ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އެމީހަކަށް އާ ލީސްއެއް ލިބޭނެ: މުއްތަލިބު

Oct 21, 2026, 11:44 PM
ރަސްމާލެ ވިއްކާލި އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު: ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ ކޮންމެ ފަހަރަކު ލިބޭނީ އާ ލީސްއެއް ކަމަށް -- ފޮޓޯ: ފައިލް

ރަސްމާލެ ވިއްކާލި އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު: ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ ކޮންމެ ފަހަރަކު ލިބޭނީ އާ ލީސްއެއް ކަމަށް -- ފޮޓޯ: ފައިލް

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އީގަލް ހިލްސް އިން ރާސްމާލޭގައި އިމާރާތް ކުރާ ތަންތަން ގަންނަ ކޮންމެ ފަހަރަކު އެމީހަކަށް އާ ލީސްއެއް (ކުލީގެ އެގްރިމެންޓެއް) ސަރުކާރުން ދޭނެ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ. 

އީގަލް ހިލްސްއަށް ރަސްމާލެ ވިއްކާލުމުގެ އެގްރިމެންޓުގައި ސެޕްޓެމްބަރު 21، ގައި ސޮއި ކުރީ މުއްތަލިބެވެ. އެ ޕްރޮޖެކްޓުގެ މައުލޫމާތު ރަނގަޅަށް ހާމަނުކުރާތީ މަޝްރޫއު ކުރިއަށްގެންދާނެ ގޮތާމެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދި އެވެ. 

އެ އެގްރިމެންޓުގައި ސޮއި ކުރި ދުވަހު އީގަލް ހިލްސް އިން ނެރުނު ބަޔާނެއްގައި ބުނީ، ރަސްމާލެ ފުރަތަމަ ލިބެނީ 99 އަހަރަށް ކަމަށާއި ނަމަވެސް އެތަން ވިއްކާލާ ކޮންމެ ފަހަރަކު 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ. 

Advertisement

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ. ޕްރޮޕަޓީ ދެ ވަނަ ފަހަރަށް ގަންނަ ފަރާތަށް ލިބެނީ 99 އަހަރުގެ ލީސްއެއްތޯ ނުވަތަ ނޫންތޯ މުއްތަލިބު ސާފުކޮށް ވިދާޅެއްނުވެ އެވެ. 

"ދައުލަތަށް ވެސް ދާއިމީކޮށް އާމްދަނީ ހޯދުމަށްޓަކައި ދައުލަތުން މި ކުރާ ކަމަކީ އެ ބިން ވެސް ކުރިން ދީފައި އޮން މީހާގެ އެއްވެސް ބަދަލެއް ދިނުމަކާ ނުލާ އޭނަ އޭނާގެ ލީސް ސަރެންޑާ ކުރަންޖެހޭނެ. ސަރެންޑާ ކުރީމަ އޭނަ ލީސް ސަރެންޑާކޮށްފަ، އެ ކެންސަލްކޮށްފަ ދައުލަތުން އަނެކާ އަތުން ޗާޖެއް ކޮށްފަ ދައުލަތުން އަނެއްކާ ލީސްއެއް މި އިޝޫ ކުރަނީ އެ ގަންނަ ފަރާތަށް،" މުއްތަލިބު ވިދާޅުވި އެވެ.  

އޭގެ އިތުރުން މިރޭ މުއްތަލިބު ވަނީ، ރަސްމާލެއިން ޕްރޮޕަޓީއެއް ގަންނަ ފަރާތަކުން އެތަނެއް ވިއްކަން ބޭނުންވެއްޖެ ނަމަ ވިއްކަންޖެހޭނީ ސަރުކާރަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވި ވާހަކައާ ހިލާފަށް ވާހަކަ ދައްކަވައިފަ އެވެ. މުއްތަލިބު ވިދާޅުވީ ޕްރޮޕަޓީއެއް ވިއްކާލާއިރު ސަރުކާރުން ހަމައެކަނި ކުޅޭނީ މެދުވެރިއެއްގެ ރޯލު ކަމަށެވެ. 

"އޭނަގެ ޕްރޮޕަޓީ އެހެން މީހަކު ގަންނަން އައީމަ ދައުލަތުން އޭގެ ތެރެއަށް ވަދެފަ މި ބުނަނީ، އޯކޭ ތި ގަންނަން ހުށަހަޅާ މީހާއަކީ ދައުލަތުން އެއްބަސްވާ މީހެކޭ ނޫނީ އެއީ ގަތުން އެންމެ ރަނގަޅު މީހެކޭ. ދައުލަތުން އޭގެ ތެރެއަށް ވަދެފަ، އެޕްރޫވްކޮށްފަ، އެ ބިމަށް ޗާޖުކޮށްފަ، އެ ޕްރޮޕަޓީއެއްގެ ވެލިއުއަށް ބަލާފަ ބިމަށް ޗާޖުކޮށްފަ ދައުލަތުން މި ބުނަނީ އޯކޭއޭ ވިއްކާލިޔަސް މައްސަލައެއް ނެތޭ،" މިނިސްޓަރު ވިދާޅުވި އެވެ. 

"ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު އިއްޔެ ވިދާޅުވީ ރަސްމާލޭގެ ޕްރޮޕަޓީތައް ގަންނަ މީހުންނަށް އެތަންތަން ހަމައެކަނި ވިއްކޭނީ ސަރުކާރަށް ކަމަށެވެ. އެ މުއާމަލާތުގައި ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމެއް އެމަނިކުފާނު ވިދާޅެއްނުވެ އެވެ. 

"މި އިންވެސްޓްމެންޓުގެ ތެރެއިން މި އެޅޭ، ނޫނީ ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް މި ގަނެވެނީ. އެ ފަރާތުން ދެ އެތަން ޖެހޭނީ ސަރުކާރަށް، ދައުލަތަށް ވިއްކަން. ދައުލަތަށް ލިބޭނީ. ސަރުކާރުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ،" ރައީސް ވިދާޅުވި އެވެ. 

"މިތަނުގަ 99 އަހަރު ވީމަ، 99 އަހަރަށް ގަންނަ ތަނެއް، މުއްދަތު ހަމަވުމުގެ ކުރިން އެހެން މީހަކަށް ވިއްކާލާ ކަމަށްވަންޏާ ވެސް ސަރުކާރަށް ވިއްކާނީ. ސަރުކާރުން އެ ދެން އަނެއްކާ ވެސް އެހެން ފަރާތަކަށް އޯނާޝިޕް ބަދަލު ކުރުމުގެ ހައްގު މި އޮންނަނީ."

ސަރުކާރުން ބުނަނީ އީގަލް ހިލްސްއަށް ރަސްމާލެ ވިއްކާލަނީ 99 އަހަރަށް ކަމަށެވެ. ނަމަވެސް އީގަލް ހިލްސް އިން ބުނެފައި ވަނީ ސަރުކާރުން އެ ބުނާ 99 އަހަރުގެ މުއްދަތު ހަމަވުމުގެ ކުރިން ރަސްމާލޭގެ ޕްރޮޕަޓީއެއް ވިއްކާލައިފި ނަމަ ނުވަތަ ހިބައިން ދީފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ. 

"މިތަނުގެ ޕްރޮޕަޓީސްތައް ކުއްޔަށް ދޭނީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން 99 އަހަރަށް. އެތަންތަނުގެ ހައްގުތައް ވިއްކައިގެން ނުވަތަ ވާރުތައިން ވެސް އެހެން ފަރާތަކަށް ބަދަލުކޮށްފި ނަމަ 99 އަހަރުގެ އާ ކުލީގެ މުއްދަތެއް ފެށޭނެ. މީގެ ސަބަބުން އެތަން ގަންނަ ފަރާތްތަކުގެ އަތުގައި އެތައް ޖީލަކަށް އެތަންތަން ދެމިގެންދާނެ،" އީގަލް ހިލްސް އިން ބުނެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox