އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ އާންމު ކޮންޒިއުމަބަލްސް ނުވަތަ ބޭނުންކޮށްފައި އުކާލެވޭ ތަކެތި ހޯދުމުގައި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ތަކެތި ގަނެ، ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ވާގޮތަށް އަމަލުކޮށްފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ހާމަކޮށްފި އެވެ.
އޮޑިޓު އޮފީހުން ނެރެފައިވާ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ 2022 އާއި 2023 އަދި 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، ހޮސްޕިޓަލަށް ތަކެތި ގަތުމުގައި މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ އިގުތިސޯދީ ގޮތުން އެންމެ ފައިދާހުރި އަދި ޒިންމާދާރު އުސޫލުތަކަށް އަމަލުކޮށްފައި ނުވާ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2022 އިން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ތަކެތި ހޯދުމަށް ކުރި އިއުލާނުތަކުގެ ދަށުން ގިނަ އަދަދެއްގެ ތަކެތި ގަނެފައިވަނީ އެ ތަކެތި ވަކިން ވިއްކާ އަގުގަ އެވެ.
މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ގިނަ އަދަދަކަށް ތަކެތި ގަންނައިރު އެއްޗެއް ވަކިން ގަންނަ އަގުގައި ތަކެތި ގަނެގެން ނުވާނެ އެވެ. ނަމަވެސް، ހޮސްޕިޓަލުން 70 އަށް ވުރެ ގިނަ އައިޓަމަށް އަގު ހޯދިއިރު، އޭގެ ތެރެއިން ގިނަ ތަކެތި ގަނެފައި ވަނީ ބަލްކް ޕާޗޭސް ޑިސްކައުންޓް ފަދަ މާލީ ފައިދާތައް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓު އަގުގަ އެވެ.
މީގެ އިތުރުން، ހޮސްޕިޓަލަށް އެއް އަހަރު ދުވަހަށް ބޭނުންވާ ތަކެތީގެ މިންވަރު ބީލަން ހުށަހެޅި ފަރާތްތަކާ ހިއްސާކޮށްފައި ނުވާކަން ވެސް އޮޑިޓުން ވަނީ ހާމަވެފަ އެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅެފައިވާ އުސޫލުގެ ސަބަބުން ވެސް ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.
އަގުބޮޑުކޮށް ގަނެފައިވާ ތަކެތީގެ ތަފުސީލު (2022)
| ގަނެފައިވާ ތަކެތި | މާކެޓް ރޭޓް (ރ.) | އެއްބަސްވުމުގައިވާ އަގު (ރ.) | ފަރަގު (ރ.) | ގަނެފައިވާ އަދަދު | އިތުރަށް ހިނގާފައިވާ ހަރަދު (ރ.) |
| ބްލޭންކް ޑީވީޑީ | 4.67 | 21.60 | 16.93 | 18,700 | 316,591 |
| ޑިސްޕޯސަބަލް ތަށި | 0.3 | 0.88 | 0.58 | 175,000 | 101,500 |
| A4 ކަރުދާސް ރީމް | 56.18 | 78.30 | 22.12 | 985 | 21,788 |
| A5 ކަރުދާސް ރީމް | 40.77 | 54.00 | 13.23 | 1,170 | 15,479 |
| ދޮންނަ ކުނޑި | 30.97 | 46.38 | 15.41 | 960 | 14,794 |
އެ ގޮތުން، ތަކެތި ބޭނުންކުރާ މިންވަރަށް ނުބަލައި، ހަމައެކަނި ޔުނިޓު އަގުތައް އެއްކޮށްގެން ޖުމުލަ އަގު ކަނޑައެޅުމުގެ ސަބަބުން، ބައެއް ފަރާތްތަކުން އާންމުކޮށް ގިނައިން ބޭނުންކުރާ ތަކެތީގެ އަގު ބޮޑުކޮށްފައި، މަދުން ބޭނުންކުރާ ތަކެތީގެ އަގު ކުޑަކޮށް ހުށަހަޅައިގެން ބީލަން ކާމިޔާބުކޮށްފައިވާކަން ވަނީ އެނގިފަ އެވެ.
މިސާލެއްގެ ގޮތުން، 2023 ވަނަ އަހަރު އެންމެ ގިނައިން ބޭނުންކުރި ޑިސްޕޯސަބަލް ކަޕްގެ އަގަށް އެންމެ ރުފިޔާއެއް އިތުރުވިޔަސް، ހޮސްޕިޓަލުން ދެ ލައްކައެއްހާ ރުފިޔާ އިތުރަށް ހަރަދުކުރަން ޖެހޭނެކަން އޮޑިޓުން ދައްކަ އެވެ.
އޮޑިޓްގައި ސާމްޕަލްގެ ގޮތުގައި ބެލި 3.08 މިލިއަން ރުފިޔާގެ ތަކެތި ގަނެފައިވަނީ މާކެޓް އަގަށް ވުރެ 2.08 މިލިއަން ރުފިޔާ އަގު ބޮޑުކޮށް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. މިއީ މާލިއްޔަތު ގަވާއިދުގައި ބަޔާން ކުރާ، ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންވާ އަގުތަކެއްތޯ ބަލަން ޖެހޭނެ ކަމަށް އޮންނަ އުސޫލާ ހިލާފަށް ކޮށްފައިވާ ކަމެކެވެ.
އަގުބޮޑުކޮށް ގަނެފައިވާ ތަކެތީގެ ތަފުސީލު (2023)
| ގަނެފައިވާ ތަކެތި | މާކެޓް އަގު (ރ.) | އެއްބަސްވުމުގައިވާ އަގު (ރ.) | ފަރަގު (ރ.) | ގަނެފައިވާ އަދަދު | އިތުރަށް ހިނގާފައިވާ ހަރަދު (ރ.) |
| ބްލޭންކް ޑީވީޑީ | 4.67 | 23.1 | 18.43 | 38,050 | 701,261 |
| ޑިސްޕޯސަބަލް ތަށި | 0.3 | 1 | 0.70 | 631,000 | 441,700 |
| ޑަސްބިން ބޭގް (ލާޖް) | 3.3 | 6.2 | 2.9 | 46,500 | 134,850 |
| ޑަސްބިން ބޭގް (މީޑިއަމް) | 1.65 | 4.1 | 2.45 | 44,700 | 109,515 |
| ހޭންޑްވޮޝް | 22 | 62.5 | 40.5 | 2,453 | 99,346 |
| ހޮސްޕިޓަލް ކްރޮކްސް (ފައިވާން) | 137.8 | 510 | 372.2 | 192 | 71,462 |
| ޑަސްބިން ބޭގް (ކުދި) | 1.5 | 3.1 | 2.6 | 34,800 | 55,680 |
| ޖުމުލަ | 2,083,966 |
މި ގޮތަށް އަގު ބޮޑުކޮށް ގަނެފައިވާ ބާވަތްތަކުގެ ތެރޭގައި ގިނައީ އެންމެ ގިނައިން ބޭނުންކުރާ ބާވަތްތަކެވެ. ބްލޭންކް ޑީވީޑީތަކަކީ މީގެ ރަނގަޅު މިސާލެކެވެ.
އޮޑިޓުގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި 2022 ގައި މީގެ ސީޑިއެއް ގަތީ 21.6ރ. އަށެވެ. މިއީ މާކެޓު އަގަށް ވުރެ 16.9ރ. ބޮޑު އަދަދެކެވެ. ޖެހިގެން އައި އަހަރު މި މި ސީޑީތައް ގަންނަ އަގު ވަނީ 23.1ރ. އަށް ބޮޑުކޮށް، މާކެޓު އަގާ ހުރި ފަރަގު ވަނީ 18.4ރ. އަށް ބޮޑުކޮށްފަ އެވެ. މި މުއްދަތުގެ ތެރޭގައި މާކެޓު އަގު (4.67ރ) ލޯ ލާރިއެއް ވެސް ބޮޑު ނުވެ އެވެ.
މި ބްލޭންކް ޑީވީޑީތަކުން އެކަނި އެއް މިލިއަން ރުފިޔާ ވަނީ ދައުލަތަށް ގެއްލުންވެފަ އެވެ. އަދި އޮޑިޓުން ބެލި ސާމްޕަލްގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް އައިޓަމަކަށް އޮތީ ވެސް މި އައިޓަމެވެ.
މީގެ އިތުރުން، ވަކި ފަރާތަކަށް މަންފާވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބެލެވޭ ހެކިތަކެއް ވެސް ވަނީ ފެނިފަ އެވެ. އެ ގޮތުން، ކިއު ސިސްޓަމަށް ބޭނުންވާ ޕްރިންޓާ ރޯލް ހޯދުމުގައި، އެހެން ސަޕްލަޔަރަކު ހުށަހެޅި އަގަށް ވުރެ ބޮޑު އަގުގައި ކުރިން ވެސް ތަކެތި ފޯރުކޮށްދިން ފަރާތަކުން ތަކެތި ގަނެފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.
މި މައްސަލަތަކާ ގުޅިގެން އޮޑިޓާ ޖެނެރަލް ވަނީ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ނިޒާމު އިސްލާހުކޮށް، ދައުލަތުގެ ފައިސާ ހަރަދުކުރުމުގައި މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ ހާމަކަން ބޮޑު އަދި ޒިންމާދާރު އުސޫލުތަކަށް އަމަލުކުރުމަށް އިރުޝާދު ދީފަ އެވެ. އަދި ބީލަންތައް އިވެލުއޭޓް ކުރުމުގައި ހޮސްޕިޓަލަށް އެންމެ ފައިދާހުރި ގޮތްތައް އިހުތިޔާރު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ.











