި ސަރަހައްދެއްގެ ސިޔާދަތު ޞަހްޔޫނީ އިސްރާއީލުގެ އަތުގައި އޮވެއްޖެ ނަމަ، ރާއްޖެއާ އެކި ގޮތްގޮތުން ސަލާމަތީ މަސްލަހަތު ގުޅިފައިވާ ދުނިޔޭގެ އެހެން ބޮޑެތި ބާރުތައް ވަކި މަޑުން ތިބޭނެތޯ އެވެ؟ ހާއްސަކޮށް އިންޑިއާ އާއި ޗައިނާ މަޑުން ތިބޭނެތޯ އެވެ؟ ދުވަސްކޮޅަކުން ރާއްޖެ އޮންނާނީ މި ބާރުގަދަ ގައުމުތަކުގެ މެދުގައި ބައިއެޅި، ފޮތިފޮތިވެފައެއް ނޫންތޯ އެވެ؟ އެ ހިސާބުން ބޮޑު ތަކުރުފާނު ބިނާކުރެއްވި الدَّوْلَةُ المَحَلْدِيبِيَّة އޮންނާނީ ވުޖޫދުން ފޮހެވިފައެއް ނޫންތޯ އެވެ؟ މެގަ އިންވެސްޓްމަންޓެކޭ ކިޔުއްވައިގެން ސަރުކާރުން ފާޑުފާޑުގެ އަޑިނޭނގޭ ޑީލްތައް ހައްދަވާއިރު މި ކުރެވޭ ކަންކަމުގެ އާހިރު ނަތީޖާ ތަސައްވުރުކޮށްލައްވަން ޖެހެ އެވެ.

އަޅުގަނޑުމެންނަށް ކުރިން އެނގިފައިވަނީ ރަސްމާލެއަކީ ރައީސް މުއިއްޒުގެ 65،000 ހައުސިން ޔުނިޓުގެ ރިޔާސީ ވައުދުފުޅު ފުއްދުމަށްޓަކައި ހިއްކި ތަނެއް ކަމަށެވެ. ކުއްލިއަކަށް ސިޔާސަތަށް މިހާ ބޮޑު ބަދަލެއް އަންނަން މި ދިމާވީ ކިހިނެއް ވެގެންތޯއެވެ؟ތަން ހިއްކި ކޮންޓްރެކްޓަރަށް އަގު އަދާނުކުރެވުންތޯއެވެ؟ ނޫނީ އަލްއައްބާރު އަތުން ކުރިއަށް ފައިސާ ނަންގަވާފައި ކޮންޓްރެކްޓަރަށް މިހާރު ވެސް ފައިސާ ދީފައިވަނީތޯ އެވެ؟ އެހެން ކަމަށް ވެއްޖިއްޔަކާ ރައީސް މުއިއްޒަށް މި މަޅިން ނެއްޓެވޭނެ ގޮތެއް ނެތެއް ނޫންތޯ އެވެ؟
ޕްރޮޕަޓީ (ގެދޮރު، އެޕާޓްމަންޓް) ވިއްކުމަކީ އެންމެ ފަހަރަކު ހިނގާނެ މުއާމަލާތެކެވެ. އެފަދަ މުއާމަލާތަކުން ސަރުކާރަށް ލިބޭނީ ވިއްކުމުގެ މުއާމަލާތް ހިންގުމާއެކު އެ ވަގުތަކު ނަގާ ފީއެއް، ނުވަތަ ޓެކްސްއެއް އެކަންޏެވެ. ދެން އަނެއްކާ ވެސް އެތަން މިލްކުކުރި ފަރާތުން އެހެން ފަރާތަކަށް އެތަން ވިއްކާއިރަކުން ލިބޭނެ ޓެކްސްއެކެވެ. އެއީ 20 އަހަރު، ނޫނީ 30 އަހަރު ފަހުން ހިނގާ މުއާމަލާތަކަށް ވެސް ވެދާނެ އެވެ. ނޫނީ ދުވަހަކު ނުހިނގާނެ މުއާމަލާތަކަށް ވެސް ވެދާނެ އެވެ. މިއީކީ ކަންމަތީ ފިހާރައެއްގެ ވަތްގަނޑު އެނބުރޭހެން ކޮންމެ ދުވަހަކު ހިނގާނެ ވިކުރާއެއް ނޫނެވެ. މިއާ ހިލާފަށް ރިޒޯޓްތަކާއި، ފަތުރުވެރިކަމުގެ ހިދުމަތްދޭ އެހެން މަރުކަޒުތަކުން ދޭ ހިދުމަތްތަކަކީ ސަރުކާރަށް ކޮންމެ ދުވަހަކު އާމްދަނީ ލިބޭ ކަންކަމެވެ. ޓީޖީއެސްޓީގެ ގޮތުގައެވެ. ގްރީން ޓެކްސްގެ ގޮތުގައެވެ. އަދި ބިމުކުލީގެ ގޮތުގަ އެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަތުން އެއާޕޯޓަށް ލިބޭ ޑިޕާޗާ ޓެކްސްގެ ގޮތުގައެވެ.
ފުރަތަމަ އަހަރުން ފެށިގެން ރަސްމާލެއިން 1.1 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބޭނެ ކަމަށް ހަސަން ޒަރީރު ވިދާޅުވާއިރު، އެ އާމްދަނީ ލިބޭ ގޮތުގެ ތަފްސީލެއް ވިދާޅެއް ނުވެއެވެ. އެތަނުގައި އަޅާ ބިނާތައް ހުންނަނީ މަޝްރޫއު ފަށާ ތަނުން އެޅި ނިމިފައިތޯ އެވެ؟ މިއީ އަނެއްކާ އަލާއުއްދީނުގެ ވޮށްކޮޅު ގެންގުޅުއްވާ ބަޔަކީތޯ އެވެ؟ ރިޒޯޓަކުން ވެސް ސަރުކާރަށް އާމްދަނީ ވަންނަން ފަށަނީ އެތަން އަޅައި ނިންމައިގެން ހިންގަން ފެށީމަ އެވެ. ރިޒޯޓެއް ހަދަން ފަށާ ދުވަހުން ފެށިގެން އެތަން ނިންމުމާ ހަމައަށް އެންމެ އަވަހަށް ނިންމޭ ތަންތަން ނިންމުމަށް ވެސް 2 އަހަރާއި 3 އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވެ އެވެ. ކުރު ގޮތަކަށް ބުނާ ނަމަ، ރަސްމާލެއާ ބައްސައިގެން ސަރުކާރުން ދައްކަވާ އެއްވެސް، ހަމަ އެއްވެސް ވާހަކައެއް ވަށައެއް ނުޖެއެވެ. ދެކޮޅެއް ނުޖެހެއެވެ. އެ ވާހަކަތައް ދަނީ މުޅިން ބޯމަތިންނެވެ.
ރަސްމާލޭގައި ސަރުކާރުން މެގަ މަޝްރޫއެއް ހިންގަން އުޅޭ ތަނެއް އަޅުގަނޑަކަށް ނުފެނެ އެވެ. އެއާ ހިލާފަށް އަޅުގަނޑަށް ފެންނަނީ ރަސްމާލެ ހިއްކި ކޮންޓްރެކްޓަރުންނަށް ސަރުކާރުން ފައިސާ ނުދެވިގެން އުޅޭ މަންޒަރެވެ. ކުރީ ސަރުކާރުތަކުން ރާއްޖޭގައި ހިންގި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކުގެ އަގާއި، ރަސްމާލެއާ އަޅައިކިޔައިލަމާ ހިންގަވާށެވެ.
