ރަކީދޫ ކައުންސިލުގެ މާލީ ޒިންމާތައް އަދާނުކުރާ ކަމަށް އޮޑިޓު އޮފީހުން ބުނެފި

އެންމެ އާބާދީ ކުޑަ ރަށްތަކުގެ ތެރޭގައި ހިމެނޭ ވ. ރަކީދު: މި ރަށުގައި މައިގަނޑު ގޮތެއްގައި އޮންނަނީ ޓޫރިޒަމް --- ފޮޓޯ: މޯލްޑިވްސް ވާޗުއަލް ޓުއާ

އެންމެ އާބާދީ ކުޑަ ރަށްތަކުގެ ތެރޭގައި ހިމެނޭ ވ. ރަކީދު: މި ރަށުގައި މައިގަނޑު ގޮތެއްގައި އޮންނަނީ ޓޫރިޒަމް --- ފޮޓޯ: މޯލްޑިވްސް ވާޗުއަލް ޓުއާ

ވ. ރަކީދޫ ކައުންސިލް އިދާރާގެ ފައިސާ ހަރަދުކުރުމާއި މާލީ މުއާމަލާތްތަކާ ގުޅޭ ލިޔެކިޔުންތަކާއި ހިސާބުތައް ތައްޔާރުކޮށް ބެލެހެއްޓުމާ ހަވާލުވެ ތިބި އިސް މީހުން އެ މީހުންނާ ހަވާލުކުރެވިފައިވާ ވަޒީފާގެ ޒިންމާތައް އެކަށީގެންވާ މިންވަރަށް އަދާކޮށްފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އޮޑިޓް އޮފީހުން ނެރުނު ރަކީދޫ ކައުންސިލުގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ ރަކީދޫ ކައުންސިލްގެ އިދާރާއިން 2024 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި އެ އިދާރާގައި ހިނގި ކަންތައްތަކުގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް ހުށަހަޅާފައިނުވާ ކަމަށެވެ.

މީގެ އިތުރުން ޕޭމަންޓް ވައުޗަރު ތައްޔާރުނުކޮށް ފައިސާ ހަރަދުކުރުމާއި ލިބޭ ފައިސާ އާއި ހަރަދުތަކުގެ ހިސާބުތައް ވިޔަ މޮޑިއުލްގައި ރިކޯޑްކުރަމުން ގޮސްފައިނުވާކަން ވެސް އޮޑިޓުން ވަނީ ހާމަވެފަ އެވެ. އަދި، ކައުންސިލުގެ އިދާރާގެ މާލީ މުއާމަލާތްތައް ލިޔެކިޔުމުން ބަލަހައްޓަމުން ގޮސްފައި ނުވާ ކަމާއި، ތިޖޫރީން ހަރަދުކުރާ ފައިސާއާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓަމުން ގޮސްފައިނުވާކަން ވެސް ވަނީ އެނގިފަ އެވެ. 

Advertisement

މި މައްސަލައިގައި އޮޑިޓު އޮފީހުން ވަނީ ރަކީދު ކައުންސިލުގެ އެކައުންޓުސް އޮފިސަރާއި ސެކެޓްރީ ޖެނެރަލާއި ކައުންސިލުގެ ރައީސްއާ މަތިކޮށްފައިވާ ޒިންމާތައް ހަނދާންކޮށްދީފަ އެވެ. 

އެ ގޮތުން ކައުންސިލްގެ އިދާރާގެ ފައިސާ އާއި މާލީ ހިސާބުތައް ބެލެހެއްޓުމާ ހަވާލުވެހުރި އެކައުންޓްސް އޮފިސަރުގެ ޒިންމާތަކުގެ ތެރޭގައި ފައިސާއާ ބެހޭ ފޮތްތައް ބެލެހެއްޓުމާއި އެ މަސައްކަތާ ގުޅިގެން ހަދަންޖެހޭ ރިޕޯޓްތައް ހެދުން ހިމެނޭ ކަމަށް ބުންޏެވެ. އަދި، ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލަކީ އެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފު ކަމަށް ވާއިރު، އިދާރާ ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި މަސައްކަތްތައް ހިންގައި ބަލަހައްޓަން ޖެހޭނެ ކަމަށް ބުންޏެވެ.

ރަކީދޫ ކައުންސިލުގެ މާލީ އިހުމާލުތައް

  • ކައުންސިލުގެ 2024 ވަނަ އަހަރުގެ މާލީ ބަޔާންތައް ތައްޔާރުކޮށް އޮޑިޓު އޮފީހަށް ހުށަހަޅާފައި ނެތުން
  • ކައުންސިލަށް ލިބޭ އާމްދަނީ އާއި ހަރަދުތައް ވިޔަ މޮޑިއުލްގައި އެކަށީގެންވާ ގޮތަށް ރެކޯޑުކޮށްފައި ނުވުން
  • ތިޖޫރީގައި ހުރި ފައިސާ ބޭންކަށް ޖަމާނުކޮށް ދިގު މުއްދަތަކަށް ބަހައްޓާފައި ވުމާއި ތިޖޫރީ ރިޕޯޓުތައް ތައްޔާރުކޮށްފައި ނެތުން
  • ކައުންސިލުގެ ވަގުތީ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުރި މުވައްޒަފަށް އެއްވެސް މަސައްކަތެއް ނުކޮށް ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ދިނުން
  • ވަގުތީ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުރި މުވައްޒަފުގެ އަމިއްލަ އެެކައުންޓަށް ކައުންސިލުގެ ފައިސާ ޖަމާކުރަމުން ދިޔުން
  • ކައުންސިލުގެ އިދާރާގެ އާމްދަނީ އިދާރީ މުވައްޒަފެއްގެ އަމިއްލަ އެކައުންޓަށް ޖަމާކުރުމަށް ފަހު ކައުންސިލު އެކައުންޓަށް ޓްރާންސްފާ ކުރުން
  • މުވައްޒަފުންގެ މުސާރައިން ފެންޝަން ފައިސާ ކަނޑާފައި، ޕެންޝަން ފައިސާ ޖަމާކޮށްފައި ނުވުން
  • ހަރުމުދަލުގެ ރަޖިސްޓްރީއެއް ބަލަހައްޓާފައި ނެތުން

މީގެ އިތުރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ކައުންސިލްގެ އިދާރާގެ މާލީ ރިޕޯޓްތައް ތައްޔާރުކުރުމާއި، ހުށަހަޅަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވުމާއި، އާމްދަނީ އާއި ހަރަދުގެ ހިސާބުތައް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަކީ ކައުންސިލްގެ ރައީސާ މަތިކުރެވިފައިވާ ޒިންމާތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އޮޑިޓް އޮފީހުން ބުނި ގޮތުގައި މާލީ ޒިންމާތައް އަދާކުރުމުގައި އިހުމާލުވުމުގެ ނަތީޖާއަކީ ކައުންސިލްގެ އިދާރާގެ މުދަލާއި ފައިސާގެ ރައްކާތެރިކަން ގެއްލުމެވެ. މިއީ ކައުންސިލުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާ ކަމެކެވެ.

މިހެންކަމުން ކައުންސިލްގެ އިދާރާގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅައި، ފައިސާ ހަރަދުކުރުމާއި މާލީ މުއާމަލާތްތަކުގެ ހިސާބުތައް ބެލެހެއްޓޭނެ ހަރުދަނާ އިންތިޒާމްތައް ހަމަޖެއްސުމަށް އޮޑިޓު އޮފީހުން ވަނީ ރަކީދޫ ކައުންސިލަށް އަންގާފަ އެވެ.

މި އޮޑިޓުގައި އެންމެ ބޮޑު ތުހުމަތެއް ކޮށްފައިވަނީ އެ ކައުންސިލުގެ ވަގުތީ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުރި މުވައްޒަފަށެވެ. އޭނާ ވަނީ އޭނާ ހުރި މަގާމުގެ މުސާރައިގެ އިތުރުން "މިސްކިތު ވޭޖު" ގެ ނަމުގައި ހަތަރު އަހަރު ދުވަހުގެ ތެރޭގައި 337،600ރ. ނަގައިފަ އެވެ.

އޮޑިޓު އޮފީހުން ބުނީ އޭނާއަށް ދެ މަގާމުގެ މުސާރަ ނަގަމުން ދިޔަ ނަމަވެސް، އިތުރު މުސާރައެއް ދޭން ޖެހޭ އެއްވެސް ކަމެއް ހަވާލުކުރިކަން އެނގެން ނެތް ކަމަށެވެ. 

އޭގެ އިތުރުން އޭނާ ވަނީ ކައުންސިލުން އެހެނިހެން ފަރާތްތަކަަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 79،771ރ. އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފަ އެވެ. އޮޑިޓު އޮފީހުން ބުނީ މި ފައިސާގެ ހައްގުވެރިންނަށް އޭނާ އެ ފައިސާ ރައްދުކުރިކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް ބަލަހައްޓާފައި ނެތް ކަމަށެވެ.  އެވެ. 

މި މައްސަލައިގައި އޮޑިޓު އޮފީހުން ވަނީ އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާއަށް ވީގޮތެއް ކަށަވަރުކުރުމަށް ފަހު، އެ ފައިސާ އަނބުރާ ހޯދަން އަންގާފަ އެވެ. އަދި، ދެ މުސާރަ ނެގި މައްސަލައިގައި އެއީ މާލިއްޔަތު ގަވާއިދާ ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ ކަމެއްކަން ފާހަގަކޮށް، އެ އޮފީހުން ވާނީ އޭނާގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިގެން އެ ފައިސާ ވެސް އަނބުރާ ހޯދަން އަންގާފަ އެވެ. 

މާލީ ޒިންމާތައް އަދާނުކުރި މައްސަލައިގައި އޮޑިޓު އޮފީހުން ލަފާދީފައި ވަނީ ކައުންސިލްގެ އިދާރާއަށް ލިބޭ ފައިސާއާއި ހަރަދުކުރާ ފައިސާގެ ހިސާބުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާ އެއް ގޮތަށް ތައްޔާރު ކުރުމަށެވެ. އަދި އެ ހިސާބުތައް ބަލަހައްޓައި، މާލީ ހިސާބުތައް ހުށަހަޅަންޖެހޭ އިދާރާތަކަށް ގަވާއިދުން ފޮނުވުމަށް ވެސް ރަކީދޫ ކައުންސިލަށް ވަނީ އިރުޝާދު ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox