އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން 34،000ރ. އަށް ލިބެން އޮތް އެއްޗެއް 1.7 މިލިއަން ރުފިޔާއަށް ގަތްކަން ފަޅާއަރައި، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފަށައިފި އެވެ.
މި މައްސަލައަކީ 2025 ވަނަ އަހަރު އެ ހޮސްޕިޓަލާއި އެތަނުގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް ބޭނުންވާ ލެބޯރެޓަރީ ކޮންޒިއުމަބަލްސް ހޯދުމަށް ކުރި އިއުލާނަކާ ގުޅިގެން ފެންމަތިވެފައިވާ މައްސަލައެކެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ 2022 އަދި 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ހުރި މި ޕްރޮކިއުމަންޓުގެ ތަފްސީލަށް ބަލާއިރު، ހޮސްޕިޓަލަށް ބޭނުންވާ 40،000 މައިކްރޯޕައިޕެޓް ޓިޕްސް ގަތުމަށް ކުންފުންޏަކުން ހުށަހަޅާފައިވަނީ 1،765،800ރ. (1.7 މިލިއަން ރުފިޔާ) އެވެ. އެއީ ކޮންމެ އެއްޗަކަށް 44.14ރ. ގެ މަގުންނެވެ.
ނަމަވެސް މީގެ ކުރިން ހޮސްޕިޓަލުން މި ބާވަތުގެ އެއްޗެއް ގަނެފައިވާ އެވްރެޖު އަގަކީ އެންމެ 31 ލާރި އެވެ. އަދި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މި ބާވަތުގެ އެއްޗެއް ވިއްކާ އަގު ބެލިއިރު، އެތަނުން މި އެއްޗެއް ވިއްކަނީ އެންމެ ރުފިޔާއަކަށެވެ.
މި ތަކެތި ގަތުމުގައި މާލިއްޔަތު ގަވާއިދުގައިވާ ގޮތަށް އަމަލުކޮށްފައި ނުވާކަން އޮޑިޓަށް ވަނީ ފާހަގަކުރެވިފަ އެވެ.

މާލިއްޔަތު ގަވާއިދުގައިވާ ގޮތުގައި އަންދާސީ ހިސާބުތައް ބަލައި ވަޒަންކުރާއިރު، ހުށަހަޅާފައިވާ އަގުތަކަކީ އެކަމަށް އެކަށީގެންވާ އަގެއްތޯ ބަލަން ޖެހެ އެވެ. އަދި ހޮސްޕިޓަލުގެ މައުލޫމާތު ކަރުދާހުގައިވާ ގޮތުގައި ވެސް، ހުށަހަޅާ ތަކެއްޗަކީ އެކަށީގެންވާ އަގުތަކެއްގައި ހުށަހަޅާފައިވާ ތަކެތިކަން ކަށަވަރުކުރަން ޖެހެ އެވެ. މިކަން ކުރަން އޮންނަނީ ހޮސްޕިޓަލުގެ ޓެކްނިކަލް ޓީމަކުންނެވެ. ނަމަވެސް މި މަރުހަލާގައި އެކަން ކޮށްފައި ނުވެ އެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބޮޑު އަގުގައި ތަކެތި ގަތުމުން މިލިއަނުން ގެއްލުން
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.
މީގެ އިތުރުން، މި ޕްރޮކިއުމަންޓަށް ބިޑު ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުންނެވެ. އަދި އެ ފަރާތުން ތަޖުރިބާގެ އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވެ އެވެ. ހޮސްޕިޓަލުން ވަނީ ދެ ވަނަ އިއުލާނަކަށް ނުގޮސް މި މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ. އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ޕްރޮކިއުމަންޓުގެ ދަށުން ހޯދި ތަކެތީގެ ޖުމުލަ އަގުގެ 64 ޕަސެންޓަކި ހަމައެކަނި މި ހޮޅިތަކުގެ އަގެވެ.
ހޮސްޕިޓަލުގެ ބިޑު ކޮމިޓީގެ ނިންމުމުގައި ކޮންމެ އައިޓަމެއް ވަކިން އިވެލުއޭޓުކޮށް އެވޯޑު ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މާކެޓް އަގަށް ވުރެ އެތައް ގުނައެއް ބޮޑު އަގުތަކެއް ހުށަހެޅުމުން ވެސް ބިޑު އިވެލުއޭޝަން އަދި ބިޑު ކޮމިޓީން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
މި މައްސަލަ އޭސީސީން ބަލަމުންދާތީ، އޮޑިޓު އޮފީހުން ލަފާ ދީފައި ވަނީ ސަޕްލަޔަރު ހުށަހަޅާފައިވާ ބިލަށް ފައިސާ ދޫކުރުން މަޑުޖައްސާލާށެވެ. އެއީ ފައިސާ ދޫކުރުމަކީ ތަހުގީގަށް ހުރަސްއެޅި ދައުލަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަކަށް ވާތީ އެވެ.
މީގެ އިތުރުން ވެސް ދައުލަތުގެ ފައިސާ އިސްރާފުކޮށް، އެންމެ ފައިދާހުރި ގޮތުގައި ކަންކަން ކުރުމުގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ވަނީ ފާހަގަވެފަ އެވެ. އެ ގޮތުން މާކެޓު އަގަށް ވުރެ ބޮޑު އަގުގައި އައްޑޫ ހޮސްޕިޓަލަށް ތަކެތި ގަންނަ މައްސަލަ އޮޑިޓުން ވެސް ވަނީ ހާމަވެފަ އެވެ.












