މުޅި ދުނިޔޭގެ އެންމެ ރީތި ގައުމުން ބޮޑު ސަރަހައްދެއް އަމިއްލަ އެއްޗަކަށް ހަދައި، ވިއްކާލާނީ ކިހިނެއް ހެއްޔެވެ؟
ދިވެހިރާއްޖެ ވިއްކާލަން އެއްވެސް މީހަކު މަސައްކަތް ކުރިކަން ލިޔެފައި އޮތް ތާރީހުގައި ފެންނާކަށް ނެތެވެ. އެކަމަކު މި ގައުމުގެ ވިއްކޭނެކަން ނުވަތަ ނޫންކަން ވެސް އެނގޭނީ މަސައްކަތްކޮށްގެން ނޫންތޯ އެވެ؟
ޔަގީންވާ އެއް ކަމަކީ "ދުނިޔެމަތީގެ ސުވަރުގޭގައި" ސޭލް އަޅުވައިފި ނަމަ ޖާގައެއް ބޭނުންވާ މީހުން ގިނަވާނެ ކަމެވެ. ކުރަންޖެހޭ ކަމަކީ މަކަރުވެރިކަމާއި ހީލަތްތެރިކަން އިސްކޮށް، ދޮގުހެދުމާއި އޮޅުވާލުން ވެސް ގިނަ ކުރުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ މ. ދިމްޔާތު، މުހައްމަދު މުއިއްޒު ފޮތުން ލިބޭ ފިލާވަޅެވެ.
މީގެ ދެ ތިން އަހަރު ކުރިން މުއިއްޒަކީ ގައުމެއް ވިއްކާލެވޭވަރުގެ ފެންވަރެއް އަދި މަގާމެއްގައި ވެސް ހުންނެވި ބޭފުޅެއް ނޫނެވެ. ނަމަވެސް މިއަދު އެމަނިކުފާނަކީ ބާރުގަދަ، ބާރުވެރި ބޭފުޅެކެވެ. ވިދާޅުވީމާ ނުވާނެ ކަމެއް، ބޭނުންވެވަޑައިގަތީމާ ލިބިވަޑައިނުގަންނަވާނެ ހަމަ އެކައްޗެއް ވެސް ނެތެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގަތީ ބަޔަކު މީހުން ދިވެހިރާއްޖެ ވިއްކައިފި ކަމަށް ވިދާޅުވެ ދޮގު ހައްދަވަމުންނެވެ. ވެރިކަމަށް ވަޑައިގެން ތަކުރާރު ކުރައްވަމުން ގެންދެވީ ގައުމު ނުވިއްކާނެކަމުގެ ވައުދެވެ. އެ ކުޅުއްވި ގޭމު އެންމެ ރަނގަޅަށް ސިފަކޮށްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
"މި މުނާފިގުކަން އެއީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން، ކުރާނެކަމެއް ކުރަންޏާ އެކަމެއްގެ ވާހަކަ ސާދާކޮށް ބުނަންޖެހޭނެ، ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެ. ރައްޔިތުންގެ ގާތުގައި ތިމަންނާ ވެރިކަމަށް މި އަންނަނީ ދިދަޔަށް ބޮސްދޭށޭ، ގައުމިއްޔަތަށޭ، ކާންދޭނީ ވެސް ގައުމިއްޔަތޭ ދެން އެހެން ކިޔާފައި ވަޑައިގެނެއް ގައުމު ވިއްކައެއް ނުލެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ސެޕްޓެމްބަރު 21، 2026، ގައި ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އީގަލް ހިލްސް އާއެކު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ރަސްމާލޭގެ 500 ހެކްޓަރު މަދުވެގެން 99 އަހަރަށް ރާއްޖެއަށް ގެއްލޭނެ އެވެ. ރަސްމާލެ ގަތް ކުންފުނިން ބުނަނީ، އެގްރިމެންޓު ހެދީ ތާއަބަދަށް ދެމިގެންދާނެ ގޮތަށް ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަން ދޮގު ކުރެ އެވެ.
އީގަލް ހިލްސްއާއެކު މިހާރު ސޮއިކޮށްފައި ވަނީ ކޮމާޝަލް ޓާމްސް އެގްރިމެންޓެއްގަ އެވެ. ސަރުކާރުން އެ ބަލަނީ ނޮވެމްބަރު 11، ގައި ދާއިމީ އެގްރިމެންޓުގައި ސޮއި ކުރެވޭތޯ އެވެ. އެ ހިސާބުން މުއިއްޒުގެ ޑީލު ފުރިހަމަވާނެ އެވެ. ދެ ތިން އަހަރެއްގެ މަސައްކަތުން މުސްތަގިއްލު ގައުމެއް ވިއްކާލެވުނީ އެވެ.
މި ލިޔުމުގައި ކުރު ގޮތަކަށް މި ބަލައިލަނީ ދިވެހިރާއްޖެ ވިއްކާލުމުގެ ޑީލު ހެދުމަށް މަގުފަހިވުމަށް މުއިއްޒު ނެންގެވި ފިޔަވަޅުތަކަށެވެ.
1. ތިމާގެ ލީޑަރާއި ޕާޓީއަށް އޮޅުވާލައިގެން ރިޔާސީ ޓިކެޓު ހޯދާނެ ގޮތް
އޯގަސްޓު 3، 2023، ގައި އިދިކޮޅު ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމުގެ ކުރިން ވެރިކަމަށް ޝައުގުވެރިވަޑައިގަންނަވާ ވާހަކައެއް މުއިއްޒު ނުދައްކަވަ އެވެ. ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ ކެންޑިޑޭޓަކީ އެއިރު ޖަލުގައި އޮންނެވި ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.
"ބަޔަކު ރާވައިގެން ބައިބައިކުރަން ދައްކާ ވާހަކަތަަކެއް އެއީ. އަޅުގަނޑުމެންގެ ކެނޑިޑޭޓަކީ ރައީސް ޔާމީނު ހަމަ. އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ،" މި ނޫހުގެ ނޫސްވެރިޔަކާ ފޯނުން ވާހަކަ ދައްކަވަމުން އޭޕްރީލް 24، 2023، ގައި މުއިއްޒު ވިދާޅުވި އެވެ.
އެކަމަކު، ވަގުތު ޖެހުނުއިރު ރިޔާސީ ކެންޑިޑޭޓަކަށްވީ އެމަނިކުފާނެވެ. އޭގެ ކުރިން ކެމްޕެއިނުތައް ދިޔައީ ކުރަމުންނެވެ. ވާދަވެރިން ބަލިކުރައްވާނެ ގޮތުގެ ޕްލޭންތައް ހުރީ ރޭވިފަ އެވެ. އޭގެ ތެރޭގައި ސެނެޓު މެންބަރުންނަށް މާލޭ ސިޓީ ކައުންސިލުން ވަޒީފާ ދިނުން ހިމެނެ އެވެ.
2. އެހެން މީހެއްގެ ހިޔަނީގައި ކެމްޕެއިނުކޮށް ހުސް ގޮނޑިއެއް ވިއްކުން
އޭގެ ދޮޅު މަހެއްހާ ދުވަސް ފަހުން ބޭއްވި ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވީ ޔާމީންގެ ނަން ޖަހާފައި ހުރި ހުސް ގޮނޑިއެއް ދައްކައިގެން އަދި އެއިރުގެ ސަރުކާރުން އިންޑިއާއަށް ގައުމު ވިއްކާލައިފި ކަމަށް ބުނެ ފާޅުކަން ބޮޑު ދޮގެއް ވިއްކަވައިގެންނެވެ.
މުއިއްޒުގެ ކެމްޕެއިން ޕޯސްޓަރުތަކާއި ބެނާތަކުގައި އެމަނިކުފާނުގެ ފޮޓޯއަށްވުރެ ވެސް ބޮޑުކޮށް ބެހެއްޓީ ޔާމީންގެ ފޮޓޯ އެވެ. މުއިއްޒު ބޭއްވި ކޮންމެ ޖަލްސާއެއްގައި ޔާމީންއަށް ހާއްސަ ހުސް ގޮނޑިއެއް ބެހެއްޓި އެވެ.
ރިޔާސީ ކެމްޕެއިނުގައި މުއިއްޒު ދެއްވެވި ހުރިހާ ސްޕީޗެއްގައި ހެން ޔާމީންގެ ނަން ވިދާޅުވެ ސަނާ ކިޔުއްވަ އެވެ. ކެމްޕެއިނުގައި 749 ފަހަރު މުއިއްޒު ވަނީ ޔާމީންގެ ނަން ވިދާޅުވެ އެވެ.
ނަމަވެސް ހަމަ ވެރިކަން ލިބިވަޑައިގަތުމާއެކު މެއްސެއް ފޮޅާލާ ގޮތަށް މުއިއްޒު، ޔާމީން އެއް ފަރާތް ކުރެއްވި އެވެ. މުއިއްޒުގެ ވެރިކަމަށް ހައެއްކަ ދުވަސް ނުވަނީސް ޔާމީންއަށް ވެރިކަން ކުރާ ޕާޓީ އިން ވަކިވެވަޑައިގަންނަވަން ޖެހުނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިންޑިއާއަށް ގައުމު ވިއްކާލާފައި ކަމަށް މުއިއްޒު ވިދާޅުވަމުން ގެންދެވި ވާހަކަ ވެސް ވަނީ ދޮގެއް ކަމަށް ހާމަވެފަ އެވެ. އެއިރުގެ ސަރުކާރުން ސޮއިކޮށްފައިވާ މުހިންމު ހުރިހާ އެގްރިމެންޓުތައް މި ސަރުކާރުން ވަނީ ދަމަހައްޓައިފަ އެވެ.
ވެރިކަމުގެ ކުރީކޮޅު، އިންޑިއާއާ ފެޔަށް ޖެހުމުގެ މަގު ޗާޓެއް އިއުލާނު ކުރެއްވި ނަމަވެސް، މާލީ ކަންކަން މެނޭޖް ކުރަން ނޭނގުމުން އަނެއްކާ ވެސް އިންޑިއާއާއެކު ގުޅުން ބަދަހި ކުރަން ސަރުކާރަށް މަޖުބޫރުވި އެވެ. މުއިއްޒު ވެސް ހަމަ އެ ވެރިކަން ކުރައްވަނީ ކުރިން ދުޝްމަނެއްގެ ގޮތުގައި ސިފަ ކުރެއްވި އިންޑިއާގެ އަތުގައި ހިފައިގެންނެވެ.
3. ގާނޫނު ހަދާ މަޖިލީސް ބަނދެލުން
ރިޔާސީ އިންތިހާބަށް ފަސް މަސްދުވަސް ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ސުޕަ މެޖޯރިޓީ ހޯދި އެވެ. މަޖިލީހުގެ މެޖޯރިޓީ ހޯއްދެވީ ވެސް ރައްޔިތުންނަށް "ބިރު" ދައްކަވައިގެންނެވެ.
މުއިއްޒު ވިދާޅުވީ، މިވެނި ރަށެއްގެ އަސާސީ ހިދުމަތް ސަރުކާރަށް ގާއިމް ކުރެވޭނީ އެމަނިކުފާނު ދައްކަވާ މެންބަރެއް ގޮނޑިއަށް ހޮވައިގެން ކަމަށެވެ. އެގޮތަށް އޮޅުވާލައިގެން މުއިއްޒު އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.
"އެގޮތުން ވަކި ދާއިރާތަކުގެ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި ވަކި މެންބަރެއް އިންތިހާބު ކުރަންޖެހޭ ކަމަށާއި ސީދާ ވަކިވަކި އާބާދީތަކަށް ތަރައްގީ ގެނައުމަށްޓަކައި ވަކި ކެންޑިޑޭޓެއް ހޮވުމަށް ބާރުއަޅާކަން ފާހަގަކުރެވިފައިވޭ،" އެ ކޮމިޝަނުން 2024 ވަނަ އަހަރު ނެރުނު ޕްރީ-އިލެކްޝަން ރިޕޯޓުގައި ބުނެފައިވެ އެވެ.
އެގޮތަށް ރައްޔިތުންނަށް ބިރު ދައްކަވައި ނުފޫޒު ފޯރުވަމުން 100 އަށް ވުރެ ގިނަ ރަށްރަށް މުއިއްޒު ވަޑައިގެންނެވި އެވެ. އެ ދަތުރުގައި އެމަނިކުފާނު ވަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރައްވައި ޕްރޮޖެކްޓުތައް އިއުލާނުކޮށް، އިފުތިތާހު ކޮށްދެއްވައިފަ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިއުލާނު ކުރުމަށްފަހު [ޖެނުއަރީ 30] ގެ ފަހުން ރައީސުލްޖުމްހޫރިއްޔާ 100 އަށް ވުރެ ގިނަ ރަށްރަށަށް ދަތުރުކޮށްފައިވޭ. ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން ރަށްރަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލު ކުރުމަކީ ކުރުން މުހިންމު ކަމަކަށްވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވެފައި ވަނިކޮށް މި ދަތުރުތަކުގައި އެކި މަޝްރޫއުތައް އިއުލާނު ކުރުމާއި ސޮއި ކުރުމުގެ އިތުރުން ކުރީގައި ނިމިފައި ހުރި ނިމިފައި ހުރި ޕްރޮޖެކްޓުތައް އިފުތިތާހު ކުރުމަކީ އޭގެ ސަބަބުން އިންތިހާބަށް ނުފޫޒު ފޯރުވަން ފުރުސަތު އޮތް ކަމެއް،" އެޗްއާރްސީއެމް އިން ބުނެފައިވެ އެވެ.
އޭޕްރީލް 20، ގައި ބޭއްވި މަޖިލިސް އިންތިހާބު ކާމިޔާބު ކުރެވުމުން މުއިއްޒު ދެން އެ އަހަރުގެ މެދުތެރެއިން ވެރިކަން ކުރާ ޕާޓީގެ މެންބަރުންނަށް ކޮންމެ މަހަކު 50،000 ރުފިޔާ ދެއްވަން ފެށި އެވެ. އަދި އޭގެ ދުވަސްގަނޑެއް ފަހުން، ޕީއެންސީ އިން ބޭނުންވާ މެންބަރަކު މަގާމުން ވަކި ކުރެވޭ ގޮތަށް ނޮވެމްބަރު، 2024، ގައި ގާނޫނުއަސާސީ ބަދަލު ކުރި އެވެ.
4. ފަނޑިޔާރުގެ ކޮންްޓްރޯލުގެ ދަށަށް ގެނައުން
ގާނޫނު ހަދާ މަޖިލިސް ކޮންޓްރޯލުގެ ދަށަށް ގެންނެވުމަށްފަހު މުއިއްޒު ދެން އަމާޒު ހިއްޕެވީ ފަނޑިޔާރުގޭގެ ދުވަސް ދުއްވާލުމަށެވެ. ދޮގު ތުހުމަތުތަކަކަށް ބިނާކޮށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މެއި 14، 2025، ގައި ވަކިކޮށް، އިތުރު ފަނޑިޔާރަކު އިސްތިއުފާ ދެއްވަން މަޖުބޫރު ކުރި އެވެ.
އޭގެ ކުރިން މާޗް، 2025، ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދަ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ކޯޓުން އިސްތިއުފާ ދެއްވީ ސީދާ ރައީސް މުއިއްޒަށް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ ކަމަށް ސުއޫދު ވިދާޅުވި އެވެ.
"...ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި ބަޔާން ކުރެވުނު މައްސަލަ މަނިކުފާނު އެދޭ ގޮތަށް ނިންމުމަށް މަނިކުފާނު ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ. އާއި ރ. އާ ހިލާފަށް ނުފޫޒު ފޯރުވަމުން ގެންދަވާތީވެ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިހިނދުން ފެށީގެން އަޅުގަނޑު އިސްތިއުފާ ދީފިން،" ސުއޫދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއް "ދުއްވާލުމަށްފަހު" މުއިއްޒު ބޭނުންވެވަޑައިގެންނެވި ބަޔަކު އެންމެ މަތީ ކޯޓަށް އައްޔަން ކުރި އެވެ. އަދި މުއިއްޒު ބޭނުންވެވަޑައިގަންނަވާހާ ގޮތަށް ހުކުމް ކުރަން ސުޕްރީމް ކޯޓުން ފެށި އެވެ. އޭގެ އެންމެ ރަނގަޅު މިސާލަކީ މެންބަރުން ތަޅުއަޅުވަން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސައްހަ ކަމަށް ކަނޑައެޅުމުން ފަނޑިޔާރު އާއިޝާ ސުޖޫން މުހައްމަދު ވިދާޅުވި ވާހަކަ އެވެ.
"ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު، ދައުލަތުގެ ފަރާތުން މާނަކުރާގޮތަށް ބެލި ނަމަވެސް، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ 2 ގައި ހިމަނާފައިވަނީ އެ ބަޔަކު ރައްޔިތުންގެ މަޖިލީހަށް ހޮވިއިރު ނެތް ޝަރުތެއް. މިސާލެއް ބޭނުންކޮށްގެން ތިލަކުރާނަމަ، ގަވާއިދުތަކުގެ މައްޗަށް ބިނާކުރާ ކުޅިވަރެއް ރައްޔިތުން ކުޅެމުންދަނިކޮށް އެނގުމެއް، އަހާލުމެއް އަދި މަޝްވަރާ ކުރުމެއް ނެތި ކުޅުމުގެ މެދުތެރެއިން ގަވާއިދު ބަދަލުވުމުގެ ހާލަތެއް،" ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.
5. ރައްޔިތުންނަށް ލިބިފައި ހުރި ބާރުތައް އަތުލުން
ތިން ބާރު މުށުތެރެއަށް ލެއްވުމަށް މުއިއްޒު ހިންގެވި ހުދުމުހުތާރު ކެމްޕެއިނުގެ ތެރެއިން އެމަނިކުފާނު ގެންދެވީ ރައްޔިތުންގެ ބާރުވެރިކަން ނައްތާލަމުންނެވެ. ރައްޔިތުންގެ ބާރުވެރިކަން ނައްތާލުމަށް މުއިއްޒު ކުރެއްވި އެންމެ ބޮޑު އެއް މަސައްކަތަކީ ލާމަރުކަޒީ ގާނޫނުގެ ބާރު ކަނޑުވައިލުމެވެ.
އޭގެ އިތުރުން ވެސް މުޒާހަރާ ކުރުމާއި މިނިވަންކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގުމުގެ ހައްގު ވެސް މުއިއްޒު ވަނީ ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ. މާލޭގައި މުޒާހަރާ ކުރި ބައެއް ޒުވާނުން ހައްޔަރުކޮށް، ދެ ޒުވާނެއްގެ މައްޗަށް ޖިނާއީ ދައުވާތަކެއް ވެސް މުއިއްޒު އުފުލި އެވެ.
ރައްޔިތުންގެ މިނިވަންކަމަށް ހުރަސްއަޅަން މުއިއްޒު އެ ނޫން ވެސް ވަރަށް ގިނަ ކަންކަން ކުރެއްވި އެވެ. އޭގެ ތެރޭގައި މުއިއްޒުގެ ފޮޓޯއެއް ނެގި މީހަކު ފުލުސް އޮފީހަށް ހާޒިރު ކުރުމާއި މީޑިއާތަކާއި ނޫސްވެރިންނާ ދެކޮޅަށް ފިޔަވަޅައި ޖަލަށްލުން ހިމެނެ އެވެ.
6. ގައުމުން ވިއްކާލުން
އެ ހުރިހާ މަސައްކަތެއް ފުރިހަމަވެ، ހިތް ފުރޭ ވަރަށް ބާރު ލިބިވަޑައިގަތުމުން، ދިވެހިރާއްޖެއިން ބައެއް ވިއްކާލަން ބޭރު ބަޔަކާއެކު ރައީސް މުއިއްޒު ހެއްދެވީ ސިއްރު އެގްރިމެންޓެކެވެ. ރާއްޖޭގެ މެދުން 500 ހެކްޓަރުގެ ހިއްކި ބިން ވިއްކާލިކަން ރައްޔިތުންނަށް އެނގުނީ އެކަން ކޮށް އަވަދިވުމުންނެވެ.
ހުރިހާ ބާރެއް ލިބުމުން، ރައްޔިތުންގެ އަޑުއެހުން މުހިންމު ކަމަކަށް ނުވި އެވެ. ރާއްޖޭގެ ބައެއް އުމުރަށް ނުވަތަ 99 އަހަރަށްވިޔަސް ވިއްކާލައި، އެތަނުގައި ބޭރުގެ ބަޔަކު ވަޒަންވެރިވުކުރުވަން އެއްބަސްވުމެއް ހެދީ އާންމުން ކައިރީ ހޭ ވެސް އަހާނުލަ އެވެ.
ސެޕްޓެމްބަރު 21، 2026، ގައި މުއިއްޒުގެ މަންދޫބުގެ ހައިސިއްޔަތުން ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ސޮއި ކުރެއްވި އެގްރިމެންޓުގެ ގިނަ ކަންކަން އަދިވެސް ދިވެހިންނަކަށް ނޭނގެ އެވެ. މުއްތަލިބު އެކިފަހަރު، އެކި ތަންތަނުގައި ދައްކަވާ ވާހަކަ އަންނަނީ ބަދަލުވަމުންނެވެ.
އެ ސިއްރު އެގްރިމެންޓު ހާމަ ކުރައްވާނެތޯ އަންގާރަ ދުވަހު ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް އެ ސުވާލަށް ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވި އެއްޗަކީ އެ މަޝްރޫއު ކުރިއަށްދާނީ ގާނޫނެއް ފާސްކޮށް ގާނޫނާ އެއްގޮތަށް ކަމަށެވެ. އެކަމަކު، ގާނޫނުގައި ކޮންމެ އެއްޗެއް ލިޔުނަސް، އެއްބަސްވުން ހާމަނުކުރާހާ ހިނދަކު، މަޝްރޫއު ކުރިއަށްދަނީ ގާނޫނާ އެއްގޮތަށްކަން ކަނޑައެޅޭކަށް ނެތެވެ.
ރަސްމާލެއާ ގުޅޭ ގޮތުން އަލައްބާރުގެ ވާހަކަތައް ވެސް ހުރީ އެފަދަ ކިލަނބު ގޮތަކަށެވެ. ރަސްމާލޭގެ ތާއަބަދަށް ދެމިގެންދާ ކުލީގެ މުއްދަތާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވިހާ ވެސް އެއްޗަކީ ޕްރޮޖެކްޓު ކުރިއަށްދާނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
އެއްބަސްވުމުގައި ސޮއި ކުރި ދުވަހު އީގަލް ހިލްސް އިން ބުނެފައި ވަނީ ރަސްމާލެއިން ޕްރޮޕަޓީއެއް ގަންނަ ފަރާތަކަށް އެތަން ތާއަބަދަށް ލިބޭނެ ކަމަށެވެ.
"މިތަނުގެ ޕްރޮޕަޓީސްތައް ކުއްޔަށް ދޭނީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން 99 އަހަރަށް. އެތަންތަނުގެ ހައްގުތައް ވިއްކައިގެން ނުވަތަ ވާރުތައިން ވެސް އެހެން ފަރާތަކަށް ބަދަލުކޮށްފި ނަމަ 99 އަހަރުގެ އާ ކުލީގެ މުއްދަތެއް ފެށޭނެ. މީގެ ސަބަބުން އެތަން ގަންނަ ފަރާތްތަކުގެ އަތުގައި އެތައް ޖީލަކަށް އެތަންތަން ދެމިގެންދާނެ،" އީގަލް ހިލްސް އިން ބުނެފައިވެ އެވެ.
ނަމަވެސް އީގަލް ހިލްސްގެ އެ ބަޔާން ފަހުން ވަނީ ބަދަލުކޮށްފަ އެވެ. އެކަމަކު، ރަސްމާލެއިން ގަންނަ ޕްރޮޕަޓީއެއް ދާއިމަށް ލިބޭނެ ކަމަށް ދޭހަވާ ފަދަ މޭރުމަކުން މުއްތަލިބު ވަނީ މީގެ ކުރިން ވާހަކަ ދައްކަވައިފަ އެވެ.
"ރަސްމާލޭން ޕްރޮޕަޓީ ގަންނަ ފަރާތުގެ މިލްކަކީ އެ ޕްރޮޕަޓީއެކެވެ. އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެއް. އެ ޕްރޮޕަޓީއެއް ވިއްކާލާ ނަމަ، ނުވަތަ އެފަރާތެއް މަރުވުމުން ވާރުތަވާ ނަމަ، ވާރުތަވާނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަކުރާނަމަ،" މުއްތަލިބު ވިދާޅުވި އެވެ.
އޭގެ އިތުރުން، ރަސްމާލޭގައި މިފަދަ ޕްރޮޖެކްޓެއް ނުހިންގުމަކީ މުއިއްޒުގެ ސާފު ވައުދެކެވެ. އެ ޕްރޮޖެކްޓު އެ ކުރިއަށް ގެންދަވަނީ ރަސްމާލޭގެ ވެލިފުކެއް، އެންމެ ދުވަހަކަށް ނަމަވެސް ކުއްޔަށް ނުދޭން ވެވަޑައިގެންނެވި ވައުދާ ހިލާފަށެވެ.
"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.
~~
ދިވެހިރާއްޖޭގައި ބިދޭސީން ދިރިއުޅެވޭ ގޮތަށް ބޮޑު ސަރަހައްދެއް ހަދައި އެތަން 99 އަހަރަށް ނުވަތަ ތާއަބަށް މި ދެނީ ދިވެހިންގެ ތާރީހުގައި އަލަށެވެ. މިކަމާމެދު ފުޅާ ދާއިރާއެއްގައި ރައްޔިތުންނާ މަޝްވަރާ ކުރަންޖެހެ އެވެ.
ހަގީގަތުގައި ގައުމާއި ގައުމުގެ އައިޑެންޓިޓީއަށް އެހާ ބޮޑު ބަދަލެއް އަންނާނެ ވަރުގެ މަޝްރޫއެއް ކުރިއަށްގެންދަންޖެހޭނީ އެތަކެއް މަސްދުވަހެއް ނުވަތަ އަހަރެއްގެ ދިރާސާ އާއި މަޝްވަރާތަކަށް ފަހު އެވެ. ނަމަވެސް މުއިއްޒު ގައުމު މި ވިއްކާލީ އެމަނިކުފާނުގެ ބާ މުދާގަނޑެއް ރަހުމަތްތެރިއަކަށް ވިއްކާލާނެ އުސޫލުންނެވެ.












