ރަސްމާލެ މަޝްރޫއުގެ ކަންބޮޑުވުން ފާޅުކުރުމުން ހަލީލްއަކީ ގައުމަށްވުރެ އަމިއްލަ އެދުން އިސްކުރާ ބޭފުޅެއްކަމަށް ފަލާހު ސިފަކުރައްވައިފި

މި ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރު، އަބްދުﷲ ހަލީލް (ކ) ޕީއެންސީ ޕީޖީ ގްރޫޕުގެ ލީޑަރު، އިބްރާހިމް ފަލާހު (ވ) -- އާޓްވޯކް: ލީވާން އަލީ ނާސިރު / އަދަދު

މި ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރު، އަބްދުﷲ ހަލީލް (ކ) ޕީއެންސީ ޕީޖީ ގްރޫޕުގެ ލީޑަރު، އިބްރާހިމް ފަލާހު (ވ) -- އާޓްވޯކް: ލީވާން އަލީ ނާސިރު / އަދަދު

މި ސަރުކާރުގައި ފޮރިން މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ހަލީލުއަކީ ދިވެހި ގައުމަށްވުރެ އަމިއްލަ އެދުން އިސްކުރައްވާ ބޭފުޅެއް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލެމެންޓްރީ ގްރޫޕުގެ ލީޑަރު، އިބްރާހިމް ފަލާހު ސިފަކުރައްވައިފި އެވެ.

ފަލާހު އެގޮތަށް ސިފަކުރެއްވީ ރަސްމާލެއިން 500 ހެކްޓަރު ތާއަބަދަށް ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް ކުރިއަށްގެންދާ މަޝްރޫއުއާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓަކަށް ފަލާހު ދެއްވި ރައްދަކާ ގުޅޭގޮތުން ސުވާލުކުރުމުންނެވެ.

"ޔާމީނަށްވުރެ ވެސް ކުރީގެ ފޮރިން މިނިސްޓަރު، ހަލީލް ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅުވީމާ އަޅުގަނޑު ހައިރާންވެއްޖެ. އަޅުގަނޑަށް ކުރިން ހީކުރެވުނީ ގޯސްކޮށް،" ހަލީލްގެ ޕޯސްޓަށް ރައްދުދެއްވައި ފަލާހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

އެ ޕޯސްޓުގައި "ކުރިން ހީކުރެވުނީ ގޯސްކޮށް" ކަމަށް ވިދާޅުވެފައި ވާތީ، ހަލީލް އާމެދު ކުރިން ހީކުރެއްވުނު ގޮތަކީ ކޮބައިތޯ ސުވާލުކުރުމުން ފަލާހު ވިދާޅުވީ، ހަލީލްއަކީ އަމިއްލަ އެދުމަށްވުރެ ގައުމު އިސްކުރައްވާ ބޭފުޅެއްކަމަށް ކުރިން ހީކުރެވުނު ކަމަށެވެ.

"[ކުރިން ހީކުރެވުނީ ހަލީލްއަކީ] އަމިއްލަ އެދުމަށްވުރެ ގައުމު އިސްކުރާ ބޭފުޅެއް ކަމަށް،" ފަލާހު ވިދާޅުވި އެވެ.

މިހާރު ގައުމަށްވުރެ ހަލީލް އިސްކުރައްވަނީ އަމިއްލަ އެދުންތޯ ސުވާލުކުރުމުން ފަލާހު ވިދާޅުވީ "މާ ބޮޑަށް ވެސް" އެކަން އޮތީ އެގޮތަށް ކަމަށެވެ.

ފަލާހު މިގޮތަށް ވިދާޅުވެފައި މި ވަނީ ރައްޔިތުންގެ މެދުގައި ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށް އެ ސުވާލުތަކަށް ޖަވާބު ދިނުމަށް ހަލީލު ގޮވައިލެއްވުމުންނެވެ.

"ރަސްމާލޭގެ އިންވެސްޓްމަންޓްއާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި އަދި ޙައްސާސް ކަންބޮޑުވުންތަކެއް އެބަހުރި. އަޅުގަނޑު ދެކޭ ގޮތުގައި، ގައުމާ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށްދޭން އައްޔަންކޮށްފައި ތިބި ވެރިންގެ ޙައިސިއްޔަތުން ސަރުކާރުން ކުރަންވީ ކަމަކީ، އެ ކަންބޮޑުވުންތަކަށް ޙައްލުތަކެއް ލިބޭނެފަދަ ޖަވާބުތަކެއް ރައްޔިތުންނަށް ދިނުން،" ހަލީލު އެކްސްގައި ލިޔުއްވި އެވެ.

ސަރުކާރުން ޖަވާބުދިނުމަށް ހަލީލު ގޮވާލެއްވި ސުވާލުތައް

  1. ރަސްމާލެ ހިއްކުމަށް މިހާތަނަށް ދައުލަތުން ޚަރަދުކޮށްފައިވަނީ ކިހާ މިންވަރެއްތޯ؟
  2. ރަސްމާލޭގެ ބިމާއި ވަށައިގެންވާ ފަޅުގެ އަގުމަގު ކުރެވިފައިވޭތޯ؟ އަދި އެއީ ކިހާވަރެއްތޯ؟
  3. އިންވެސްޓްމަންޓުން އަޕްފުރަންޓް ޕެއިމަންޓްގެ ގޮތުގައި އެއްވެސް އެއްޗެއް ލިބޭތޯ؟ އަދި އެއީ ކިހާ މިންވަރެއްތޯ؟
  4. އިންވެސްޓް ކުރާ ފަރާތާއި ސަރުކާރުގެ ބައެއް ވެރިންގެ ޢަދަދުތަކުގައި ބޮޑެތި ފަރަގުތަކެއް އެބަހުރި. އެހެންކަމުން، ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ ކޮބާތޯ؟ އަދި ވިޔަފާރީގެ ޓެކްސް ނުހިމަނާ، ޕްރޮޖެކްޓްގެ ތެރެއިން ދައުލަތަށް/ ރައްޔިތުންނަށް ލިބެނީ ކޯއްޗެއްތޯ އަދި ކިހާ މުއްދަތެއްގެ ތެރޭގައިތޯ؟
  5. ބިމުގެ މިލްކްވެރިކަން ދޫކުރަނީ ދާއިމަށްތޯ؟ ބިމުގެ މިލްވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު، 99 އަހަރު އަލަށް ފެށޭތޯ؟
  6. 5000 ހައުސިން ޔުނިޓް ބިނާކުރަނީ ދައުލަތަށް ލިބޭ ފައިސާއިންތޯ ނުވަތަ ނޫންތޯ؟
  7. މި އިންވެސްޓްމަންޓްގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ/ ރައްޔިތުންގެ އެއްވެސް ޙައްގެއް ގެއްލޭތޯ؟

"މިނޫންވެސް ރައްޔިތުންގެ ފަރާތުން ސާފުކުރަން ބޭނުންވާ ކަންކަމަށް އީޖާބީ ޖަވާބުތަކެއް ދިނުން ލާޒިމް."

ގިނަ ދިވެހިންގެ މައިގަނޑު ކަންބޮޑުވުމެއް އޮތީ ދިގު މުއްދަތަށް ބޭރު މީހުންނަށް ރަސްމާލޭގައި އުޅެވޭނެ ގޮތަށް އެ ތަން ތަރައްގީކުރާތީ އެވެ.

ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށެވެ. ރަސްމާލެއިން ސަރުކާރަށް ލިބެނީ، އެތަނުގައި އަޅާ އިމާރާތް ޑިވެލޮޕަރު ފުރަތަމަ ފަހަރު ވިއްކާލުމުން ލިބޭ 10 ޕަސެންޓުގެ ފީއަކާއި ގަންނަ ފަރާތުން ދައްކަންޖެހޭ ހަތަރު ޕަސެންޓުގެ ފީއެކެވެ. އެތަނުގެ އޯނާޝިޕް ޓްރާންސްފާ ކުރާ ކޮންމެ ފަހަރަކު ވެސް ހަތަރު ޕަސެންޓުގެ ފީއެއް ލިބޭނެ އެވެ. 

ރަސްމާލެ ދޫކޮށްލީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް، އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި މިހާރު ހަދާފައިވާ އެއްބަސްވުން އޮތް ގޮތުން ގޮތުން އެތަން އެއްކޮށް ގެއްލޭނެ އެވެ. ރަސްމާލެއިން ޕްރޮޕަޓީސް ގަންނަ މީހާއަށް ލިބޭ މީހާ އެތަން ވިއްކާލުމުން، ނުވަތަ ހިބައިން ދިނަސް އަނެއްކާ 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ.

އީގަލް ހިލްސާއެކު ހަދާފައިވާ އެއްބަސްވުން ސަރުކާރުން އާންމެއް ނުކުރެ އެވެ. އެތައް ބަޔަކު އަންނަނީ މި އެއްބަސްވުމާ ގުޅޭ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox