ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަބަދު ވެސް ދައްކާ އެއް ވާހަކައަކީ އެ މީހުންގެ އަތްމަތި ދަތި ވާހަކަ އެވެ. ސަބަބަކީ ކޮބައިތޯ އެހުމުން ބުނަނީ ދާއިރާގެ ރައްޔިތުންގެ ބޭސްފަރުވާއަށާއި އެކި ކަންކަމަށް އަމިއްލަ ޖީބުން ހަރަދުކުރަން ޖެހޭތީ ކަމަށެވެ. ހިތާމައަކީ، ރައްޔިތުން މިހާ ނިކަމެތި ހާލުގައި އުޅޭކަން އެނގިތިބެ، އެ މީހުންނަށް ބަހާށޭ ކިޔައިގެން އަމިއްލަ ޖީބު ބަރުކުރާތީ އެވެ.
މި ވާހަކަ މި ގޮތަށް މި ދައްކަނީ ދައުލަތުގެ މާލީ ހާލަތު ދަށްވެ، ހަރަދުތައް ކުޑަކުރަން އެންމެން ގޮވާލަމުން ދަނިކޮށް މާލިއްޔަތު ކޮމިޓީން ވެރިންގެ އިނާޔަތްތައް އަނެއްކާ ވެސް ބޮޑުކޮށްފައިވާތީ އެވެ.
މަޖިލިސް ރައީސަށް ހާއްސަ އެލަވަންސަކަށް 22,000ރ. އިތުރުކޮށް މަހަކު 95,125ރ. އަށް މުސާރަ މަތިކުރި އިރު، އުއްތަމަފަނޑިޔާރުގެ މުސާރަ ވެސް ވަނީ އެ ވަރަށް ބޮޑުކޮށްފަ އެވެ. މީގެ އިތުރުން ވަޒީރުންގެ ކާރު އެލަވަންސް 17,000ރ. އަށް ބޮޑުކޮށް، 600 އަށް ވުރެ ގިނަ ރަށު ކައުންސިލަރުންނަށް އިތުރުކުރި އެލަވަންސާ އެކު، އަހަރަކު 39.5 މިލިއަން ރުފިޔާ ބަޖެޓަށް އިތުރު ވާނެ އެވެ.
މި ހުރިހާ ކަމެއް ދިރާސާކޮށް، މަޝްވަރާކޮށް، ގޮތް ނިންމާ، ވޯޓަށް އަހަން މާލިއްޔަތު ކޮމިޓީއަށް ބޭނުންވީ އެންމެ 82 މިނިޓެވެ. ރައްޔިތުންގެ ކަންކަމުގައި މަސްތަކަށް ދެމިގެންދާ ބަހުސްތަކާއި ބޮޑެތި ދިރާސާތައް ކުރަން ޖެހުނަސް، މެންބަރުންގެ މުސާރައާ ޖެހުމުން ނެގީ އާދައިގެ ފިލްމެއް ބަލައި ނިންމާލާހާ ވަގުތެވެ.
މި ކަންކަމާ ރައްޔިތުން ރުޅިއައިސް ފާޑުކިޔަން ފެށުމުން މެންބަރުން ނަގަނީ، އެއްކަލަ "ދަތި ހާލުގެ" ދިފާއު އެވެ.
މެންބަރުންގެ "ދަތި، މަޖުބޫރު" ދިރިއުޅުން ކިޔައިދެއްވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ސޯޝަލް މީޑިއާގައި ވިދާޅުވީ ރާއްޖޭގައި ބެލެވިފައި އޮންނަނީ މަޖިލިސް މެންބަރުން ދާއިރާތަކަށް ހަރަދުކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިޖުތިމާއީ އޮނިގަނޑު އެތުރިފައި އޮތް ގޮތުން މިއީ މެންބަރުންނަށް ރެކެވެން ނެތް ޒިންމާއެކެވެ.
"އާންމުކޮށް ވަރަށް ގިނަ މީހުން މާލީ އެހީތެރިކަމަށް އެދި ގުޅާ، އަޅުގަނޑުމެންނަކީ ކުދި ރަށްތަކަށް ނިސްބަތްވާ ބަޔަކަށް ވާތީ އެހީއަށް އެދޭ މީހުންނަކީ ގިނަ ފަހަރަށް އާއިލީ ގޮތުން ނުވަތަ އެހެން ގޮތަކުން ގާތް މީހަކަށް ވާތީ އެފަދަ ކަންކަމަށް ނޫނެކޭ ބުނުމަކީ ދަތި ކަމެއް،" އަޒާން ލިޔުއްވާފައިވެ އެވެ.
އަޒާން އެ ވިދާޅުވަނީ ހަމަ ތެދެކެވެ. ގިނަ ދިވެހިން ގަބޫލުކުރަނީ ދާއިރާގެ މެންބަރަށް ކުރި ތާއީދާއި ދިން ވޯޓުގެ ބަދަލުގައި، ބުނާ ކޮންމެ ކަމެއް ކޮށްދޭން ޖެހޭނެ ކަމަށެވެ. އެކަމަކު މި ހިސާބުން މި ވާހަކަ ނިންމާލެވޭކަށް ނެތެވެ. މެންބަރުންގެ ފައިބުޑަށް އާދޭސްކޮށް ސަލާންޖަހަން އާންމު ރައްޔިތުން ދާން ޖެހޭ އަސްލު ސަބަބު ވެސް ކިޔައިދޭން އެބަ ޖެހެ އެވެ.
ފަހަރުގައި، ރަސްމީ ހިސާބުތަކުން މި ފެންނަ ހަގީގީ ނަންބަރުތައް ކިޔައިދިނީމާ، ރައްޔިތުންގެ ހާލު، މަޖިލިސް މެންބަރުންނާއި ވެރިކަން ހިންގަން ތިބި ބޭފުޅުންނަށް ސާފު ވެދާނެ އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ރަސްމީ ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ އެވަރެޖު އަސާސީ މުސާރައަކީ މަހަކު އެންމެ 7,624ރ. އެވެ. އަދި މިނިމަމް ވޭޖް ރިޕޯޓުން ދައްކާ ގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ އެތައް ހާސް ރައްޔިތުން މަހުން މަހަށް ގެއަށް ގެންދަން ލިބެނީ 4,500ރ. އާއި 7,000ރ. އާ ދެމެދުގެ ކުޑަ އާމްދަނީއެކެވެ.
އާމްދަނީ މިހާ ދަށުގައި އޮތް އިރު، ސްޓެޓިސްޓިކްސް ބިއުރޯގެ ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވޭ (ހަޔެސް) އިން ދައްކާ ގޮތުގައި ރާއްޖޭގައި ގޭބިސީއެއްގެ އެވަރެޖު މަހު ހަރަދު އުޅެނީ 28,251ރ. ގަ އެވެ. މާލޭގައި މި ހަރަދު މަހަކު 37,000ރ. އަށް އަރާއިރު، ދައުލަތް ހިންގުމުގައި ތިބި ސިވިލް ސާވިސްގެ 67 ޕަސެންޓް މުވައްޒަފުންގެ އަސާސީ މުސާރައަކީ މަހަކު 10,000ރ. އަށް ވުރެ ވެސް ކުޑަ މިންވަރެކެވެ.
މި ފަރަގުގެ ބޮޑުމިން އެންމެ ސާފު ވަނީ ސިވިލް ސާވަންޓަކާއި މަޖިލިސް މެންބަރެއްގެ މުސާރަ އަޅާކިޔުމުންނެވެ. މަޖިލިސް މެންބަރަކަށް ފަސް އަހަރުގެ ދައުރެއްގައި މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 4.95 މިލިއަން ރުފިޔާ ލިބޭއިރު، މަހަކު 10,000ރ. ލިބޭ ސިވިލް ސާވަންޓަކު މި ވަރުގެ އާމްދަނީއެއް ހޯދަން ހަރަދެއްބަރަދެއް ނުކޮށް، މެދުކެނޑުމެއް ނެތި 41 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރަން ޖެހެ އެވެ.
ހިސާބުތައް ކަމުނުދަންޏާ، ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ވާލްޑް ބޭންކުން ނެރެފައިވާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ނުކުތާތައް ކިޔައިދީފާނަމެވެ.
އެ ބޭންކުން 2022 ގައި ނެރުނު ރާއްޖޭގެ "ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު" ގައިވާ ގޮތުން، ދިވެހި ދައުލަތުގެ ބަޖެޓުގެ ތިންބައިކުޅަ އެއްބަޔަކީ މުސާރަ އާއި އިނާޔަތްތަކުގެ ހަރަދެވެ. މިއީ ސަރަހައްދީ އެހެން ގައުމުތަކާއި ކުދި ޖަޒީރާ ގައުމުތަކާ އަޅާބަލާއިރު ވެސް އިންތިހާއަށް ބޮޑު މިންވަރެކެވެ. މިފަދަ ބޭކާރު ހޭދަތަކުގެ ސަބަބުން ދައުލަތުގެ މާލިއްޔަތު ނުރައްކަލަށް ވެއްޓެމުންދާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ވާލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ތަކުގައި ވެސް މި އިންޒާރުތައް ތަކުރާރުކޮށްފައިވެ އެވެ. އެ ރިޕޯޓުތަކުގައި ވަނީ ދައުލަތުގެ ދަރަނި އިންތިހާއަށް އުފުލި، ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް އޮތް އިތުބާރު ކުޑަވަމުންދާތީ، ހަރަދުތައް ހަމަ މަގަށް އަޅުވަން ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. މި ލިސްޓުގެ އެންމެ ކުރީގައި އޮތީ މުސާރަ ހޭދަ ކޮންޓްރޯލްކުރުމެވެ.
"ރާއްޖޭގެ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި މުސާރައިގެ ބިލު ހިފެހެއްޓުމާއި، ހަރަދުތައް ހަމަހަމަ އުސޫލަކުން ތަރުތީބުކުރުން ކޮންމެހެން މުހިންމު،" ވާލްޑް ބޭންކުން ބުނެފައިވެ އެވެ.
ދާއިރާގެ ރައްޔިތުންނަށް މެންބަރުންގެ އެހީތެރިކަން ބޭނުންވާ ވާހަކައަކީ ދޮގެއް ނޫނެވެ. ނަމަވެސް މެންބަރުން އަމިއްލަ ނަފުސާ ކޮށްލަންވީ ސުވާލަކީ، ސަރުކާރު ވަޒީފާތަކާއި، އެކި ލުއިތަކާއި، އިނާޔަތްތަކުގެ އިތުރުން ސަބްސިޑީ އާއި ހިލޭ ބޭސްފަރުވާ އާއި ވެލްފެއާގެ މިހާ ބޮޑު ނިޒާމެއް އޮތް އިރު ވެސް ރައްޔިތުން މެންބަރުންގެ ފަހަތުން ސަލާންޖަހަން އަންނަން މި ޖެހެނީ ކީއްވެގެން ހެއްޔެވެ؟
ޖަވާބަކީ ނުވާތީ އެވެ. ނުފުދޭތީ އެވެ. ސަރުކާރުގެ ސިޔާސަތުތަކުން ތަސައްލީއެއް ނުލިބި، ތަނަވަސް ގައުމެއްގައި ނުތަނަވަސް ދިރިއުޅުމެއް އުޅެން ޖެހިފައިވާތީ އެވެ.
މި ތަނަވަސްކަމުގެ ފޮނިމީރުކަން ހޯދަން އާންމު ރައްޔިތު މީހާ އުމުރު ދުވަހު ދާ އޮހޮރުވައިގެން ވެސް ރާހަތެއް ނުކުރާއިރު، ވެރިންގެ ޖީބަށް ހާހުންހާހުން ރުފިޔާ އިތުރުކުރުމަކީ އިންސާފެއް ނޫނެވެ. ދައުލަތުގެ ނިޒާމުތަކުން ރައްޔިތުންގެ ފުދުންތެރިކަން ކަށަވަރުކޮށްނުދީ، މިގޮތަށް ކަންކުރުމަކީ ދެކޮޅު ޖެހޭ ސިޔާސަތެއް ވެސް ނޫނެވެ.
މިއީ ހަމަ ދިވެހި ހަރުބަހުގައި ބުނާ ފަދައިން "ކަނޑުން ބޮޑުމަސް، ދޮށިން އެންމަސް" ނެގުމުގެ އުސޫލެވެ. މި އުސޫލު ދަމަހައްޓާހާ ހިނދަކު، މެންބަރުންގެ ފަހަތުން ރައްޔިތުން ސަލާންޖެހުން ހުއްޓައެއް ނުލާނެ އެވެ. އަދި ދާއިރާއަށް ހަރަދުކުރަން މަޖުބޫރުވާ އިޖުތިމާއީ ގޯސް އޮނިގަނޑު ވެސް ބަދަލެއް ނުވާނެ އެވެ.