ރައީސް ޔާމީންގެ ސަރުކާރުން 2015 ގައި ހިއްކެވި 245 ހެކްޓަރުގެ ހުޅުމާލޭގެ 2 ވަނަ ފިޔަވަހި ހިއްކުމަށް ހަރަދުވި ކަމަށް ވަނީ 50 މިލިއަން ޑޮލަރެވެ. އެންމެ ނުވަ ހަފުތާ ތެރޭގައި އެތަން ހިއްކައި ނިންމި އެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ހިއްކެވި ގުޅިފަޅުގެ (ނުވަތަ ގުޅިމާލޭގެ) 150 ހެކްޓަރު ހިއްކުމަށް ހަރަދުވި ކަމަށް ވަނީ 130 މިލިއަން ޑޮލަރެވެ. މި މިންގަނޑުތަކުގެ މައްޗަށް ބުރަވެގެން ބަލާއިރު، ރަސްމާލެ ހިއްކުމަށް 400 މިލިއަނާއި 500 މިލިއަން ޑޮލަރާ ދޭތެރޭގެ އަދަދެއް ހޭދަވެފައި ވުމަކީ އެކަށީގެންވާ ކަމެކެވެ. ނުވަތަ މިއަށް ވުރެ ވެސް މާ ބޮޑު އަދަދެއް ހޭދަވެފައި ވުމަކީ އެކަށީގެންވާ ކަމެކެވެ. ސަރުކާރުން މިއިން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރައްވައެވެ. ހާމަ ނުކުރައްވަނީ އަޑިނޭނގޭ އަނދިރި ޑީލްތަކެއް އުޅޭތީ އެވެ. މި ސަރުކާރުގައި އެއްވެސް ދެފުށްފެނުމެއް، އަދި ޖަވާބުދާރީވުމެއް ނެތެވެ. ޑިމޮކްރެސީގެ އެންމެ މުހިންމު ބަހާތަކަކީ މިއީ އެވެ. ރަސްމާލޭގެ ބިން ހިއްކުމުގެ ހަރަދު މިވަރުން ކިޔާއިރު، ކޮންޓްރެކްޓަރަށް މިހާރު އަގު އަދާކޮށްފިތޯ، ނުވަތަ ނޫންތޯއަކީ ވެސް ބޮޑު ސުވާލު މަރުކާއެކެވެ. މި ވީތަނަށް އަގު އަދާކޮށްފައި ނުވާ ނަމަ، އެއީ ވެސް ވަރަށް ނުރައްކާތެރި ސުވާލެކެވެ. ފަހެ، އެހެން ކަމަށް ވެއްޖިއްޔާ، އަލްއައްބާރުމެން އަތުން ކުރިއާލައި ފައިސާ ނަގާފައި ކޮންޓްރެކްޓަރަށް މިހާރު ފައިސާ ދީފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. މިހާ ސިއްރު ގޮތަކަށް އަލްއައްބާރާއެކު މާ އަވަސް އަރުވާލައިގެން، ކުރުގަޅުވާލާފައި ޑީލެއް ނިންމަވަން ރައީސް މުއިއްޒު އުޅުއްވަނީ މިހާރު ވެސް މިފަދަ ދަންތުރައެއްގައި ތާށިވެވަޑައިގެންފައި ހުންނެވުމުގެ ސަބަބުން ކަމަށް ބަލާނެ ޖާގަ އެބައޮތެވެ. އެހެން ކަމަށް ވެއްޖިއްޔާ އަސްލު ޑީލް މިހާރު ވެސް އެ އޮތީ ސިއްކަގެހި ނިމިފައިތާއެވެ؟
ރަސްމާލެއާ ސީދާ ގުޅުމެއް ނެތް، ރައީސް މުޢިއްޒުގެ ވެރިކަމުގައި ހުރި އިތުރު މައްސަލަތައް:
ރަސްމާލެއާ ސީދާ ގުޅުމެއް ނެތް، މި ސަރުކާރުގެ ބޮޑެތި ބައެއް މައްސަލަތަކަށް ބަލައިލަމާ ހިންގަވާށެވެ.
- ވެރިކަމަށް 3 އަހަރާ ދިމާއަށް ކަޑަބޮއް ޖަހާފައި ދާއިރު ވެސް، ރާއްޖޭގެ ދަރަނީގެ ހާލަތާއި، ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނެ މަގެއް ރައީސް މުއިއްޒަކަށް ނުހޯއްދެވުނެވެ. ޓީ.ޖީ.އެސް.ޓީ.އާއި، ގްރީން ޓެކްސްއާއި، އެއާޕޯޓް ޓެކްސްތައް ބޮޑުކުރުމުގެ ސަބަބުން ސަރުކާރަށް ޑޮލަރުން ލިބޭ އާމްދަނީ ވަނީ ކުރީ ސަރުކާރުތަކާ އަޅައިބަލާއިރު އެތައް ތަނެއް އިތުރުވެފަ އެވެ. ރައީސް ޔާމީންގެ ޒަމާނާ އަޅައިބަލާ ނަމަ 2 ގުނަ ނުވަތަ 3 ގުނަ އިތުރުވެފަ އެވެ. އަދި އޭގެ އިތުރުން އާމްދަނީ ނޫނަސް ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުން ލިބޭ ޑޮލަރު ވަނީ އިތުރުވެފަ އެވެ. ފަތުރުވެރިން އަންނަ އަދަދު ވެސް ވަނީ މަތިވެފަ އެވެ. ނަމަވެސް މައްސަލަތަކަށް އެއްވެސް ހައްލެއް ނުހޯއްދެވުނެވެ. ރައީސް މުއިއްޒު އުޅުއްވާ ހާލުކޮޅަކީ މިއެވެ. މިފަދަ ކަންކަމަކީ ގާނޫނު ހަދައިގެން، މަޖުބޫރުކޮށްގެން ކުރެވޭނެ ކަންކަމެއް ނޫންކަން ރައީސް މުއިއްޒަކަށް ވަޒަނެއް ނުކުރެއްވެ އެވެ. މިހާ ވަރަށް ޑޮލަރު ތާށިވާން ދިމާވި މައިގަނޑު ސަބަބު ތަކަކީ (ހ) 37 މިލިއަން ޑޮލަރު ދީފައި ބޭކާރު ޑްރޯންތަކެއް ގަތުން. (ށ) އިންޑިއާ ސަރުކާރުން މާފުކޮށްދޭން ހަމަޖައްސާފައި އޮތް 50 މިލިއަން ޑޮލަރު އިންޓަރެސްޓާއެކު ދެއްކުން: މިއިރު އެ ލޯނުގެ އިންޓަރެސްޓަކީ އިންޑިއާ ސަރުކާރުން ހަވާލުވާ ގޮތަށް އޮތް އެއްޗެކެވެ. އިންޓަރެސްޓް ދެއްކުނީ އޮޅުމަކުންނޭ ކިޔާފައި ވާހަކަ ދެއްކުމުން ފަހުން އެ ފައިސާކޮޅު ލިބުނެވެ. މިހާ ވަރަށް އެ ބޭފުޅުންނަށް ކަންކަން އޮންނަނީ އޮޅިވަޑައިގެންފަ އެވެ. (ނ) މިހާ މާލީ ދަތިކަން ހުރި އިރެއްގައި ވެސް ރަސްމާލެ ހިއްކުން: މި މަޝްރޫއު އަސްލުގައި ތަސައްވުރުކުރެއްވި ބޭފުޅާ (ރައީސް ޔާމީން) އެ ވިދާޅުވަނީ ރާއްޖޭގެ މާލީ ކަންކަން މިފަދަ ހާލަތެއްގައި ހުއްޓައި ތިމަން މަނިކުފާނު ނަމަ އެކަން ނުކުރައްވާނެ ކަމަށެވެ. އެތަން ހިއްކާ ކޮންޓްރެކްޓަރުންނަށް އަގު ދޭން ޖެހޭނީ ޑޮލަރުންނެވެ. (ރ) މާލީ ގާބިލުކަން ނެތް މިންވަރަށް ދަރަނި ދެއްކުން: ދަރަނި އަދާކުރެއްވުމަށް ވެސް ގެންގުޅުއްވަނީ ނުބައި އެޕްރޯޗެކެވެ. އެކަން ވެސް ކުރަން ވާނީ އުފުލޭ ވަރުންނެވެ. ނުއުފުލޭ ވަރުން ދަރަނި ވެސް އަދާކުރައްވާކަށް ނުޖެހޭނެއެވެ. (ބ) ވެރިކަމުގެ ކުރީކޮޅުގައި ބޭކާރު ބޭރުގެ ދަތުރުތަކަށް އެތައް ފައިސާއެއް ހަރަދުކުރެއްވުން: އެއިން ދަތުރަކުން ޤައުމަށް ލިބުނު އެއްވެސް އެއްޗެއް ނެތެވެ.(ޅ) އަނެއްކާ، ދަރަނި: 500 މިލިއަން ޑޮލަރުގެ ސުކޫކް ރިޓަޔަރކުރެއްވުމާއި، އިންޑިއާއަށް މި ފަހުން ދެއްކެވި 150 މިލިއަން ޑޮލަރު ދެއްކެވީ މައިގަނޑު ގޮތެއްގައި ރާއްޖޭގެ އެތެރެއިން ޑޮލަރުން ދަރަނި ނަގައިގެންނެވެ. އޭގެ ބޮޑު އަދަދެއް ނަގާފައި ވަނީ ބީ.އެމް.އެލް. އިންނެވެ.އިންޑިއާއާއެކު ހަދާފައި އޮތް ކަރަންސީ ސްވޮޕްގެ ބޭނުން ވެސް ކޮށްފައި އޮވެދާނެއެވެ. ދެން ރިޒާވްގައި ހުރި އެއްޗަކާއި، އަދި ސޮވްރިން ވެލްތު ފަންޑުގައި ހުރި އެއްޗެކެވެ. އެކި މަޞްދަރުތަކުން ނެގި ޢަދަދުތަކުގެ ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރައްވައެވެ.ބޭރުން ދަރަންޏަށް ޑޮލަރު ހޯދާފައި ކުރިން ހުރި ދަރަނިތައް އަދާކުރެއްވި ނަމަކާ މިހާ ބޮޑަށް ޑޮލަރު ތާއްޓެއް ނުވީހެވެ. މައްސަލައަކީ އެތެރޭގައި ހުރި ޑޮލަރުން ދަރަނި އަދާކުރެއްވުމެވެ. މިހާރު ހުރި ދަރަނި އަދާކުރުމަށް އައު ދަރަނި ނެގުމަކީ އަދި މުޅިން ވަކި ސުވާލެކެވެ. މުސްތަޤިއްލު މައުސޫއެކެވެ. ހަމައެހެންމެ، ދަރަނީގެ މައްސަލައަކީ ވަކި މައްސަލައެކެވެ. ޑޮލަރު ތާށިވުމަކީ ވަކި މައްސަލައެކެވެ.
- ރައީސް މުޢިއްޒު އަސްލުގައި ހީކުރެއްވީ ބޭރުގެ ދަރަނި އަދާކުރެއްވީމާ ފިޗް ރޭޓިން ރަނގަޅު ވެގެން ގޮސް ސަރުކާރަށް ބޭރުން ދަރަނި ހޯދުމަށް ފަސޭހަވާނެ ކަމަށެވެ. ނަމަވެސް 2 "ސީ" ގައި އޮތް ރޭޓިން 3 "ސީ" އަށް ބަދަލުވުމަކީ ރައީސް ޔާމީން ވިދާޅުވި ފަދައިން އައި.ސީ.ޔޫ. ގައި އޮތް މީހަކު ލޯ ތަޅުވާލުން ކަހަލަ ކަމެކެވެ. އޭނާގެ ބަލި އޭގެ ޒާތުން ފަސޭހަވީކީ ނޫނެވެ. އޭނާ އައި.ސީ.ޔޫ. އިން ދޫކޮށްލީކީ ނޫނެވެ. އާދެ! މައްސަލައިގެ އަޞްލަކަށް އެއްވެސް ބަދަލެއް ނާދެއެވެ.ޙާލަތު މިހާރު ގޯސްވެފައި އޮތް މިންވަރު ނިކަން ވިސްނަވާށެވެ: ސީދާ ސަރުކާރަށް ލޯނު ލިބެން ނެތިގެން އެމް.އޭ.ސީ.އެލް.، އެސް.ޓީ.އޯ. އަދި އެޗް.ޑީ.ސީ. ފަދަ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށްގެން ވެސް ލޯނު ނަންގަވައިފި އެވެ.
- ބީ.އެމް.އެލް. ގެ ހާލަތު ގޯސްވެފައިވާ ވަރަކީ، ޑޮލަރު ހޯދުމަށްޓަކައި ސީދާ ބީ.އެމް.އެލް. އިން ސުކޫކެއް ވިއްކަން އުޅެފި އެވެ. އެކަން ވެސް އުޅެނީ ނުވެގެންނެވެ. މިއީ މިއަދާ ހަމައަށް ބީ.އެމް.އެލް. އިން ދުވަހަކު ވެސް ކުރަން ޖެހުނު ކަމެއް ނޫނެވެ. ނަމަވެސް ރައީސް މުއިއްޒާ ޖެހުމުން މިކަން ވެސް ކުރަން މަޖުބޫރުވީ އެވެ. (ހ) ބީ.އެމް.އެލް. ގައި ހުންނަ ޑޮލަރަކީ ސަރުކާރުގެ އެއްޗެއް ނޫނެވެ. އެއީ ބޭންކުގެ އެއްޗެއް ވެސް ނޫނެވެ. އަދި ކިއެއްތަ! އެއީ ޑިޕޮޒިޓަރުންގެ ފައިސާއެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ވިޔަފާރިވެރިންނާއި، ރައްޔިތުންގެ ފައިސާއެވެ. ބޭންކަށް މާ ބުރަ ބޮޑުކޮށްފި ނަމަ ބޭންކް ބަނގުރޫޓުވުމަކީ އެކަށީގެންވާ ކަމެކެވެ.(ށ) ބޭންކާމެދު އެންމެންގެ އިތުބާރު ގެއްލިއްޖެ ނަމަ، އެންމެން އެ މީހުންގެ ފައިސާކޮޅު ނަގަން އެއްފަހަރާ އުޅެގަނެފި ނަމަ މެދުވެރިވާނީ މާލީ ބަހުން ކިޔާ ގޮތަށް ނަމަ: "ރަން އޮން ދަ ބޭންކް" ކިޔާ ހާލަތެވެ. އެފަދަ ހާލަތުގައި ބޭންކް ބަނގުރޫޓުވާނެ އެވެ. އެހެން ވެއްޖެ ނަމަ، ދިވެހި ކިތައް ރައްޔިތުންގެ މަޢީޝަތު ހަލާކުވާނެތޯ އެވެ؟ ރާއްޖޭގެ މުޅި އިގުތިސާދަށް ކިހާ ބޮޑު ލޮޅުމެއް އަރާނެތޯ އެވެ؟(ނ) ޑިޕޮޒިޓަރުން ބަހައްޓާފައި ހުންނަ ފައިސާ، މީހުންނަށް ލޯނު ދޫކުރުމަށްޓަކައި ބޭންކުން ބޭނުންކުރާނެއެވެ. ބޭންކާއި، ޑިޕޮޒިޓަރާ ދެމެދުގައި އޮންނަ އަހުދަކީ، ޑިޕޮޒިޓަރަށް ބޭނުންވާ ހިނދު އޭނާގެ ފައިސާ ލިބުމެވެ. އޭނާ އެ ފައިސާ ބޭނުން ނުކޮށް ހުންނަ ހުރިހާ އިރެއްގައި އެހެން މީހުންނަށް ލޯނު ދޫކުރުމަށްޓަކައި ބޭންކުން އެ ފައިސާ ބޭނުންކުރާނެއެވެ. ބޭންކިން ވިޔަފާރިއަކީ މިގޮތަށް ހިނގާ އެއްޗެކެވެ.
- ރޭޓިން ދަށްކޮށް ހުރީމާ ސަރުކާރަށް ދަރަނި ލިބޭ އިންޓަރެސްޓް ރޭޓު ވެސް ބޮޑުތަނުން މަތިވާނެ އެވެ. މިސާލަކަށް ބުނާ ނަމަ ރައީސް ޔާމީން އިރުގައި ވިއްކި 200 މިލިއަން ޑޮލަރުގެ އިންޓަނޭޝަނަލް ބޮންޑުގެ ކޫޕަން (އިންޓަރެސްޓް) ރޭޓަކީ 7 ޕަސެންޓެވެ. ސޯލިހުގެ ވެރިކަމުގައި ވިއްކި ސުކޫކްގެ ކޫޕަން އުޅެނީ ހަނދާންވާ ގޮތުން 10 އިންސައްތައަށް ވުރެ މަތީގައެވެ. ޑޮލަރުގެ މައްސަލަ ހަމަޖެއްސުމަށް އޮތް އެއް ހައްލަކީ އިގުތިސާދުގެ ތެރޭގައި ދައުރުކުރާ ރުފިޔާ މަދުކުރުމެވެ. މިކަން ކުރަން އުޅުއްވައިގެން ރައީސް މުއިއްޒަކަށް މި ކަމެއް ވެސް ނުކުރެއްވުނެވެ. އަދި އެހެން ނޫނަސް އެއީކީ ކުރާކަށް ފަސޭހަ ކަމެއް ވެސް ނޫނެވެ. އަނެއް ޙައްލަކީ، ރާއްޖެއިން ބޭރުން އެއްފަހަރާ 1 ބިލިއަން (1،000 މިލިއަން) ޑޮލަރު ވަރު ގެންނެވުމެވެ. މިކަން ކުރެވޭނެ ތަފާތު ގޮތްތައް ހުންނާނެ އެވެ. ނަމަވެސް އެއީކީ ވެސް އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ.ކުރު ގޮތަކަށް ބުނާ ނަމަ، ރައީސް މުޢިއްޒު މިހާރު އެ ހުންނެވީ ހަތަރު އުދަރެސް ފެނުޖެހިވަޑައިގެންފައެވެ.
- ސޮވްރިން ކްރެޑިޓް ރޭޓިން ދަށްކޮށް ހުރުމުން ލިބޭ އަނެއް ގެއްލުމަކީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ނައުމެވެ. ބޭރުގައި އެތައް އިންވެސްޓްމަންޓް ފޯރަމެއް ބާއްވަވައިގެން ވެސް ހެޔޮވަރު ވަރުގެ އިންވެސްޓްމަންޓެއް ނުލިބުނެވެ. 2024 ގެ ކުރީކޮޅު މުއިއްޒު ވިދާޅުވީ އެފް.ޑީ.އައި. އަންނަން ފެށުމުން ވަރަށް އަވަހަށް ޑޮލަރުގެ މައްސަލަ ހަމަޖެހޭނެ ކަމަށެވެ. ނަމަވެސް އެ ދުވަހެއް ދުވަހަކު ވެސް ނާދެ އެވެ. އޭގެ ފަހުން މިހާރު 3 އަހަރަށް ދާން އުޅެނީއެވެ. އެފް.ޑީ.އައި. އަކީ އެއްވެސް ހަރަދެއް ނެތި ގައުމަށް ވަންނަ ބޭރު ފައިސާއެވެ. ދެން ބޭރު ފައިސާ ހޯދޭނެ އަނެއް ގޮތަކީ ލޯނު ނެގުމެވެ. އެއީ ބޮޑު ހަރަދެއް އޮންނަ ކަމެކެވެ. އަމްދުން މިހާރު ހަރަދު މާ ބޮޑުވާނެ އެވެ. ހަރަދު ބޮޑުކޮށް ވެސް މިހާރު ސަރުކާރަށް ފައިސާ ލިބޭކަށް ނެތެވެ.
- ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި މުވައްޒަފުން މަދުކުރެވޭކަށް ވެސް ނެތެވެ.ސިފައިންނާއި، ފުލުހުންނާއި، ސިވިލް ސާވިސްއާއި، އަދި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ޖުމްލަ ޢަދަދު މިހާރު 90،000 އާ ކައިރިކުރާނެ ކަމަށް ލަފާކުރެވެއެވެ.މިހާ ގިނަ ޢަދަދެއްގެ މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް 10،000 އެއްހާ މުވައްޒަފުން އެއްފަހަރާ ވަކިކޮށްލައިފި ނަމަ، އެ ޢާއިލާތަކަށް ލިބޭ ކުއްލި އަދި ސީދާ ނިކަމެތިކަމުގެ އިތުރަށް ޤައުމުގެ އިޤްތިޞާދަށް އަރާނެ ނޭދެވޭ ލޮޅުން ވިސްނަވާށެވެ.
- ރައީސް މުޢިއްޒު އުޅުއްވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ހަލާކުކޮށްލައްވާށެވެ.(ހ) މީހުން ވިޔަފާރިކުރަނީ ނަފާ ހޯދުމަށެވެ. މިސާލަކަށް، ކަންމަތީ ފިހާރައެއް ހިންގާ މީހެއްގެ ދުވަހީ ވިކުރާއަކީ 5،000 ރުފިޔާއެވެ. ހަރަދު ކަނޑާފައި އޭނާއަށް ސާފު ފައިދާ އޮންނަނީ 1،000 ރުފިޔާއެވެ. އެ އެއްހާސް ރުފިޔާ އެއްކޮށް ސަރުކާރަށް ޓެކްސްގެ ގޮތުގައި ދިނުމަށް އޭނާ އެ ވިޔަފާރި ހިންގާނެތޯއެވެ؟(ށ) ރިޒޯޓްތަކުން ވިއްކާ ޚިދުމަތަށް ލިބޭ ކޮންމެ 100 ޑޮލަރަކުން އެންމެ ފުރަތަމަ ޓީ.ޖީ.އެސް.ޓީ.ގެ ގޮތުގައި މިހާރު ވެސް 17 ޑޮލަރު ސަރުކާރަށް ދައްކަ އެވެ. މީގެ އިތުރަށް ދައްކަން ޖެހޭ ގްރީން ޓެކްސް، ބިމުކުލި، ބީ.ޕީ.ޓީ. ފަދަ އެއްޗެހި އެއްކޮށްލުމުން ލިބޭ ކޮންމެ 100 ޑޮލަރަކުން 40 ޑޮލަރު ވަރު ސަރުކާރަށް ދައްކަން ޖެހެއެވެ. މިއީ ސާފު ފައިދާއިން ދައްކާ އެއްޗެއް ނޫނެވެ. ނަމަވެސް ގްރޮސް ސޭލްސް އިން ދައްކާ އެއްޗެއްސެވެ.(ނ) ތަން ހިންގުމުގެ ހުރިހާ ޚަރަދުތަކާއި، ސާފު ފައިދާ އަދި ކޮބައިތޯއެވެ؟ ރިޒޯޓް އެޅުމަށް ނެގި ލޯނު އަދާކުރުން ކޮބައިތޯއެވެ؟(ރ) މި ހުރިހާ ކަމެއް މިހެން ހުއްޓައި އަނެއްކާ ޑޮލަރު މާރުކުރަން މަޖުބޫރުކުރީއެވެ. މި ހުރީ ކަނޑައެޅިގެން މަގުފޭރުމެވެ. ފަހެ، މީހުންގެ އަމިއްލަ މުދަލަކީ އޭގެ މައްޗަށް ސަރުކާރުން ތަސައްރަފުކުރެވޭނެ އެއްޗެއްސެއް ނޫނެވެ.ރައީސް މުޢިއްޒު ހަމަބިމަށް ތިރިވެވަޑައިގަންނަވަން ޖެހެއެވެ. ނޫނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު އެއްކޮށް ހަލާކުވެދާނެއެވެ. ފަތުރުވެރިކަމުގެ ޞިނާޢަތު ހަލާކުވުމަކީ ރާއްޖޭގެ އިޤްތިޞާދު އެއްކޮށް ހަލާކުވުމެވެ.
ކުރިއްސުރެ ގައުމަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތަކަށް އީޖާބީ ހައްލެއް ހޯއްދެވުމުގެ ބަދަލުގައި ރައީސް މުއިއްޒު ކުރެއްވި ކަމަކީ މައްސަލަތައް އިތުރަށް ގޯސްކުރެއްވުމެވެ. ތައުލީމީ، ގާބިލު މީހުން ކައިރިއަކު ނުގެންގުޅުއްވަ އެވެ. ކޮލިފައިޑް ވަރަށް މަދު ބަޔަކު ކައިރީގައި ތިބި ކަމަށް ވިޔަސް އެ މީހުންގެ މަޝްވަރާއެއް ގަބޫލެއް ނުކުރައްވައެވެ. ރައީސް މުޢިއްޒަށް ބޮޑަށް ކަމުދަނީ މުރައްކަބު ޖާހިލުންނެވެ. ގައުމު އަދު މިއޮތީ ހުރިހާ ސިޔާސީ ލީޑަރުންނާއި، އަދި ޕާޓީތަކާ ވެސް ރައީސް މުއިއްޒު އިސްވެވަޑައިގެން މަޝްވަރާކުރައްވަން ޖެހޭ ފަދަ ޙާލަތެއްގައެވެ. އެކަމުގައި އިސްނަންގަވަން ޖެހޭނީ ހުދު ރައީސް މުއިއްޒެވެ. ސަބަބަކީ، ﷲ ގަންދެއްވާފައި ހުވާކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅަކީ އޭނާ ކަމަށް ވާތީއެވެ. ކުރީގެ އެއްވެސް ރައީސަކު ހުވައެއްގެ މައްޗަކު ނެތެވެ. މިހެން ކަންތައް އޮތުމުން، ގައުމުގެ ކަންކަން ހަމައަކަށް އެޅުވުމަށް ކޮންމެވެސް ބަޔަކު، އެ ބަޔަކަށް ކުރެވުނު މަސައްކަތެއް ނުކޮށް އަތް އުރާލައިގެން ތިބެން ހެޔޮނުވާނެ އެވެ. ޖިއޯޕޮލިޓިކްސްގެ އުދަބާނިތައް މިހާ ގަދަ ދުވަސްވަރެއްގައި ނޭނގި ތިއްބައި ގައުމު އޮންނާނީ ގާދޫކޮލުން އޮޔާ ގޮސްފައެވެ. ގައުމުގެ ސިޔާދަތު އަތުން ބީވެއްޖެ ނަމަ ވާނެ ގޮތް ތަސައްވުރުކުރައްވާކަށް ނުޖެހޭނެއެވެ. އެކަން އެ އޮތީ ފަލަސްތީނާއި، ކަޝްމީރު ފަދަ ތަންތަނުން ދިމާއަށް ފެންނާށެވެ.
އެޑިޓަރުގެ ނޯޓު: މުހައްމަދު މުޖުތަބާ އާދަމްއަކީ އިޖުތިމާއީ އަދި އިގުތިސާދީ މައްސަލަތަކުގައި ލިޔުއްވާ، އަދި ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ޝުއޫރު ފާޅުކުރައްވާ މީހެކެ އެވެ. އަދާލަތު ޕާޓީ އުފެދުނު ދުވަސް ވަރު އެ ޕާޓީގެ ޑެޕިޔުޓީ ސެކްރެޓަރީ ޖެނެރަލް މަގާމު ވެސް ފުރުއްވި، މުޖުތަބާއަކީ ރައީސް މުހައްމަދު މުއިއްޒުގެ ދެބޭންގެ ދެދަރި ބޭބެ އެވެ.







