ރިޕޯޓުވެރިކަމުގެ މަސްތުގައި ޖެހުމުން ރައްޔިތުންގެ ޕެޓިޝަން ވެސް ޕީއެންސީއަށް ވީ "ފިތުނައަށް"

ވެރިކަމުގެ މަސްތުގައި ޖެހުމުން ރައްޔިތުންގެ ޕެޓިޝަން ވެސް ޕީއެންސީއަށް ވީ "ފިތުނައަށް"

ރައްޔިތުން ހުށަހަޅާ ޕެޓިޝަންތަކާމެދު މެންދޫގެ ހިޔާލު ތަފާތުވުން ހުރެދާނެ އެވެ. އެއްބަސް ނުވެވޭ ކަންކަން ވެސް ހުންނާނެ އެވެ. ނަމަވެސް ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބަވައި އެއީ ފިތުނަ އުފައްދަން ހުށަހަޅާ ހުށަހެޅުމެއް ކަމަށް ބުނުމުގެ ހައްގެ މެންބަރުންނަކަށް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އާންމު ރައްޔިތުންނަށް ނުލިބޭ، ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑައިލުމަށް ގޮވާލައި އާންމުން މަޖިލީހަށް ހުށަހެޅި ޕެޓިޝަނާއެކު، މަޖިލީހުގެ ތަޅުމުގައި އިއްޔެ ހޫނު ބަހުސެއް ހިނގި އެވެ. 

އެ ބަހުސްގައި ޕީއެންސީން ބުނީ މެންބަރުންނަށް މިހާރު އޮތް އިންޝުއަރެންސުގެ ނިޒާމަކީ ދައުލަތަށް ހަރަދު ކުޑަ ގޮތެއް ކަމަށެވެ. އެ ނިޒާމާ ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅައިގެން އުޅެނީ ރައްޔިތުންނާއި މެންބަރުންނާ ދެމެދު ފިތުނަ އުފެއްދުމަށް ބަޔަކު ގަސްތުގައި ކަމަށް ވެސް ޕީއެންސީ މެންބަރުން ބުންޏެވެ.

ނަމަވެސް އެމްޑީޕީ މެންބަރުންގެ ވާހަކަތަކުން ސާފުވަނީ، މެންބަރުންގެ ހެލްތު އިންޝުއަރެންސްގެ މައްސަލައަކީ ހަމައެކަނި މާލީ މައްސަލައެއް ނޫންކަމެވެ. އެއީ ދައުލަތުގެ ނިޒާމުގައި އޮތް ތަފާތުކުރުމާއި، މަޖިލީހުގެ މެންބަރުންގެ އަމަލުތަކާމެދު ރައްޔިތުންގެ ހިތްތަކުގައި އޮތް ނުތަނަވަސްކަމުގެ ނަތީޖާ ކަމަށް އެމްޑީޕީ މެންބަރުން ބުންޏެވެ. 

Advertisement

އޮންލައިންކޮށް ޕެޓިޝަން ހުށަހެޅޭ ގޮތް މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ހެދުމާއެކު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި މައްސަލަތައް އެ މީހުން ތަމްސީލުކުރާ މެންބަރުން މެދުވެރިކޮށް މަޖިލީސްކުރާ ގޭގައި ބަހުސްކުރުމަށް ފުރުސަތު ލިބިގެންދިޔަ އެވެ. އެގޮތުން ހުށެހެޅި ޕެޓިޝަންތަކުގެ ތެރެެއިން މަޖިލީހުގެ ތަޅުމާ ހަމައަށް ފުރަތަމަ ދިޔަ އެއް ޕެޓިޝަނަކީ ވެސް މެންބަރުންގެ އިންޝުއަރެންސާ ގުޅޭ މައްސަލަ އެވެ. 

އެ މައްސަލައަށް ބަހުސްކުރަން ޖެހޭ ހިސާބަށް ދިޔުމުން، މިހާރު މެންބަރުންނަށް ލިބޭ ހެލްތު އިންޝުއަރެންސް ކަނޑާލަން ދެ ޕާޓީގެ މެންބަރުން އެއްބަސްވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި  އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުގެ އިތުރުން ޕީއެންސީގެ ބައެއް މެންބަރުންނަށް މި ޕެޓިޝަން ފެނިވަޑައިގަތީ ފިތުނަ ފަސާދަ އުފައްދަން ކުރާ ކަމެއްގެ ގޮތުގަ އެވެ. 

"މި ޕެޓިޝަން ހުށަހެޅިގެން އައި އިރު ހުށަހަޅުއްވާފައި ހުރި ކަންކަމަކީ އަޅުގަނޑު ދަންނަވަނީ ރައްޔިތުންގެ މެދުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ދޭތެރޭގައި ފިތުނަ އުފައްދައި، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަގުވައްޓާލައި، ރައްޔިތުންގެ މަޖިލީހަށް ހާއްސަ މާ ބޮޑެތި ކަންތައްތަކެއް ލިބިގެން އުޅޭ ކަމަށް ދައްކަންވެގެން ހުށަހަޅާފައި އޮތް ޕެޓިޝަނެކޭ،"  މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވި އެވެ. 

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ ވެސް ވިދާޅުވީ "[މިއީ] ފިތުނަސަފާދަ އުފެއްދުމަށް ޓަކައި ވައްދައިގެން އުޅޭ އެއްޗެއް" ކަމަށެވެ. 

ފަލާހު ވިދާޅުވީ، މި ޕެޓިޝަން ހުށަހެޅި ފަރާތަށް މަޖިލިސް މެންބަރުންގެ އިންޝުއަރެންސް ނިޒާމު ހިނގާ ގޮތް ރަނގަޅަށް ސާފުނުވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މެންބަރުން އާސަންދައިގެ ނިޒާމުން ބޭރުވެ، އިންޝުއަރެންސް ޕެކޭޖެއް ނެގުމް ހަގީގަތުގައި ދައުލަތަށް ހަރަދު ކުޑަވާ ކަމެކެވެ. 

"ދައުލަތުން މި ދައްކަނީ މެންބަރަކަށް އަހަރަކު 24،000 ދިވެހި ރުފިޔާ. އެ 24،000ރ.ގެ އިތުރަކަށެއް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކަށް ދިވެހި ދައުލަތަކުން ލޯ ލާރިއެއް ވެސް ހަރަދުކުރާކަށް ނުޖެހޭނެ،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ މަޖިލިސް މެންބަރުކަން ކުރުމުގެ ބުރަކަން އެހެން މީހުންނަށް ނޭނގޭނެ ކަމަށް --- ފޮޓޯ: އަދަދު
ފަލާހު ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ މަޖިލިސް މެންބަރުކަން ކުރުމުގެ ބުރަކަން އެހެން މީހުންނަށް ނޭނގޭނެ ކަމަށް --- ފޮޓޯ: އަދަދު

އެކަން އިތުރަށް ތަފްސީލުކޮށްދެއްވަމުން ފަލާހު ވިދާޅުވީ، އާސަންދައިގެ ތެރެއިން ބޮޑު ބައްޔަކަށް ފަރުވާ ހޯދަން ޖެހިއްޖެނަމަ، ދައުލަތުގެ ބަޖެޓުން މިލިއަނުން ހަރަދުކުރަން ޖެހޭނެ ކަމަށާއި، ނަމަވެސް އިންޝުއަރެންސް ނިޒާމުގެ ތެރެއިން މެންބަރަކަށް 1.3 މިލިއަން ރުފިޔާ ހަމަޖެހިފައި އޮތް ނަމަވެސް، ދައުލަތުން ދައްކަން ޖެހެނީ ހަމައެކަނި އަހަރީ ޕްރީމިއަމް ކަމަށްވާ 24,000ރ. ކަމަށެވެ. އެހެންކަމުން މިއީ ދައުލަތަށް މާ ފައިދާ ބޮޑު ގޮތެއް ކަމަށް އޭނާ ވަކާލާތު ކުރެއްވި އެވެ.

"މިސާލަކަށް ބުނަންޏާމު މީގައި އާންމު ބަލިތަކަކަށް ޓިކެޓެއް ދެނީއެއް ނޫން. ހުރުމެއް ދެނީކީ ނޫން. ނިދުމެއް ދެނީކީ ނޫން. ކެއުމެއް ދެނީކީ ނޫން. ބުއިމެއް ދެނީކީ ނޫން. އެ ތަނަކަށް ދެވޭ މީހަކު ގޮސްފައި އޭނަގެ އަމިއްލަ އަތުން ގިނަ ފަހަރަށް އެ ހޮސްޕިޓަލަކަށް ފައިސާ އަދި ދައްކައިގެން، ބިލުތަކެއް، ހަރަދެއް ދިޔައިއްޔާ ގެނެސް، މި މަޖިލީހަށް ހުށަހަޅައިގެން އެއްޗެއް ލިބުނިއްޔާ މި ލިބެނީ،" ފަލާހު ވިދާޅުވި އެވެ. 

"މިހެން އޮތް ނިޒާމެއް މިއީ ވަރަށް މޮޅު ނިޒާމަކަށް ހަދައިގެން، ރައްޔިތުންނާއި ރައްޔިތުން މަޖިލީހުގައި ތިބޭ މެންބަރުންނާ ދޭތެރޭގައި ފިތުނަފަސާދައުފެދޭނެ ގޮތަށް މިފަދަ ޕެޓިޝަންތައް ހަގީގަތުގައި ހުށަހެޅުމަކީ ވަރަށް ހިތާމަހުރި ކަމެއް. މިއަށް ވުރެ މާ މޮޅެތި ކަންކަން އެބަހުރި ކުރަން. މާ ރަނގަޅު ކަންކަން އެބަހުރި." 

އެމްޑީޕީގެ ވިސްނުން: ތަފާތުކުރުމުގެ ފަރަގު ބޮޑުވުމާއި މަޖިލީހުގެ އަގެއް ނެތުން

އިއްޔެ ބަހުސްގައި އެމްޑީޕީގެ މެންބަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މުޖުތަމައުގައި އޮތް  ތަފާތުކުރުންތަކެވެ. ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ސިފަކުރެއްވި ގޮތުގައި، ޕެޓިޝަނުން ރަމްޒުކޮށްދެނީ ހަމައެކަނި ސިއްހީ ދާއިރާގައި އޮތް މައްސަލައެއް ނޫނެވެ. މިއީ ރާއްޖޭގައި އާންމުވެފައިވާ "ބޮޑު މީހާއަށް ބޮޑު ގޮތް، ކުޑަ މީހާއަށް ކުޑަ ގޮތް" އޮންނަ އޮތުމުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މުސާރައިގެ ފަރަގަށް އަލިއަޅުއްވާލައްވަމުން ޝަމްހީދު ވިދާޅުވީ، އާންމު މީހާއަށް 9000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭއިރު، މެންބަރަކު 77،000 ރުފިޔާ ގެއަށް ގެންދިއުމަކީ އިންސާފެއް ނޫން ކަމަށެވެ.

ދައުލަތުގެ ކުރިމަތީގައި ކޮންމެ މީހެއްގެ ފުރާނަ ވެސް ކިރަންވާނީ އެއް ހަމައަކުން ކަމަށާއި، މަޖިލިސް މެންބަރަކަށް ވިޔަސް އަދި އާދައިގެ ރައްޔިތަކަށް ވިޔަސް ސިއްހީ ފަރުވާ ލިބުމުގައި ތަފާތުކުރުން އޮވެގެން ނުވާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

ރައްޔިތުންނަށް އާދޭސް ނުކޮށް ބޭސްފަރުވާ ކުރެވޭނެ ގޮތެއް ހޯދައިދިނުމަކީ މިއަދު ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް ވެސް ޝަމްހީދު ފާހަގަކުރެއްވި އެވެ.

މަޖިލީހަށް ހުށަހެޅުނު ޕެޓިޝަނަށް "ލޮލުން ބޮލުން ތާއީދުކުރައްވާ" ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ދެއްކެވީ ވަރަށް ތަފާތު ނުކުތާއެކެވެ. އޭނާގެ ނަޒަރުގައި ރައްޔިތުން މިފަދަ ޕެޓިޝަންތައް ހުށަހަޅައި، މެންބަރުންގެ އިނާޔަތްތަކާ މެދު ކަންބޮޑުވުން ފާޅުކުރަންޖެހޭ އަސްލު ސަބަބަކީ މަޖިލީހުން ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނުނެރެވުމެވެ.

ޕީއެންސީގެ ސުޕަ މެޖޯރިޓީއެއް 20 ވަނަ ރައްޔިތުންގެ މަޖިލީސް ވަނީ "ރައީސް އޮފީހުގެ ކުޑަކުޑަ ޑެސްކަކަށް" ބަދަލުވެފައި ކަމަށް ސިފަކުރައްވައި މީކާއީލް ވިދާޅުވީ، ރައްޔިތުންނަށް މަޖިލިސް ފެންނަނީ އެގޮތަށް ކަމަށްވާނަމަ މެންބަރުންނަށް ދޭ މުސާރައާއި އިންޝުއަރެންސަކީ ހައްގު އެއްޗެއް ކަމަށް ރައްޔިތުން ގަބޫލުނުކުރާނެ ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މީކާއީލްގެ ވާހަކަފުޅުގައި މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކުރައްވައި "ކުލީ މެންބަރުން" އަދި "ބޮޓުން" ގެ ގޮތުގައި ސިފަކުރެއްވުމުން ސަރުކާރު މެންބަރުންގެ ފަރާތުން ނިޒާމީ މައްސަލަތައް ނަންގަވައި، މަޖިލީހުގައި ހޫނު ބަހުސެއް ހިނގި އެވެ. ނަމަވެސް މީކާއީލްގެ މައިގަނޑު މެސެޖަކީ، ރައްޔިތުންގެ އަޑު ނާހައި، ސަރުކާރުން އަންގާހާ ގޮތަކަށް އަތް ހިއްލާ ބަޔަކަށް ރައްޔިތުންގެ ފައިސާއިން ބޮޑެތި އިނާޔަތްތައް ދިނުމަށް ދިވެހިން މިއަދު ނުރުހޭ ކަމެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންކަން ހައްލުކުރުމުގެ ބަދަލުގައި މަޖިލީހުން ފެންނަނީ މެންބަރުން "އަމިއްލަފުޅަށް ކަރުގައި މަޅިޖައްސަވާ" މަންޒަރު ކަމަށެވެ. ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތައް ހަނިކޮށް، މެންބަރުން އަމިއްލައަށް ބޮޓުންނަށް ވެގެން މަސައްކަތްކުރާނަމަ، އެފަދަ ބަޔަކަށް ޕެންޝަނާއި އިންޝުއަރެންސް ދޭން ރައްޔިތުން ބޭނުން ނުވާނެކަން މައުރޫފް ފާހަގަކުރެއްވި އެވެ.

މުޅި ސިއްހީ ނިޒާމު ދަށަށް ގޮސް، ރައްޔިތުންނަށް ބޭސްފަރުވާ ނުލިބި ތިބޭއިރު، މަޖިލިސް މެންބަރުންނަށް ހާއްސަ އިނާޔަތްތަކެއް އޮތުމަކީ އިންސާފެއް ނޫންކަން ފާހަގަކުރައްވައި މައުރޫފް ވަނީ މުހިންމު ހައްލެއް ހުށަހަޅުއްވާފަ އެވެ. އެއީ މަޖިލިސް މެންބަރުންގެ އިނާޔަތްތައް މެންބަރުން އަމިއްލައަށް ކަނޑައެޅުމުގެ ބަދަލުގައި، މިނިވަން އޮޑިޓަރެއް ނުވަތަ މިނިވަން ފަރާތަކުން އެކަން ކަނޑައެޅޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމެވެ. 

ރައްޔިތުން ހުށަހަޅާ ޕެޓިޝަންތަކާމެދު މެންދޫގެ ހިޔާލު ތަފާތުވުން ހުރެދާނެ އެވެ. އެއްބަސް ނުވެވޭ ކަންކަން ވެސް ހުންނާނެ އެވެ. ނަމަވެސް ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބަވައި އެއީ ފިތުނަ އުފައްދަން ހުށަހަޅާ ހުށަހެޅުމެއް ކަމަށް ބުނުމުގެ ހައްގެ މެންބަރުންނަކަށް ނެތެވެ. 

ލީވާން އަލީ ނާސިރު

ޖާނަލިސްޓް

ލީވާން އަލީ ނަސީރު ނޫސްވެރިއެއްގެ ގޮތުގައި ފުރަތަމަ ފެނިގެން ދިޔައީ ރާއްޖެ ޓީވީގެ ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ހަރަކާތްތެރިވަމުން އަންނަނީ ކަރަންޓް އެފެއާޒް ނޫސްވެރިޔެއްގެ ގޮތުގަ އެވެ. ވަކިން ހާއްސަކޮށް މުޖުތަމައުގެ ތެރޭގައި ހުރި އިޖުތިމާއީ މައްސަލަތަކާ މެދު އާންމުންގެ ސަމާލުކަން އިތުރުކުރުމަށް ލީވާން މަސައްކަތްކުރެ އެވެ. އަދި ސިޔާސީ ދާއިރާގެ ހަބަރުތަކާއި އިވެންޓުތައް ކަވަރުކުރުމުގައި ވެސް އޭނާ ހަރަކާތްތެރިވެ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox