މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކާ ނެޓްވޯކަކަށް އަމާޒުކޮށް ހެންވޭރު ގެއެއްގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި 826 ބަނގުރާ ފުޅިއާއެކު ހައްޔަރުކުރި ތިން މީހުންނަށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ އަލް އަމީން, 34، އާއި ޕޮލިން, 43، އަދި އެމްޑީ ރަކިބް ހޮސެން، 25، އެވެ. އޭގެ ތެރެއިން އަލް އމީން އަދި ޕޮލިން ފަސް ދުވަހަށް ބަންދުކުރިއިރު، ރަކިބްގެ ބަންދަށް ޖެހީ 15 ދުވަހެވެ.
ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި އަތުލައިގަތް 826 ބަނގުރާ ފުޅި ހުރީ ހާމައަށް ސްޓޯ ރޫމެއްގެ އެކި ތަންތަނުގައި ބަހައްޓާފަ އެވެ.
މީގެއިތުރުން އަތުލައިގަތް ބައެއް ބަނގުރާ ފުޅިތައް ފޮށިތަކުގައި ބަންދުކޮށްފައި ހުރިއިރު، އެ ފޮށިގަނޑުތަކުގައި ބަނގުރާގެ ބްރޭންޑްތައްވެސް ލިޔެފައި ހުއްޓެވެ.
ފުލުހުން ހިންގާ ބަނގުރަލުގެ އޮޕަރޭޝަންތަކުގައި ގިނައިން ހައްޔަރުކުރަނީ ބިދޭސީންކަން ފާހަގަކުރެވެ އެވެ.














