ޒަޔަނިސްޓުންގެ އޭޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައި ވެސް އަތްލުމުގު ފުރުސަތު ދީގެންނުވާނެ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، ހުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.
ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ހުސައިން އެހެން ވިދާޅުވީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"އަނިޔާވެރި ޒަޔަނިސްޓު ޔަހޫދީންގެ މަކަރުވެރި އޭޖެންޓުންނަށް ދިވެހިރާއްގޭ [ދިވެހިރާއްޖޭގެ] ސިޔާދަތީ ބާރު ހިނގާ ވެލިފުކެއްގަ ވެސް އަތްލުމުގެ ފުރުސަތު ދީގެން ނުވާނެ!" ސޯޝަލްމީޑިއާގައި ހުސައިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
މިއީ ވެރިކަން ކުރާ ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން މިފަދަ ޕޯސްޓެއް ކުރެއްވި ދެވަނަ ފަހަރެވެ. މީގެ ކުރިން މިދިޔަ ހޯމަ ދުވަހު ވެސް އޭނާ ވަނީ ދީނާއި ގައުމަށް އުނިކަމެއް އަންނަ ކަމަކަށް ތާއީދެއް ނުކުރައްވާނެ ކަމަށާއި އެފަދަ ކަމެއް ކުރާ ބަޔަކާ އެކު ނުހުންނަވާނެ ކަމަށް ވިދާޅުވެ ޕޯސްޓެއް ކުރައްވައިފަ އެވެ.
ރަސްމާލޭގެ ބިން ބޭރުގެ ބަޔަކަށް ދިނުމާ ދެކޮޅު އަޑުތައް ގަދަވަމުންދާއިރު، އެ މަޝްރޫއުއަށް ހާއްސަ އިސްތިސްނާތަކެއް ލިބޭ ގޮތަށް އަދި އެ ސަހަރުގައި ޓޫރިޒަމް ގާނޫނުގެ ދަށުން ހުއްދަ ދޭ ތަންތަނުގައި ރަލާއި އޫރުމަސް ވިއްކޭ ގޮތަށާއި ހުސްނުވާ 99 އަހަރަށް ތަންތަން ވިއްކޭ ގޮތަށް ބަޔާންކޮށް، ރިއަލް އެސްޓޭޓު ބިލެއް ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.
ރަސްމާލެ މަޝްރޫއުއާ ދެކޮޅު ހަދާ ފަރާތްތަކުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރަުން ދަނީ އެ ތަނުގައި އެކި ދީންތަކުގެ މީހުން ދާއިމަށް ވަޒަންވެރިވެވޭ ގޮތަށް އޮތުމުންނެވެ.
މަޖިލީހަށް މިހާރު ހުށަހަޅައިފައިވާ ބިލުގެ 89 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ހާއްސަ ޒޯނުގައިވާ އެޕާޓްމަންޓްތަކާއި ޕްރޮޕަޓީތަކުގެ ލީސްހޯލްޑް ބޭރު މީހުންނަށް 99 އަހަރަށް ވިއްކޭނެ ކަމަށެވެ. އަދި ބޭރު މީހަކު މާސްޓާ ޑިވެލޮޕަރުގެ އަތުން ތަނެއް ގަތުމުން، ލިބެނީ ކުރީގެ ލީސްގެ ބާކީ އޮތް މުއްދަތެއް ނޫނެވެ.
އޭގެ ބަދަލުގައި، ކުރީގެ ލީސް ސަރުކާރަށް ދޫކޮށްލުމުން، ގަތް ފަރާތަށް ސީދާ އާ 99 އަހަރުގެ ލީސްއެއް އޮތޯރިޓީން ދޫކުރަން ޖެހޭނެ އެވެ. ބިލުގެ 78 ވަނަ މާއްދާގެ ށ. ގައިވާ ގޮތުން، މާސްޓާ ޑިވެލޮޕަރުގެ މުއްދަތު ހަމަވި ނަމަވެސް އެ ގޮތަށް ދޫކުރާ ލީސް ދެމިއޮންނާނެ އެވެ.
މި މޮޑެލްގެ ދަށުން ގަންނަ ބޭރު މީހުންނަށް އެ ޕްރޮޕަޓީ އެހެން ފަރާތްތަކަށް އަލުން ވިއްކުމާއި، ބޭންކުތަކަށް ރަހުނުކުރުމުގެ ފުރިހަމަ އިހުތިޔާރު ލިބިގެންދެ އެވެ. އެހެންކަމުން މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް ގެނައި އިންތިޒާމެއް ކަމަށް ބެލެވެ އެވެ.
އެކަމަކު ސަރުކާރުން މިކަން ސިފަކުރަނީ މިއީ ރިއަލް އެސްޓޭޓް މާކެޓަށް ގެންނަ ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި، އަދި ކޮންމެހެން ވެސް ބޭނުންވާ ކަމެއްގެ ގޮތުގައި އެވެ.








